ވާހަކަ: އެދެވޭތީ އަދު ބުނަމޭ – އަށާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެއްވެސް ލަކުނެއް ނުވާ ނަޖުވާގެ އޮމާން މޫނަށް ކަޅިޖަހާނުލާ ނަޖުވާއަށް ބަލަހައްޓައިގެން ސައިފްއަށް އިނދެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަޖުވާގެ އެގާތްކަމުން ސައިފްގެ ހިތުގައި ތަފ...

10 Feb 2022 | 10:50

ކުރީގެ އަދަދާއި ގުޅޭ...

އެއްވެސް ލަކުނެއް ނުވާ ނަޖުވާގެ އޮމާން މޫނަށް ކަޅިޖަހާނުލާ ނަޖުވާއަށް ބަލަހައްޓައިގެން ސައިފްއަށް އިނދެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަޖުވާގެ އެގާތްކަމުން ސައިފްގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. ސައިފްގެ ތުންފަތަށް ވެރިވެގެންދިޔަ ތަފާތު ހިނިތުންވުން އެކަމުގެ ރަމްޒެއް ކަމުގައި ފުދެއެވެ.

***************

ފަތިސް ނަމާދުކޮށްގެން އައި ގޮތަށް އާކިންއަށްވެސް ނިދުނީއެވެ. ހޭލެވުނީ ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ އަނެއްފަރާތުގައި އޮތް ރޫބީއަށެވެ. ރޫބީގެ ނިތުގައި އަތް ޖައްސައިލީ ހުމުގެ އަސަރެއް ހުރިތޯ ބަލައިލުމަށެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ހޫނުކަން ހުރުމުން ސައިޑް ކަބަޑުމަތީގައި އޮތް ހުން ބަލާ ކަށިގަނޑު ނެގުމަށްފަހު ކަންފަތަށް ލައްވައިލިއެވެ. އެހެނަސް އޭގެއިން ދެއްކީ ހުމުގެ އަސަރެއް ނެތް ކަމަށެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު އާކިންއަށް ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ.  އަރާމު ނިންޖަކުން ރޫބީ ނިދާލާފައި އޮތްތަން ފެނި އާކިންއަށް ހިނިތުންވެވުނެވެ. ކުރެވެމުން ދިޔައީ ކޮންކަހަލަ އިހުސާސެއް ކަމެއް ބުނެދޭކަށް ނޭނގުނެވެ. އެހެނަސް އެކަން ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. ސައިފްގެ ނަން ހިތަށް އައިސް ވަނުމާއެކު އާކިންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. މޫނުމަތީގައި އަތް ހިންގައިލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އޮތްތަނުން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަދިވެސް އެއްފަހަރު ރޫބިއަށް ބަލައިލުމަށްފަހު އެނދުން ފޭބިއެވެ.

**************

ސައިފް ވަޒީފާއަށް ދިއުމުން ނަޖުވާ ފޫހިވެފައި އިނެވެ. ސޯފާގައި ފޯނާ ކުޅެން އިނުމަށްފަހު ގޭ ދޮރު ކައިރިއަށް ނިކުމެލިއެވެ. މަގުގެ ދެފަރާތަށް ނަޒަރު ހިންގައިލި ހިނދު އިއްޔެ ފެނުނު އަންހެންމީހާ ގެކައިރީގައި ޖޯލިފަތީގައި މުރަނގަފަތް ފިލުވަން އިންދާ ފެނުނެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ނަޖުވާއަށް އެދިމާލަށް ހިނގައިގަނެވިއްޖެއެވެ. ނޭނގޭ ބާރަކުން ނަޖުވާ އެދިމާލަށް ގެންދާފަދައެވެ. ނަޖުވާ ގޮސް ހުއްޓުނީ އެ އަންހެންމީހާގެ ކުރިމަތީގައެވެ. އަންހެންމީހާގެ ނަޒަރުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނަޖުވާގެ ދެފައެވެ. މަޑުމަޑުން މައްޗަށް ނަޒަރު ހިންގައިލިއެވެ. ނަޖުވާގެ މޫނު ފެނުމާއެކު އަންހެންމީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

" އައްސަލާމް އަލައިކުމް... " ހިނިތުންވެލަމުން ނަޖުވާ ބުނެލިއެވެ. އަންހެންމީހާއަށް ހީވީ ބިރެއް ފެނުނުހެންނެވެ. ޖޯލިން ތެދުވެވުނީ ކުއްލިއަކަށެވެ. އެހިނދު އުނގުމަތީގައި ހުރި މުރަނގަފަތް ދޮލަނދު ތިރިއަށް ވެއްޓުނެވެ. ނަޖުވާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައީ އެއަންމީހާއަށް ވީގޮތް ފެނިފައެވެ.

" ދައްތާ.. ކިހިނެއްވީ..." އެމީހާއަށް ކަމެއްވަނީ ހީކޮށް ނަޖުވާ އަހައިލިއެވެ. އެހިނދު އެމީހާއަށް ލިބިފައިވާ ބިރުވެރިކަން އިތުރުވި ކަހަލައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ދުވެފައި ގޮސް ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ނަޖުވާ ހައިރާންވެފައި އެމީހާ ވަންދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު މަޑުމަޑުން އައި ކޮޅަށް ދާން އެނބުރި ހިނގައިގަތެވެ.

******************

ފެންވަރައިގެން ނިކުމެވެސް ފުރަތަމަ ބަލައިލެވުނީ ރޫބީއަށެވެ. ކްލޯޒެޓަށް ވަދެ ހެދުން ބަދަލުކޮށްގެން ނިކުތްވަގުތު ރޫބީ އެނދުގައި އިށީނދެގެން އިންތަން ފެނުނެވެ. ނިތްކުރީގައި ހިފަހައްޓާލައިގެން އިން ރޫބީއަށް އާކިން ފެނުމާއެކު ދެބުމަ ގޮށް ޖަހައިލެވުނެވެ. އިންތަނުން ރޫބީ ތެދުވީ ކުއްލިއަކަށެވެ. އެހިނދު ބޮލަށް އެނބުރުން އަރައި އަރިއަޅައިލިއެވެ. ހުށިޔާރުވެ ހުރެ އާކިން ރޫބީގެ އަތުގައި ހިފަހައްޓައިލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅެން ނެގީ ހިނދުކޮޅެކެވެ.

" ކެއަރފުލް ރޫބީ.. ކީއްކުރަން ތިތެދުވީ.. އަހަރެންނަށް ގޮވިނަމަ.." ރޫބީ ބައިންދަން މަސައްކަތް ކުރަމުން އާކިން ބުނެލިއެވެ. ރޫބީއަށް ދަތްކުޑިވިކައިލެވުނީ އައި ރުޅީގައެވެ.

" ޑޯންޓް ޓަޗް މީ ޔޫ ޖަރކް..." އާކިންގެ އަތް ފޮޅުވައިލަމުން ރޫބީ ހަޅޭއްލަވައިގަތެވެ.

" ލުކް ރޫބީ.. އަހަރެންނަށް އެނގޭ މިވަގުތު ތިހިރީ ވަރަށް ރުޅިއައިސްފަކަން.. އެކަމަކު މިވަގުތު ޔޫ ނީޑް ޓު ރެސްޓް... ޕްލީޒް އިށީނދެބަލަ.." މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން އާކިން ބުންޏެވެ.

" ޖަސްޓް ސްޓޮޕް އިޓް އާކިން... އަހަރެންނަށް ކުރިންވެސް އެނގޭ ތީ ވަރަށް ރަހުމް ކުޑަ އިންސާނެއްކަން.. އެކަމަކު މީހެއްގެ ފުރާނަޔާ ކުޅޭވަރަށް ތިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް އުއްމީދެއް ނުކުރަން.. " ރޫބީގެ ދެލޯ ކަރުނުން ފާއްދައިލިއެވެ.

" ވާރޭވެހުނުކަން އަހަރެންނަށް ނޭނގުނީ..." އިސްޖަހައިލަމުން އާކިން ބުންޏެވެ.

" ހުއްޓާލާ އާކިން!! އަހަރެންނަށް ވަރަށް ކެތް ކުރެވިއްޖެ.. ކޮބާތަ އަހަރެންގެ ކުށަކީ.. " ރޫބީ ހަޅޭއްލަވައިގަތެވެ. އާކިން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނެވެ.

" ކޮބާހޭ އަހަރެންގެ ކުށަކީ... ؟" މިފަހަރު ރޫބީގެ އަޑު ބާރުވެގެން ދިޔައެވެ. ހިތަށް ކުރި ފުންއަސަރުން ދެކޯތާފަތް ތެންމާލަކަށ މާގިނައިރެއް ނުނެގިއެވެ.

" ރޫބީގެ ކުށަކީ އަހަރެންނާ ނަޖުވާ އާ ދުރުކުރުވުން.. ހަނދާން ނެތުނީތަ އެދުވަހު ނަޖުވާ ރޫބީ ކައިރީގައި އާދޭސް ކުރުމުންވެސް ރޫބީ ދިން ޖަވާބު... އެންމެ ގާތް އެކުވެރިޔާއަށް ދިން ކެހި ހަނދާން ނެތުނީތަ؟" އައި ރުޅީގައި އާކިންވެސް ބުނެލިއެވެ.

" އެންމެ ރަނގަޅު... އަހަރެން ކައިވެންޏަށް އެއްބަސްވީޔޯ.. ވަޓް އެބައުޓް ޔޫ.. މިކަވެނި ކުރެވުނީ އާކިންވެސް އެއްބަސްވެގެން ނޫންތަ؟ މިކަމުގަ އަހަރެން އެކަނިތަ ކުށްވެރީ..." ރޫބީވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

" އަހަރެންނަށް މަޖުބުރުވީ އަހަރެންގެ މައިންބަފައިންގެ ސަބަބުން.. އެމީހުން ހިތުގައި ޖައްސަން އަހަރެންނަށް ނުކެރުނީ..." އާކިން ބުނެލިއެވެ.

" ހަމަ ތިގޮތް އެހެންމީހަކަށްވެސް ވެދާނެ ކަމަށް ޤަބޫލުކުރެވޭތަ... އެދުވަހު އާކިންއަށް ތިއިވުނު ވާހަކަތަކަކީ ހަޤީގަތެއް ނޫނޭ އަހަރެން ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟ އަހަރެންނަށްވެސް މަޖުބޫރުވީޔޭ ބުނެފިއްޔާ އެކަން ޤަބޫލުކުރާނަންތަ؟" ރޫބީ ބުންޏެވެ. އާކިންއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. ރޫބީ ރޮމުން ރޮމުން އެނދުގައި އިށީނެވެ.

" އަހަރެން މިކައިވެންޏަށް އެއްބަސްވީ އަހަރެންގެ ބައްޕައަށްޓަކައި.. " ރޫބީގެ އަޑުމަޑުވިއެވެ. " އެދުވަހު ނަޖުވާ ކައިރީގައި އެހެންބުނެ އޭނާގެ ހިތްހަލާކުކޮށްލަން އަހަރެންނަށް މަޖުބޫރުވީ.. އަހަރެންނަށް މަޖުބޫރުވީ ކެންސަރާ ހަނގުރާމަކުރަމުން ދިޔަ އަހަރެންގެ ބައްޕަގެ އުފަލަށްޓަކައި..." ގިސްލަމުން ރޫބީ ބުންޏެވެ. އާކިންއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުވިއެވެ.

" ޤަބޫލުނުކުރެވެންޏާ އާކިންގެ މައިންބަފައިން ކައިރިން އަހާ.. އެމީހުން މިވަގުތު ތިބީ އަހަރެންގެ ބައްޕަގެ ފަރުވާއަށް ގޮސް.. އާކިންއަށް އާކިންގެ މަންބަފައިން މުހިންމުވި ފަދައިން އަހަރެންނަށްވެސް އަހަރެންގެ މައިންބަފައިން މުހިންމު.. ނަޖުވާ ކައިރީގައި އެދުވަހު އެހެން ބުނީ ބައްޕަގެ ކެންސަރުގެ ވާހަކަ ނަޖުވާ ކައިރީގައި ބުނާނެ ހިތްވަރެއް ނެތިގެން.. އެވާހަކަ އަހަރެންނަށް އެނގުމުން މިހިތަށް ކުރި އަސަރު ނަޖޫއަށް ކުރުވަން ބޭނުންނުވީ.. އެދުވަހު ނަޖޫ ކައިރީގައި އެހެންބުނި ވަގުތު މިހިތް ފޮތިފޮތި ވި ކަހަލަ އިހުސާސެއް ކުރެވުނު.. ގެއްލުނީ ހަމައެކަނި އާކިންގެ ލޯތްބެއް ނޫން.. އަހަރެންގެ ލޯބިވެސް ގެއްލުނީ.. " ރޫބީ ގިސްލަމުން ކިޔައިދިނެވެ. އާކިންއަށް ކިޔާނެ ބަހެއް ނޭނގުނެވެ. އޭނާއަށް ލިބިފައިވި ސިހުން އަދިވެސް ނުފިލާ ކަހަލައެވެ.

" ނަޖޫ ކައިރީގައި އެހެން ބުނެފައިވެސް އެދުވަހު ދެވަނަ ފަހަރަށް އަހަރެން މަންމައާ ވާހަކަ ދެއްކިން.. ނަޖޫއާ އާކިންގެ ގުޅުމުގެ ވާހަކަ މަންމައަށް ކިޔައިދިނިން... " ދެލޯ ފޮހެލަމުން ރޫބީ ތެދުވިއެވެ. އެހެނަސް ކަރުނައަށް ހުއްޓުމެއް ނާދެއެވެ.

" މަންމަ ކައިރީގައި އަހަރެން ބުނިން އަހަރެންގެ ބަދަލުގަ ނަޖޫގެ ކައިވެނި އާކިން އާ ކުރެވުނަސް ބައްޕަ އުފާވާނޭ.. އެއީ ބައްޕަ އަހަރުމެން ދެމީހުން މެދުގައި ދުވަހަކުވެސް ތަފާތު ކޮށްފައި ނުވާތީ.. އެކަމަކު މަންމައަށް އެއްވެސް ކަމެއް ކޮށްދެވެން ނެތް ވާހަކަ ބުނީ ރޮމުން.. ބުނީ އާކިންއާ ކަވެނި ކުރިޔަސް ނަޖޫއަށް މިގޭގަ އުފަލަކުން ނޫޅެވޭނޭ.. އެނގޭތަ ކީއްވެގެން ކަން؟؟" އާކިންއަށް ބަލައިލަމުން ރޫބީ ބުންޏެވެ.

" އާކިންގެ މަންމަ... އާކިންގެ މަންމައާ ހެދި.. އާކިންގެ މަންމަގެ ހިތުގައި ނަޖޫއަށްޓަކައި އޮތް ނަފްރަތު އެނގޭތީ.. އެނަފްރަތުގެ ސަބަބަކީ ނަޖޫއަކީ ރަށްމެދަށް ވިހޭ ކުއްޖަކަށް ވުން.. ބައްޕަ ޔަގީންނުވާ ކުއްޖަކަށް ވުން...އަދި  މާޒީގާއި ނަޖޫގެ މަންމައާއި އާކިންގެ މަންމައާ ޖެހިފައި އޮތް މައްސަލަތަކެއްގެ ސަބަބުން.. " އާކިންގެ މޫނުން ނަޒަރު ވަކިކޮށްލަމުން ރޫބީ ބުންޏެވެ. އެހިނދު އާކިން ހަނދާންވީ ރޭގައި އަމްރާ ބުނި ވާހަކައެކެވެ.

" އަދި އެއްވާހަކަ.. އާކި ނަޖޫގެ ވާހަކަ މަންމަމެން ކައިރީގައި ބުނި ނަމަވެސް އާކިގެ ކައިވެނި ނަޖޫއާ ނުކުރެވުނީސް ކަންނޭނގެ...." އަމްރާގެ އެބަސް އާކިންގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.

" ކޮންމެ ހާލަތެއްގައިވެސް ކައިވެނި ކުރިނަމަވެސް އަހަރެންގެ ފިރިމީހާއަށް ވަފާތެރިވާން އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެން... އުނދަގޫ ނަމަވެސް ސައިފްމަތިން ހަނދާން ނައްތާލަން އަހަރެން މަސައްކަތް ކުރިން.. ފިރިމީހާއަށްޓަކައި ހިތުގައި ލޯބި ޖައްސަވާތޯ ކޮންމެ ނަމާދެއްގެ ފަހަތުގައި ދުޢާ ކުރަން.. ޤަބޫލުކުރަން އަހަރެންނަށް ކުށެއް ކުރެވުނުކަން.. އެއީ އާކިންއަށް ނާންގާ ސައިފްއާ ވާހަކަ ދެއްކުން.. އެކަމަކު އޭގެ ފަހަތުގައިވެސް އެކަށީގެންވާ ސަބަބެއް އޮވެގެން އެއީ.. " އެހެން ބުނުމަށްފަހު ރޫބީ ގޮސް ސައިޑު ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. އިރުކޮޅަކު ފޯނާ ކުޅެލުމަށްފަހު ފޯނު ގެނެސް އާކިންގެ އަތަށް ލައިދިނެވެ.

" ތީގެ ލޮކް ފިލުވާފައި ތިއޮތީ.. އަހަރެން ސައިފްއާ ދެއްކި ހުރި ވާޙަކައެއް ތީގައި ފެންނަން އޮންނާނެ.. " ރޫބީ ބުންޏެވެ.

" އަހަރެންގެ ބައްޕަ ރަނގަޅުވެގެން އައިހާ އަވަހަކަށް އަހަރެން ވަރިވާން އެދޭނަން.. ގަދަކަމުން މީހެއްގެ ދިރިއުޅުމުން ޖާގަ ހޯދާކަށް އަހަރެން ނެތިން..." އެހެން ބުނުމަށްފަހު ރޫބީ މަޑުނުކޮށް ގޮސް ފާހާނާއަށްވަދެ ދޮރު ލެއްޕިއެވެ. އާކިން އެކޭ މަރުވެފައިވާ މައްޔިތެކޭ އެއްފަދައެވެ. މަޑުމަޑުން ހިނގަމުން އައިސް ކޮޓަރިން ނިކުތެވެ. އެހިނދު ދޮރުކައިރީގައި އެމީހުން ދައްކާ ވާޙަކަ އަޑުއަހަން ހުރި އަމްރާ ފެނުނެވެ. އަމްރާގެ ދެލޯ ފޮހެލިތަން އާކިންއަށް ފެނުނެވެ. ވަކި އެއްޗެއް ނުބުނެ އާކިން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" އާކި... ރޫބީ އިޒް ރައިޓް.. އަވަރ މަމް ހޭޓްސް ނަޖޫ... މަމް އަހަރެންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން.." އަމްރާ ބުނެލިއެވެ. އާކިން މަޑެއް ނުކުރިއެވެ. ފަހަތް ބަލައިވެސް ނުލާ ސިޑިން ފޭބިއެވެ. އޭނާގެ މިސްރާބު ހުރީ އެގެއިން ނިކުތުމަށެވެ.

*************************

ފެންވަރައިގެން ނިކުތް ނަޖުވާގެ އިސްތަށިގަނޑު ކޮޅުން އަދިވެސް ރަނގަޅަށް ފެން ނުހިކެއެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން ލައިގެން ހުރި މަޑު ނޫ ކުލައިގެ އަތްކުރު ޓީޝާޓްގެ ބުރަކައްޓާ ހަމައިން ތެމިފައި ހުއްޓެވެ. ޓީވީ ހުރި ދިމާލުން މަތީގައި ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޖުވާ ބަލާލިއެވެ. ދޭއް ޖަހަން މާގިނަ އިރެއް ނެތެވެ. ޓީވީ ހުޅުވައިގެން ނަޖުވާ އޮށޯތީ ސޯފާގައެވެ. ސައިފް ގެއިން ބޭރުގައި ހުންނަ ވަގުތެއް ވިއްޔާ ނަޖުވާ އުޅެންޖެހެނީ ފޫހިވެގެންނެވެ. ޓީވީ އިން ދައްކަމުން ދިޔަ ހިންދީ ފިލްމެއް ބަލަން އޮވެފައި ނަޖުވާ ދޮރާ ދިމާލަށް ބަލާލީ ދޮރު ހުޅުވުނު އަޑަށެވެ. އޮށޯވެގެން އޮވެފައި ރަނގަޅަށް ނުތެދުވެވެނީސް ސައިފް އެތެރެއަށް ވަދެއްޖެއެވެ.

ނަޖުވާ ބަލަން ހުރިކަން އިނގުމުން ސައިފް އަތުގައި އޮތް ކޮތަޅެއް ފަހަތަށް ލިއެވެ. ނަޖުވާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ސައިފް ފޮރުވި އެއްޗެއް ވަގުތުން ބަލަން ބޭނުންވިއެވެ.

"ހާދަ ވަގޭ ދޯ" ސޯފާމަތީގައި ރިމޯޓް ބާއްވާފައި ސައިފް އާ ދިމާލަށް ހިނގައިގަންނަމުން ނަޖުވާ ބުންޏެވެ.

"ވަގޭ. އަހަރެންތަ؟" ސައިފް ބުންޏެވެ. ސައިފް ތިރިއަށް ވައްޓާ މަރާލާފައިވެސް އަތުގައި އޮތް އެއްޗެއް ނަޖުވާ ބަލާނެކަން އިނގޭތީ ނަޖުވާ އަރާ ހަމަވުމުގެ ކުރިން ސައިފް ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. ކޮތަޅެއްގައި އޮތުމުން ސައިފް އަތުގައި ހުރީ ކޯޗެއް ކަމެއް ނަޖުވާއަށް ސާފެއް ނުވިއެވެ.

"ވާއު...." ސައިފް މޭޒުމަތީގައި ކޮތަޅުން ނަގާފައި ބެހެއްޓި އެއްޗެއް ފެނިފައި ނަޖުވާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ތުންފަތުގައި ނަޖުވާ ދޫ ހާކާލިތަން ފެނިފައި ސައިފް ކައިރިއަށް ހިނިއައެވެ.

"ބުނީ އައިސް ކްރީމް ބޯހިއްވާ ވާހަކަ. ކޮން ފްލޭވާއެއް ކަމެއް ނުބުނޭ. އެހެންވެ މިހުރީ މިކްސްއެއް ގެނެސްފަ" ސައިފަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ނަޖުވާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސަމްސާ ލާ އެތިން ސަމްސަލެއް ނަގައިގެން އައިސް އައިސް ކްރީމް ތަށި ތެރެއަށް ކޮށްޕާލިއެވެ. ކޮނެލައިގެން ނެގި އައިސްކްރީމް ސަމްސާ އަނގައަށް ލި ގޮތަށް ދެލޯ މަރާލިއެވެ. ބަލަން ހުންނަ މީހާގެ ކުޅު ދިޔާވާ ގޮތަށް ލަސްލަހުން އައިސް ކްރީމް ބޮމުން ދިޔައެވެ. ނަޖުވާގެ ހަރަކާތްތަކަށް ބަލަން ސައިފް ހުރީ ހިނިއައިސްފައެވެ.

"ވަރަށް ސެލްފިޝް..." ކުއްލިއަކަށް ނަޖުވާ ބަލާލީ ސައިފް ބުނެލި އެއްޗަކުންނެވެ.

"ވަޓް...؟ ވައި ތިހެން ތިބުނީ" ދުލާއި ތަލި އެއްކޮށް ގަނޑުވެފައި ހުރުމުން ވާހަކަދައްކަންވެސް ނަޖުވާއަށް އުނދަގުވިއެވެ. އެކަން ސައިފްއަށް ފާހަގަވުމުން ހިނިއައެވެ.

"ޝެއާ ކުރަންވާނެއްނު. އަހަރެންނަށް ނުދޭނަންތަ؟" ސައިފް ބުންޏެވެ. އަނގައަށް ލި އައިސް ކްރީމް ސަމްސަލާއެކު ނަޖުވާގެ ހަރަކާތްތަކަށް ސައިފްގެ އެ ޖުމްލައާއެކު ހުއްޓުމެއް އައެވެ. ސައިފްއަށް ފާޑަކަށް ބަލަހައްޓައިގެން އިނދެފައި ދެއަތުން މޭޒު މަތީގައި ހުރި އައިސް ކްރީމް ތަށީގައި ހިފި ގޮތަށް ގާތަށް ދަމާލިއެވެ. އޭރު ސަމްސާ އޮތީ އަނގައަށް ކޮށްޕާލިގޮތަށެވެ. ނަޖުވާގެ އެ އަމަލުން ސައިފްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

އައިސްކްރީމް ތަށި ހިފައިގެން ސައިފްއަށް ބަލަމުން ނަޖުވާ ދިޔައީ ކޮޓަރި އާ ދިމާލަށެވެ. އެމަންޒަރު ބަލަން އިން ސައިފްއަށް ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ނަޖުވާގެ ކޮންމެ ހަރަކާތަކާއެކު ސައިފްއަށް އުފާވެރިކަމެއް ލިބެއެވެ. އެކަން މިހާރު ހުދު ސައިފަށްވެސް ފާހަގަވެއްޖެއެވެ.

އަސުރުކޮށްގެން ނަޖުވާ ކޮޓަރިން ނިކުތްއިރު މިސްކިތުން އައިސް ސައިފް ގެއަށް ވަންނަނީއެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލާފައި ސައިފް ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. ކޮފީއެއް ބޯލުމުގެ މަޤްސަދުގައި ފެންހޫނު ކުރާ ޖަގުކައިރިއަށް ހުއްޓިފައި ސައިފް ފަހަތް ބަލައިލިއެވެ. ކައިރީގައި އައިސް ޖައްސާފައި ހުރި ނަޖުވާ ފެނުމުން ސައިފް ސިހުނެވެ.

"މިހާރު ކހިނެއްވީ؟ އައިސް ކްރީމް ތަށި ހުސްވީތަ؟" ސައިފް އެހިއެވެ. ނަޖުވާ ދެފަރާތަށް ބޯހޫރާލިއެވެ.

"ގޭގަ ހުރެ ހުރެ އަހަރެން ފަލަވެއްޖެ. ނޫންތަ؟" ލައިގެން ހުރި ޓީޝާޓްގެ ދެފަރާތުން ހިފާލާފައި ނަޖުވާ ބުންޏެވެ.

"ވަޓް؟ ތިއީ އަމިއްލަ ނަފްސަށް ކުރި މަލާމާތެއް ތަ؟" ސައިފް ބުންޏެވެ.

"އަސްލުކޮށޭ މިބުނީ. މޫދަށް ދާހިއްވަނީ. މިގަޑީގަ މޫދަށް އެރޭ ދިމާލުގަ މީހުންވެސް މަދުވާނެ. " ނަޖުވާ ބުންޏެވެ.

"ތިއީ އެއްވެސް ކަމެއް ނޫނެއްނު. ދޭ ރެޑީވާން" ސައިފް ބުންޏެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ނަޖުވާއަށް ހީލެވުނެވެ.

"ސީރިޔަސްކޮށްތަ؟" ނަޖުވާ އެހިއެވެ. ސައިފް ބޯޖަހާލުމާއެކު ނަޖުވާ ދެން ކޮށްލި ކަމެއްގެ ސަބަބުން ސައިފްއަށް ހީވީ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލޭ އަވަސްވި ހެންނެވެ. ޔަގީނުންވެސް ހިތުގެ ތެޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ބައްދާލާފައި މަޑެއްނުވެ ނަޖުވާ ދުއްވައިގަތީ ކޮޓަރި އާ ދިމާލަށެވެ.

ކުޑަކުއްޖެއް އުޅޭހެން މޫދު ތެރޭގައި ނަޖުވާ އުޅެމުންދާ މަންޒަރު ބަލަން ދުރުގައި ސައިފް ހުރީ ހެވިފައެވެ. ބައެއްފަހަރު އިޝާރާތުން މޫދަށް އައުމަށް ނަޖުވާ ބުނެލައެވެ. ސައިފް ދެފަރާތަށް ބޯހޫރާލުމުން އަނެއްކާވެސް ނަޖުވާގެ ޝައުގުވެރިކަން މޫދުގެ ލޮނުގަނޑަށް ހުއްޓާލައެވެ. ފައިޖެހޭ ހިސާބުގައި ނަޖުވާ ފަތަން އުޅޭ ގޮތް ފެނުމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ސައިފަށް ހީލެވުނެވެ. އަމިއްލަ ނަފްސަށް އަންނަމުންދިޔަ ބަދަލުތަކާ މެދު ސައިފަށް ވިސްނުން ހިންގައިލެވުނީ އެވަގުތުއެވެ. ނަޖުވާގެ ބޭނުންވެގެން ބުނާ ކޮންމެ ކަމެއް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން އެއްވެސް އެއްޗަކަށް ވުރެ ނަޖުވާގެ ހިނިތުންވުން ސައިފްއަށް އަގުބޮޑު ވެއްޖެއެވެ. ނަޖުވާގެ ކޮންމެ ހަރަކާތެއް ސައިފްއަށް ކަމުދާން ފަށައިފިއެވެ. މަޑުމަޑުން އަންނަމުން ދިޔަ ބަދަލުތަކުން ސައިފް ކަންބޮޑުވިއެވެ. ނަޖުވާ އާ މެދު ދެކެމުން އައި ގޮތަށް ޔަގީނުންވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.


-ނުނިމޭ- ވާހަކައިގެ އާ ބައެއް، އިންޝާﷲ، 13 ފެބްރުއަރީ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް