އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ބަލިވިއިރު، މުހައްމަދު ސަލާހްގެ ހެޓްރިކާއެކު ލިވަޕޫލުން ބޯންމައުތު ބަލިކޮށް ތާވަލުގެ އެއް ވަނައަށް އަރައިފިއެވެ.
މިރޭ ބޯންމައުތާ ދެކޮޅަށް ނުކުތް ލިވަޕޫލަށް މެޗުގެ 25 ވަނަ މިނިޓުގައި ގޯލު ހުޅުވާލަ ދިނީ މުޙައްމަދު ސަލާހެވެ. ފިރްމީނޯ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ބޯންމައުތުގެ ގޯލްކީޕަރ ބެގޮވިޗް ދިފާއުކުރުމުން ދެ ވަނައަށް ލިބުނު ފުރުސަތުގައި ސަލާހް ވަނީ ކުޑައޭރިޔާގެ ތެރެއިން ބޯޅަ ގޯލުގެ ތެރެއަށް ޖައްސާލާފައެވެ.
މުޅި މެޗުގައި ވެސް ރަނގަޅު އެޓޭކިންގ ގޭމެއް ކުޅުނު ލިވަޕޫލްއަށް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް، ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ސަލާހް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ސަލާހް މި ލަނޑު ޖެހީ ބޯންމައުތުގެ ޑިފެންޑަރ ކޫކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފިރްމީނޯ ދިން ބޯޅައަކުންނެވެ.
ލިވަޕޫލްގެ 3 ވަނަ ލަނޑަކީ ބޯންމައުތުގެ ޑިފެންޑަރ ކޫކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލިވަޕޫލްގެ 4 ވަނަ ލަނޑާއެކު ސަލާހް ހެޓްރިކް ހެދީ މެޗުގެ 77 ވަނަ މިނިޓުގައެވެ.
މިރޭގެ ކުރީކޮޅު ލިވަޕޫލުން ހޯދި މޮޅާއެކު އެ ޓީމު ތާވަލުގެ އެއް ވަނަ ހޯދުމުން، އަލުން އެއް ވަނައަށް އެރުމަށްޓަކައި ޗެލްސީ ބަލިކުރަން ޖެހިފައިއޮތް ސިޓީއަށް ނާކާމިޔާބުވީ 2-0 ގެ ނަތީޖާއިންނެވެ.
މެންޗެސްޓާ ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް، ފާއިތުވި ދެ މެޗުން ބަލިވެފައި އޮތް ޗެލްސީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ޗެލްސީން ކޮންމެ ހާފަކު ލަނޑެއް ކާމިޔާބު ކުރިއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންގޯލޯ ކޮންޓޭއެވެ. ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮންޓޭ މި ލަނޑު ޖެހީ ހަޒާޑް ދިން ޕާހަކުންނެވެ.
ޗެލްސީން ލީޑު ފުޅާކޮށް 3 ޕޮއިންޓް ކަށަވަރު ކުރީ މެޗުގެ ހަތްދިހަ އަށް ވަނަ މިނިޓުގައި ޑޭވިޑް ލުއިޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހަޒާޑް ނަގައިދިން ކޯނަރަކުން ޑޭވިޑް ލުއިޒް މި ލަނޑު ޖެހީ ބޮލުންނެވެ.
މި ނަތީޖާތަކާއެކު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ 1 ވަނައިގައި މި ވަގުތު އޮތީ ކުޅުނު ސޯޅަ މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަގައި އޮތް ސިޓީއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. އާސެނަލް އާއި ޗެލްސީއަށް 34 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ 3 ވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ބޮޑެތި ޓީމްތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑް ވަނީ މިރޭ 4-1 އިން ފުލަމް ބަލިކޮށް ތާވަލުގެ ހަ ވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ސައްބީސް ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު 15 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް