ކޮރަޕްޝަންގެ ވަބާ ފޮހެލުމަށް އޭސީސީއަށް އެހީތެރިވެދެއްވާ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމ...

09 Dec 2018 | 05:21

ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ

އެމަނިކުފާނުގެ ޚިޠާބުގައި މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހޭނެކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެކަމުގައިވެސް މި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި، ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް