ވާހަކަ: އެދެވޭތީ އަދު ބުނަމޭ - ހަތާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އާކިންއަށް ކުއްލިއަކަށް ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑުއިވިފައެވެ. ފޯނުން ގަޑި ބަލައިލިއިރު މެންދަމު ތިނެއްޖަހަން ގާތްވަނީއެވެ. ބޯކޮށް ވާރޭ ވެހޭއަޑު އިވުމުން ބެލްކަނީ ދޮރު ލެއް...

08 Feb 2022 | 11:23

ކުރީގެ އަދަދާއި ގުޅޭ...

އާކިންއަށް ކުއްލިއަކަށް ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑުއިވިފައެވެ. ފޯނުން ގަޑި ބަލައިލިއިރު މެންދަމު ތިނެއްޖަހަން ގާތްވަނީއެވެ. ބޯކޮށް ވާރޭ ވެހޭއަޑު އިވުމުން ބެލްކަނީ ދޮރު ލެއްޕިފައިތޯ ހުރީ ޔަގީން ކުރުމަށް އާކިން އޮތްތަނުން ތެދުވިއެވެ. ތަޅުލެވިފައިތޯ ހުރީ ޗެކް ކުރުމަށްފަހު އެނބުރި އެނދަށް އަރަން ދިޔަ ވަގުތު ރޫބީ އޮންނަ ފަޅި ހުސްކޮށް ހުރިތަން ފެނުނެވެ. ރޫބީ ބަހައްޓާފައި ޓެރޭސްގެ ދޮރުގައި ތަޅުލި ހަނދާންވީ ދެނެވެ. އަވަހަށް ކޮޓަރިން ނިކުމެގެން އާކިން ޓެރޭސްއަށް އަރަށް ހުންނަ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ.

އާކިން ސިޑިންވެސް އެރީ ދުވަމުން ކަހަލަ ގޮތަކަށެވެ. އަވަހަށް ތަޅު ހުޅުވަން އުޅެގެން ޓެރޭސްގެ ލައިޓް ދިއްލަންވެސް ހަނދާނެއްނެތެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ބާރަށް ރޫބީއަށް ގޮވައިލިއެވެ. ތަނަށްވެރިވެފައިވީ ފުން އަނދިރިކަމެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ އާކިންގެ ހަށިގަނޑު ތެންމާލާކަށް މާގިނައިރެއް ނުނެގިއެވެ. ރޫބީގެ ހިލަމެއް ނުވިއެވެ. ނިއްވާލެވިފައިވާ ލައިޓްމަތިން އާކިން ހަނދާންވީ ދެނެވެ. އަނބުރާލާފައި ގޮސް ލައިޓް ދިއްލައިލިއެވެ. ރޫބީ ފެނޭތޯ މުޅި ޓެރޭސްއަށް ނަޒަރު ހިންގައިލިއެވެ. ފެނުނު މަންޒަރުން ހިނދުކޮޅަކަށް އާކިންގެ ހިތްހިއްޓުނު ކަހަލައެވެ.  އުނދޯލީގައި ދަށުގައި އޮތް ރޫބީގެ މުޅިހަށިގަނޑު ތެޅެމުން ދިޔައެވެ. އާކިންއަށް އެދިމާލަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. އަވަހަށް ތިރީގައި އިށީންނަން ހަދައިގެން ކަހައިވެސް ލިއެވެ. ވަރަށް އުނދަގުލާއެކު ރޫބީ އެތަނުން ނެރުނެވެ. މެރިވެފައިވާ ރޫބީގެ ދެލޯ ފެނުމުން އާކިންގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ރޫބީ އަތްމައްޗަށް އުފުލައިލުމަށްފަހު އެތަނުން ދިއުމަށް ހިނގައިގަތެވެ.

ކޮޓަރިއަށްވަދެ ރޫބީ އެނދުމަތީގައި ބާއްވައިލިއެވެ. އޭރުވެސް ރޫބީގެ ހަށިގަނޑުގައި ތުރުތުރުލަމުން ދިޔައެވެ. ހާސްވެފައި އިނދެ އާކިން ރޫބީގެ ނަމުން އެތައް ފަހަރަކު ގޮވިއެވެ. އެހެންނަމަވެސް ރޫބީއަށް ހަމަހޭވެރިކަމެއް ނުލިބެއެވެ. އެންމެ ފުރަތަމަ ކަމަކަށް އާކިން ކޮޓަރީގެ އޭސީ ނިވައިލިއެވެ. އެއަށްފަހު ތުވާލި ހިފައިގެން އައިސް ރޫބީގެ އިސްތަށީގަނޑާ މޫނު ފޮހެދިނެވެ. ރޫބީ ހެނދުން ބަދަލުކުރުވުން މުހިންމު ކަމެއް ކަމުގައި އާކިން ދެކުނެވެ. އެހެންނަމަވެސް ރޫބީގެ ހުއްދަނެތި އެފަދަ ކަމެއް ކުރުމަށް އޭނާ ފަސްޖެހުނެވެ. ހަދާނެ ގޮތް ހުސްވެފައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނެވެ. ރޫބީ ހޮސްޕިޓަލަށް ގެންދަންވީބާއޭވެސް ހިތަށް އެރިއެވެ. އަމްރާ ހަނދާނަށް އައީ ދެނެވެ. އަމްރާ ކައިރީގައި ބުނެފިނަމަ ސުވާލުތައް ކުރިމަތިވާނެކަން ޔަގީނެވެ. އެހެނަސް އާކިންގެ ފަރުވާލެއް ނެތެވެ. އެހެން ހުރިހާ ކަމަކަށްވުރެ މިވަގުތު މުހިންމީ ރޫބީގެ ސިއްޙަތެވެ. އާކިން ދުވަމުން ކަހަލަ ގޮތަކަށް ގޮސް އެކޮޓަރިއާ ތަންކޮޅެއް ދުރުން ހުރި އަމްރާގެ ކޮޓަރީ ދޮރުގައި ޓަކި ދިނެވެ. ކަންބޮޑުވެފައި ހުރިވަރުން ޓަކިދެވުނީ ތަންކޮޅެއް ބާރަށްކަންވެސް އާކިންއަށް ރޭކާނުލިއެވެ. މާގިނައިރެއް ނުވެ އަމްރާ ދޮރު ހުލުވައިފިއެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމާއި ކަންބޮޑުވުމެވެ. އާކިން ހުރި ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އަމްރާއަށް ޔަގީންވިއެވެ.

" ވަޓްސް ރޯންގް އާކި... ކީއްވެ ތެމިފ....." އަމްރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

" ދޮންތާ ހިނގާބަލަ އަވަހަށް... އިޓްސް ރޫބީ.. " އަމްރާގެ އަތުގައި ހިފަމުން އާކިން ބުންޏެވެ. ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަމްރާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާ ދިމާލަށް އާކިން ހިނގައިގަތެވެ. އެނދުމަތީގައި އޮތް ރޫބީ ފެނުމުން އަމްރާއަށްވެސް ލިބުނީ ކުއްލި ހައިރާންކަމެވެ.

" ކިހިނެއްވީ ރޫބީއަށް... ކީއްވެ ތެމިފަ މިއޮތީ.. އާކީ ވަޓް ހެޕަންޑް.." ރޫބީގެ ނިތްކުރީގައި އަތް ޖައްސައިލަމުން އަމްރާ އަހައިލިއެވެ.

" ތިހުރިހާ ވާހަކައެއް ފަހުން ދޮންތާ އިހަށް ޕްލީޒް ރޫބީ ރަނގަޅު ކޮށްދީބާ..." ހާސްވެފައި ހުރެ އާކިން ބުންޏެވެ.

" އޯކޭ ރިލޭކްސް.... މާބޮޑަށް ފިނިވީމަ މިކަހަލަ ގޮތެއް ވެދާނެ... އިހަށް ރޫބީ ޗޭންޖްކޮށްލަންވީނު.." އާކިންއަށް ބަލައިލަމުން އަމްރާ ބުންޏެވެ. އާކިންގެ މޫނުމަތިން ފެނުނީ ފަސްޖެހުމެވެ.

" ދޮންތާ...އައި ކާންޓް.. ކޭން... ކޭން ޔޫ... ދޮންތަ ރޫބީގެ އެއްޗެހި ބަދަލުކުރުވަންވީނު.. " އާކިން ބުންޏެވެ.

" ވަޓް..." އަމްރާއަށް ލިބުނީ ހައިރާން ކަމެކެވެ. " އާކި މީ އާކިގެ ވައިފް... ރަނގަޅުވާނީ އާކި މިކަން ކުރިއްޔާ.." އަމްރާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" އެނގޭ.. އެކަމަކު.. އެކަމަކު އަހަރެން އަދި ދުވަހަކުވެސް.... ވީ ނެވަރ....." އާކިންއަށް ބުނަން އުނދަގޫވި ނަމަވެސް އަމްރާއަށް ހުރިހާ އެއްޗެއް ނަގައިގަނެވުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއީ ހައިރާންކަމެވެ.

" އޯކޭ... ގޮސް ނާބީއަށް ގޮވައި ކޮންމެވެސް ހޫނު އެއްޗެއް ތައްޔާރުކޮށްގެން ގެނޭ...... " އެތަކެއް ސުވާލެއް ހިތުގައި އުފެދިފައިވީނަމަވެސް ވަގުތު ބޭކާރު ކުރަން ބޭނުން ނުވާތީ އަމްރާ ބުންޏެވެ. އާކިން ބޯޖަހައިލުމަށްފަހު އެތަނުން ނިކުތެވެ. ނާބީއަށް ގޮވާކަށް އާކިން ނޫޅުނެވެ. ހޫނު ކަޅުސައި ތައްޓެއް ތައްޔާރުކޮށްގެން ގޮސް ކޮޓަރީގައި ޓަކި ދިނެވެ. އަމްރާ ދޮރު ހުޅުވީ އިރުކޮޅެއް ފަހުންނެވެ. ސައިތަށި ހިފައިގެން އާކިން ވަންއިރު އަމްރާ ރޫބީގެ ހެދުން ބަދަލު ކުރުވުމުގެ އިތުރުން އެނދުގެ ބެޑްޝީޓްވެސް ބަދަލުކޮށްފިއެވެ. އާކިން ސައިތަށި ދިއްކޮށްލީ އަމްރާއަށެވެ. އަމްރާ އާކިންއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ސައިތަށީގައި ހިފިއެވެ. އަމްރާ ރޫބީއަށް ސައިތަށި ދިނުމަށްފަހު ބޭސް ގުޅައެއްވެސް ދިނެވެ. އެއަށްފަހު ރޫބީ އެނދުގައި ބާއްވައިލިއެވެ. ރޫބީ ފުން ނިންޖެއްގެ ތެރެއަށް ގެނބޭކަށް މާގިނައިރެއް ނުނެގިއެވެ.

" ރޫބީ ރަނގަޅުތަ؟.." އާކިން އަހައިލިއެވެ.

" ހުން އައިއްސަ އޮތީމަ ބޭސްދީފަ އެއޮތީ... އިރުއަރަން ވާއިރަށް ރަނގަޅުވާނެ އިންޝާﷲ..." އަމްރާ ބުނެލިއެވެ.

" ތެންކްސް ދޮން..." އާކިން ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަމްރާ އާކިންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަމްރާ އާކިން ގޮވައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

" ވަޓްސް ހެޕަނިންގް އާކި... އެންމެ ފުރަތަމަ ކައިވެނި ކުރެވުނު ދުވަހުންވެސް އަހަރެންނަށް ހީވި ތިދެމީހުން އެހާ ހެޕީއެއް ނޫނޭ.. އެކަމަކު ފަހުން އެކީގައި ތަންތަނަށް ދާން ފެށުމުން އަހަރެން ހީކުރީ ހުރިހާ ކަމެއް ރަނގަޅުވީކަމަށް.. މިރޭ އެނގިއްޖެ އެއްވެސް ކަމެއް ރަނގަޅެއް ނޫންކަން.. ބުނެބަލަ އާކި.. ކިހިނެއްތަ ވަނީ..." ދެއަތް އުރައިލަމުން އަމްރާ އަހައިލިއެވެ. އާކިން ވަކި އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. އަމްރާއަށް ޖަވާބެއް ދިނުމުގެ ކުރިން ފުންނޭވައެއް ދޫކޮށްލިއެވެ.

" ދޮންތައަށް ހީވީ ރަނގަޅަށް އަހަރެން މިކައިވެނި ކުރީ އުފަލަކުން ނޫން.. ރޫބީ އެއީ އަހަރެން ކައިވެނި ކުރަން ބޭނުންވި ކުއްޖާއެއް ނޫން..." އެހުރިގޮތަށް ހުރެ އާކިން ބުނެލިއެވެ.

" ދެން..؟ ކާކާ އާކިން ކައިވެނި ކުރަން ބޭނުންވީ..؟" ހައިރާންވެފައި ހުރެ އަމްރާ އަހައިލިއެވެ.

" އަހަރެން ލޯބިވީ ނަޖުވާ ދެކެ... ނަޖުވާ އެއީ އެތައް ދުވަހެއް ވަންދެން އަހަރެން ރައްޓެހިވެގެން އުޅުނު އަހަރެންގެ ލޯބިވެރިޔާ... އަހަރެން ރޫބިއަށް ނަފްރަތު ކުރަން.. އަހަރެންނާ ނަޖުވާގެ ގުޅުން އެނގިހުރެވެސް ކައިވެންޏަށް އެއްބަސްވީމަ.. އޭނަ އެންމެ ގާތް އެކުވެރިޔާއަށް ލަނޑުދިނީ.. އަހަރެން ނަޖުވާއާ ދުރުވަން ޖެހުނީ އޭނާގެ ސަބަބުން..." ދުރަށް ބަލައިލަމުން އާކިން ބުންޏެވެ. އަމްރާއަށް ހައިރާން ކަމަކަށްފަހު ހައިރާންކަމެއް ލިބެމުން ދިޔައެވެ.

" އާކި އެހެންމީހަކު ދެކެ ލޯބިވާއިރު ކީއްވެ އެވާހަކަ މަންމަމެން ކައިރީގައި ނުބުނީ.. " އަމްރާ އަހައިލިއެވެ.

" މަމް އާއި ބައްޕަ ދެރަކޮށްލާނެ ހިތްވަރު އަހަރެންނަށް ނުލިބުނީ.. އެމީހުން ތިބީ ވަރަށް އުއްމީދުގައި.. އެމީހުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލަން ނުކެރުނީ.." އާކިން ބުންޏެވެ.

" ހަމަ ތިކަހަލަ ގޮތެއް ރޫބީއަށްވެސް ވެދާނެއްނު.." އަމްރާ ބުނެލިއެވެ. އާކިން ދެފަރާތަކަށް ބޯހޫރައިލިއެވެ. އެދުވަހު ނަޖުވާ ކުރި އާދޭހާއި ނަޖުވާ ކައިރީގައި ރޫބީ ދެއްކި ވާހަކަތައް އާކިން އަމްރާއަށް ކިޔައިދިނެވެ.

" ތިކަމުގެ ހަޤީގަތެއް ބުނާކަށް ދޮންތައަކަށް ނޭނގޭ.. އެކަމަކު ރޫބީ އެއީ ގޯސް ކުއްޖެއް ނޫން.. ރޫބީވެސް ހުރީ އުފަލަކު ނޫންކަން ދޮންތައަށް އެނގެނީ.. ކޮންމެ ހާލަތެއްގައިވެސް ކައިވެނި ވަނީ ކުރެވިފައި.. ދޮންތަ އާކިއަށް ނަސޭހަތްތެރިވަނީ މިކައިވެންޏަށް އިހުތިރާމް ކުރުމަށް... އާކި ރޫބީއާ އެކު އުޅެން ބޭނުން ނެތިއްޔާ ރަނގަޅުވާނީ ދުރުވުން.. ދޮންތަ ނާހާނަން މިރޭ ކަންތައްވީ ކިހިނެއްތޯ.. އެއީ ތިދެމަފިރިންގެ ޒާތީ މައްސަލައެއް.. އެކަމަކު ދުވަހަކުވެސް އަނބިމީހާއަށް އަނިޔާވެރި ނުވާތި.. އެވެސް ކޮންމެވެސް މީހެއްގެ ދަރިއެއް.. އެއްވެސް މީހަކަށް އަނިޔާވެރިވުމުގެ ހައްޤެއް އަނެކާއަށް ލިބިގެން ނުވޭ.." އަމްރާ ބުންޏެވެ. އިން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" ދެން ދޭ ކޮޓަރިއަށް... ރޫބީގެ ހުންހުރި ވަރު ޗެކް ކުރަމުން ދާތި.. އިތުރަށް ގޯސްވަންޏާ ދޮންތައަށް ގުޅާ.." އާކިންގެ ކޮނޑުގައި ޖަހައިލަމުން އަމްރާ ބުންޏެވެ. އާކިން ބޯޖަހައިލުމަށްފަހު އެތަނުން ނިކުންނަން ދިޔައެވެ. އެހެންނަމަވެސް އަމްރާ ގޮވައިލުމުން ހުއްޓުނެވެ.

" އަދި އެއްވާހަކަ.. އާކި ނަޖޫގެ ވާހަކަ މަންމަމެން ކައިރީގައި ބުނި ނަމަވެސް އާކިގެ ކައިވެނި ނަޖޫއާ ނުކުރެވުނީސް ކަންނޭނގެ.." އަމްރާ ބުނެލިއެވެ.

" އެއީ ކީއްވެ؟" ދެބުމަ ގޮށް ޖަހައިލަމުން އާކިން އަހައިލިއެވެ.

" ގޯ ޓޭކް ކެއަރ އޮފް ރޫބީ އާކީ... " އަމްރާ ބުނެލިއެވެ. މަޑުނުކޮށް އޭނާގޮސްވަނީ ފާހާނައަށެވެ.

އާކިން އެނބުރި ކޮޓަރިއަށް ދިޔައެވެ. ގޮސް ރޫބީއާ ދާދި ގާތުގައި އިށީނެވެ. ނިދިފައިވާ ރޫބީގެ މޫނަށް ވަރަށް ފުންނަޒަރަކުން ބަލައިލިއެވެ. އެދޮން މޫނުމަތިން ފެނުނީ އިންތިހާއީ މައުސޫމު ކަމެވެ. ވިސްނާލެވުނީ ރޫބީގެ ނާޒުކުކަމާ މެދުއެވެ. ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސްމަތިން ރޫބީއާ މެދު ކަންތައް ކުރެވިފައިވާ އިހާނެތި ގޮތްތަކެވެ. އަމިއްލަ ކުށް އިހުސާސްވެ އާކިންއަށް އިސްޖަހައިލެވުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ އެވަގުތުއެވެ. ރޫބީ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލައި ދިނުމަށްފަހު އާކިން  ގޮސް ފާހާނާއަށް ވަނެވެ.

ދެލޯ ހުޅުވާލުމާއެކު ނަޖުވާއަށް އާދުވަހެއްގެ ފެށުން އިސްފައިވާކަން އިނގުނެވެ. ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލާފައި ބާލީސް ދަށުގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. އަށެއްޖަހައި ބޮޑުވެއްޖެއެވެ. ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ނަޖުވާ ކޮޓަރިން ބޭރަށް ނިކުތެވެ. އެވަގުތު ބަނޑުފުރޭ ކަހަލަ މީރު ވަހެއް ނޭފަތުގައި ޖެހިއްޖެއެވެ. މާދުރަށް ހިނގަން ނަޖުވާއަށް ނުޖެހުނެވެ. ބަދިގޭ ދޮރަށް އެރިއރު އުނދުން ކައިރީގައި ހުރި ސައިފް ފެނިއްޖެއެވެ. ކާ މޭޒުމަތީގައި ސޭންޑްވިޗް ހަދާފައި ހުއްޓެވެ.

"ބާއްޖަވެރި ހެނދުނެއް" ނަޖުވާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ސައިފްގެ ތުންފަތަށް ވެރިވިއެވެ. ނަޖުވާއަށް ހެނދުނުގެ ސަލާން ސައިފް ފޮނުވާލީ ލައިގެން ހުރި ޓީޝާޓް މަތިން އަޅައިގެން ހުރި އޭޕްރަން ގަޔާ ވަކިކޮށްލާފައެވެ.

"ހޫމް... މާ މޮޅު ކައްކާއެކޯ ދެން" މޭޒު ކައިރީގައި އިށީންނަމުން ނަޖުވާ ބުންޏެވެ. ސައިފް ކައިރިއަށް ހިނިއައެވެ.

"ޖޭވީތަ؟ މިހާރުވެސް ނަޖޫއަށް ވުރެ މީރުކޮށް ކޮންމެ އެއްޗެއްވެސް ކައްކާނަން" ސައިފް ބުންޏެވެ. ފުރިޖު ކައިރިއަށް ހުއްޓިފައި ޖޫސް ޕެކެޓް ހިފައިގެން އައިސް މޭޒުމަތީގައި ހުރި ބިއްލޫރި ތައްޓަށް އެޅިއެވެ. ދެން އެތަށި ނަޖުވާ އާ ގާތަށް ޖައްސާލިއެވެ.

"ވަރަށް ކަރާފަޅައެއްނު އެބަ" ނަޖުވާ އަނގަ ހަދާލާފައި ބުނެލިއެވެ.

"ސީރިޔަސްކޮށޭ މިބުނީ" އަމިއްލައަށް ކޮފީއެއް ތައްޔާރުކުރަމުން ދިޔަ ސައިފް ބުންޏެވެ. "މިހާރުވެސް އާދެބަލަ ދެކުދިން ފެން ކައްކަން. ކާކުތޯ މޮޅަށް ކައްކަނީ ބަލަން. މިބުނީނު. ޗެލްންޖް މީ"

ނަޖުވާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެލޮލުން ފެން އަންނަންދެން ނަޖުވާ ހުނެވެ. މިއިން ދުވަހަކުވެސް ނަޖުވާ އެވަރަށް ހެނިކޮށް ސައިފަށް ފެނިފައެއްނެތެވެ. އެހެންކަމުން ކޮފީތަށި ހިފައިގެން އައިސް މޭޒު ކައިރީގައި ހުއްޓިފައިވެސް ސައިފަށް ނަޖުވާއަށް ބެލެމުން ދިޔައެވެ.

"ސޮރީ... ސޮރީ.... ސައިފް ހާ މޮޅަށް އަހަރެންނަށް ފެން ކައްކަން ނޭނގިދާނެ" ހިނިގަނޑު މަތަކުރަމުން ނަޖުވާ ބުންޏެވެ. އެމަންޒަރު ބަލަން ސައިފަށް މާގިނައިރު ހުރެވުނުކަން އިހުސާސްވުމާއެކު އަވަހަށް މީހާ ހަމަޖެހިލިއެވެ.

"ނިމުނީތަ؟" މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ދެލޮލުން އައިސްފައި ހުރި ފެންތައް ފޮހެލި ނަޖުވާއަށް ބަލާލަމުން ސައިފް ބުންޏެވެ.

"މެޑަމް ތި އަނގައިގެ ކަސްރަތު ނިމުނިއްޔާ ފަށަންވީނުން" ނަޖުވާ އާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ސައިފް ބުންޏެވެ. ނަޖުވާ އަދިވެސް އިނީ ހިނިއައިއްސައެވެ. ސޭންޑްވިޗެއް ނަގައިގެން ލަސްލަހުން ކަމުން ނަޖުވާ ދިޔައެވެ. އެހެން އިނދެފައި ކައިރީގައި އިން ސައިފްއަށް ނަޖުވާ ބަލާލިއެވެ. އެވަގުތު ސައިފްގެ ނޭފަތް ކޮޅުގައި ކްރީމްކޮޅެއް ހޭކިފައި ހުރިތަން ނަޖުވާއަށް ފެނުނެވެ.

"ވަޓް؟" ނަޖުވާ ފާޑަކަށް ބަލަހައްޓައިގެން އިނުމުން ސައިފް ބުންޏެވެ. އެވަގުތުން ނޭފަތުގައި އެއްޗެއް ހުރިކަން ނަޖުވާ ސައިފްއަށް އިޝާރާތުން އަންގައިދިނެވެ. އަމިއްލަ ނޭފަތުގައި ސައިފް އިނގިލި ޖައްސާލިއެވެ. އެހެންނަމަވެސް ކްރީމްކޮޅު އެއްކޮށް ފިލައިގެ ނުދިޔައެވެ. އެންމެފަހުން

"ސައިފްއަށް ނޭނގޭނެ އެއްވެސް ކަމެއް ކުރާކަށް" ނަޖުވާ ބުންޏެވެ. ދެން ސައިފް ނުވިސްނާ ހުއްޓާ ނަޖުވާގެ އިނގިލި ކޮޅުން ސައިފްގެ ނޭފަތުގައި ހޭކިފައި ހުރި ކްރީމްކޮޅު ސާފުކުރަމުން ދިޔައެވެ. އެހާ ގާތުން ނަޖުވާގެ މޫނު ފެނުމުން ސައިފްގެ ހިތަށް ވެރިވެގެން ދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އެއްވެސް ލަކުނެއް ނުވާ ނަޖުވާގެ އޮމާން މޫނަށް ކަޅިޖަހާނުލާ ނަޖުވާއަށް ބަލަހައްޓައިގެން ސައިފްއަށް އިނދެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަޖުވާގެ އެގާތްކަމުން ސައިފްގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. ސައިފްގެ ތުންފަތަށް ވެރިވެގެންދިޔަ ތަފާތު ހިނިތުންވުން އެކަމުގެ ރަމްޒެއް ކަމުގައި ފުދެއެވެ.

-ނުނިމޭ-، ވާހަކައިގެ އާ ބައެއް، އިންޝާﷲ، 10 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް