މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާގެ ކަންކަމުގައި ހުރިހާ ނުބައެއް ހެއްދެވީ ރައީސް ޔާމީން ކަމުގައި ސިފަވާގޮތަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މީޑިއާއަށް ނޫސްބަޔާނެއް ދެއްވައިފިއެވެ.
ޒިޔަތު މިއަދު މީޑިއާތަކަށް ހިއްސާ ކުރެއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް 2014 ވަނަ އަހަރު ޢައްޔަނުކޮށް، ހަމަ އެއަހަރު އެމްއެމްޕީއާރުސީގެ މެންޑޭޓް ފުޅާކޮށް އެއިރުގެ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ވަޢުދު ފުއްދުމަށްޓަކައި ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ. އަދި ރަށްރަށާއި ފަޅުތައް ދޫކުރުމަށްފަހު ލިބޭފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީއަށް ޖަމާކުރުމަށް ނިންމަވައި އެކަމަށް ހުއްދަ ދެއްވީވެސް ކުރީގެ ރައީސް ޔާމީނުގެ އެންގެވުމުގެ މަތީން އެއިރުގެ ބަންޑާރަ ނައިބު ކަމަށް ބުނެފައިވެއެވެ.
"އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެންމެހައި މުޢާމަލާތްތަކުގެ ފުރިހަމަ މަޢުލޫމާތު ކުރީގެ ރައީސް ޔާމީންއަށް އެނގިލައްވާނެ، ކުރީގެ ރައީސް ޔާމީނުގެ އެންގެވުމުގެ މަތީން ހިންގި މުޢާމަލާތްތަކުގެ ތަފްޞީލުތައް އަޅުގަނޑާއި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގެންދިޔައީ ކުރީގެ ރައީސް ޔާމީނަށް ބަރާބަރަށް އަރުވަމުން، އަދި ކޮންމެ ރަށެއް ނުވަތަ ފަޅެއްގެ ލީސް އެގްރީމެންޓް ފައިނަލް ކުރައްވަނީވެސް ސީދާ ކުރީގެ ރައީސް ޔާމީން" ޒިޔަތުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ފިނިފެންމާ ލޯންޗުގެ ހާދިސާއަށްފަހު ކުރީގެ ރައީސް ޔާމީނުއާއި ކުރީގެ ނައިބު ރައީސް އަދީބު އާއި ޖެހުނު މައްސަލައިގައި ރައީސް އޮފީހަށް ޙާޟިރުކޮށް އަދީބުއާއި ދެކޮޅަށް ބަޔާންތަކެއް ދިނުމަށް އެންގެވި ކަމަށާއި އެހެންނަމަވެސް ކުރީގެ ރައީސް ޔާމީނު އެންގެވި ގޮތަށް ބަޔާން ދިނުމަށް އިންކާރު ކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ހައްޔަރު ކުރި ކަމަށެވެ. އަދި ހައްޔަރު ކުރީ ހަނު ހުރެގެން ކަމަށް މީޑިއާގައި ކުރީގެ ރައީސް ޔާމީނުވަނީ ވިދާޅުވެފައި ކަމުގައިވެސް ޒިޔަތު ފާހަގަކުރައްވާފައިވެއެވެ.
ޒިޔަތު ވިދާޅުވެފައިވަނީ ދޫނީދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބާއްވައި، ދަންވަރު ނެރެ ވަކިގޮތަކަށް ބަޔާންދިނުމަށް އަޅުގަނޑަށް މަޖުބޫރުކޮށް ބަޔާން ނަގާފައިވާކަމަށާއި މިދެންނެވި ބަޔާންތަކަށް ޝަރީޢަތުގައި ވާނީ އިންކާރު ކޮށްފައި ކަމަށެވެ. އަދި ޢަމަލު ކުރަމުންދާ އުޞޫލުތަކާއި ޚިލާފަށް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ދޫނިދޫގައި ބަހައްޓައިގެން އެތަކެއް ޝަރީޢަތްތަކެއް ހިންގާފައިވާކަމަށާއި އަދި ހުކުމް ކޮށްފައިވަނީ ސިޔާސީ ބޭނުމަށް އޭނާގެ މައްޗަށް ނުޙައްޤުން ދަޢުވާކޮށްގެންކަމުގައިވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓްއެއް ކުރީގެ ނައިބު ރައީސް އަދީބުއާއި ޙަވާލުކޮށްފައެއް ނުވާނެ، އަދި އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައެއްވެސް ނޯންނާނެ، ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިންވަނީ އެމްއެމްޕީއާރުސީގެ ޗެކުތައް އެމްއެމްޕީއާރުސީގެ ބޯޑުގެ ނިންމުމާއި ބޭންކް އޮފް މޯލްޑިވްސްއިން ޢަމަލު ކުރަމުން އަންނަ އުސޫލްތަކާއި ޚިލާފަށް އެހެން ކުންފުނިތަކަށް ޖަމާކޮށްފައި" ޒިޔަތުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ބަންދުގައި ތިން އަހަރު ވެގެން ދިޔައިރު އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ބަހެއް ނުބުނެ ހުރީ ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުންވާތީ ކަމަށެވެ. ނަމަވެސް މިބަޔާން ނެރުމަށް ނިންމީ މިސަރުކާރުން އިންސާފު ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށާއި ބަންދުގައި ހޭދަކުރި ތިން އަހަރުގައި އޭނާއަށް ސިއްޙީ އަދި ނަފްސާނީ އެތައް ބިރުވެރިކަމެއް ކުރިމަތިވެފައިވާކަމުގައިވެސް ޒިޔަތު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިމައްސަލައިގައި އޭނާގެ މައްޗަށް ނުޙައްޤުން މަތިމައްޗަށް އެތަކެއް ދަޢުވާތަކެއްކޮށް، ޙުކުމްކޮށް މިކަން ފޮރުވައި ފަސްއެޅުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިންސާފުވެރި ފުރިހަމަ ޞައްޙަ ތަޙްޤީޤްއެއް ކޮށްގެން މިކަމުގެ ޙަޤީޤަތް ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އެބަ އޮތް ކަމަށާއި އަދި އަދުގެ ސަރުކާރުން މިމައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުންދީ ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެހިތެރިވުމަށް ތައްޔާރަށް ހުރި ވާހަކަ މިފުރުޞަތުގައި ދަންނަވާކަމުގައިވެސް ޒިޔަތު ވިދާޅުވެފައިވެއެވެ. އަދި މައްސަލައިގައި އޭނާގެ އިހުމާލު އޮތްކަމަށް އިންސާފުވެރި ތަޙްޤީޤްއެއް ހިންގި އިންސާފުވެރި ޝަރީޢަތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާނަމަ އެކަމުގެ ޙައްޤު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރި ވާހަކަ ދަންނަވާކަމުގައިވެސް ޒިޔަތުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް