ވިހެއުމަށްފަހު ބާލިދީއަށް ލާފައި އޮތް ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް

ގދ. ވާދޫގައި ވިހެއުމަށްފަހު ބާލިދީއަކަށް ލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެ ކުއްޖާ ގެންގޮސްފައިވަނީ ދައުލަތުން ހިންގަމުން އަންނަ ފިޔަވައްޗަށެވެ. މީޑީއާއަށް މައުލ...

09 Dec 2018 | 09:21

ގދ. ވާދޫގައި ވިހެއުމަށްފަހު ބާލިދީއަކަށް ލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ކުއްޖާ ގެންގޮސްފައިވަނީ ދައުލަތުން ހިންގަމުން އަންނަ ފިޔަވައްޗަށެވެ.

މީޑީއާއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ ފިޔަވައްޗަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ކުރިން އޮތީ ހޮސްޕިޓަލުގައި ކަމަށާއި ހޮސްޕިޓަލުގައި އޮތް ދުވަސް ތަކުގައިވެސް ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި އެ އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ކުއްޖާ ނިސްބަތްވާ އާއިލާގެ ތެރޭގައި އެ ކުއްޖާ ބަލަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށް ޕްރީ އިންޓަގްރޭޑް މަރުހަލާ މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި އެ އާއިލާގައި އެފަދަ މީހަކު ހުރިނަމަ ރީ އިންޓަގްރޭޓް ކުރެވޭނެ ކަމަށާއި ނޫންނަމަ ފޯސްޓަރ އުސޫލުން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށްފަހު އެފަދަ ބަޔަކާ ހަވާލު ކުރާނެ ކަމުގައިވެސް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ގދ ވާދޫގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެ ކުއްޖާ ފެނުނީ ގެއެއްގެ ފާނާގައިގެ ބާލިދީއެއްގެ ތެރެއަށް ކުއްޖާ ލާފައި އޮއްވައެވެ. ފެނުނީ އެކަން ކުރި އަންހެންމީހާގެ އަވަށްޓެރިއަކަށެވެ. އެކަން ކުރި އަންހެން މީހާ އަކީ ކުރިން ކައިވެންޏެއް ކޮށް ތިން ދަރިން ލިބިފައިވާ އަންހެނެކެވެ. މިހާރު އުޅެނީ ކައިވެންޏެއް ކޮށްގެނެއް ނޫނެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނާތީ މައްސަލައާއި ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް