ދިވެހިންގެ މެދުގައިވެސް މިކަން އޮޅިފައިވާކަމުގައި ބެލެވެ އެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން އެކަން ސާފެވެ.
ގުދުސް އާއި ގުޅޭގޮތުން ފޮޓޯއިން އާންމުކޮށްފައި ފެނިވަޑައިގަންނަވާ ފޮޓޯ އަކީ އަދި ގިނައިން ދައުރުވާ ފޮޓޯއަކީވެސް ރަންކުލައިގެ ގުއްބައެއް ފެންނަ ފޮޓޯއެކެވެ. ގުއްބަ އެކުލެވޭ ބިނާގެ ފޮޓޯ ދައުރުވަމުން އަންނައިރު އެއީ މަސްޖިދުލްއަޤްޞާގެ ފޮޓޯއެއް ކަމުގައި ގިނަ ބަޔަކަށް އޮންނަނީ ހީވެފަ އެވެ. ހަމަ އެކަނި ދިވެހިންނަކަށް ނޫނެވެ. ބައިނަލްއަގްވާމީ މަސްރަހުގައިވެސް މިއީ ދެކެވޭ އަދި ކުރެވޭ ބަހުސެކެވެ.
ތަފާތަކީ ކޮބައިތޯ އެވެ.
މި މައުލޫމާއި ގުޅޭ ތަފްސީލީ ލިޔުމެއް ދި ސަލަފިއްޔާ ވެބްސައިޓްގައި ވެ އެވެ.
އަދި ޤުއްބަތުއްޞަޚްރާއާއި މެދު ދަންނައެވެ. އެތަން ބިނާކުރެއްވީ ހިޖުރައިން 72ވަނަ އަހަރުގައި، ޚަލީފާ ޢަބްދުލް މަލިކު ބިން މަރުވާނެވެ.
الموسوعة الفلسطينية( 4/203 )ގައިވެއެވެ.
(ކުރީޒަމާނުގައި މުޤައްދަސްވެގެންވާ ޝަރަފުވެރި ޙަރަމަށް، (1) އެތަނަށް އެއްކޮށް އަދި އެތަނުގައި ވާހާއެއްޗަކަށް މަސްޖިދުލްއަޤްޞާގެ ނަމުން ނަންދެވިފައިވާކަމުގައިވެއެވެ. އަދި އެތަނުގައި ހިމެނޭ ބިނާތަކުގެ ތެރޭގައި ޤުއްބަތުއްޞަޚްރާ ހިމެނެއެވެ. އެބިނާ ބިނާކުރެއްވީ ހިޖުރައިން 72ވަނަ އަހަރުގައި، ޚަލީފާ ޢަބްދުލް މަލިކު ބިން މަރުވާނެވެ. އަދި އިސްލާމުންގެ އަޘާރީ ތަނެއްގެ ގޮތުގައި އެތަން ބެލެވެމުން އައެވެ. އެހެންނަމަވެސް މިއަދު، މަސްޖިދުލްއަޤްޞާގެ ނަމުން ނަންދެވިފައިވަނީ ޙަރަމުގެ ދެކުނުން އޮންނަ ބޮޑު މިސްކިތަށެވެ.)
އަދިވެސް الموسوعة الفلسطينية(3/23 )ގައިވެއެވެ.
(ޤުއްބަތުއްޞަޚްރާ ބިނާކުރެވިފައިވަނީ މަސްޖިދުލްއަޤްޞާގެ ހަރިންމައިގެ މެދުގައެވެ. އެތަންވަނީ ޤުދުސްގެ އިރުދެކުނުފަރާތުގައެވެ. މަސްޖިދުލްއަޤްޞާގެ ހަރިންމައަކީ ވަރަށް ތަނަވަސް ހަތަރެސްކަން ބައްޓަމަށް އޮންނަތަނެކެވެ. އެތަނުގެ އުތުރުންފެށިގެން ދެކުނާހަމައަށް 480 މީޓަރ ހުރެއެވެ. އަދި އިރުން ހުޅަނގަށް 300 މީޓަރު ހުރެއެވެ. މަސްޖިދުލްއަޤްޞާގެ ހަރިންމައަށްވާ ސަރަހައްދު ގާތްގަނޑަކަށް ޤަދީމީ ޤުދުސްގެ ފަސްބައިކޮށްފައި އެއްބައިވަރުވާނެއެވެ.)
--- މިއީ ދިސަލަފިއްޔާގައި ލިޔެފައިވާ ލިޔުންކޮޅެއްގެ ނަކަލެކެވެ.
"މަސްޖިދުލްއަޤްޞާއަކީ ނަމާދު ކުރުމަށްޓަކައި ލެއްވިފައިވާ ތަނެކެވެ. އަދި ޤުއްބަތުއްޞަޚަރާއަކީ ނަމާދުކުރުމަށްޓަކައި ލެއްވިފައިވާތަނެއް ނޫނެވެ. ނަމަވެސް މީސްތަކުންގެ މެދުގައި އާންމުވެފައިވާ ފޮޓޯއަކީ ޤުއްބަތުއްޞަޚްރާއެވެ. މީސްތަކުންކުރެ ގިނަބަޔަކު އެތަން ފެންނަހިނދު އެއީ އަޤްޞާ މިސްކިތްކަމުގައި ހީކުރެއެވެ. އެހެންނަވެސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. އެއީ މިސްކިތެއްނޫނެވެ. މިސްކިތްވަނީ ބޮޑު ހަރިންމައިގެ ދެކުނުންނެވެ. އެޤުއްބު ބިނާކުރެވިފައިވަނީ މައްޗަށް އުފުލިފައިވާ އުސް ހިލައެއްގެ މަތީގައި (މިސްކިތުގެ) ހަރިންމައިގެ މެދުގައެވެ." ދި ސަލަފިއްޔާ ވެބްސައިޓްގައި އިތުރަށް ލިޔެފައި ވެ އެވެ.
ތެދެކެވެ. ދިވެހިންވެސް ހިމެނޭ ގޮތައް ބައެއް މުސްލިމުންނަށް މިއަދު މިވަނީ މަސްޖިދުލްއަޤްޞާ އޮޅިފަ އެވެ.
މިގޮތަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ބެލެވެނީ ބައިނަލްއަގްވާމީ މީޑިއާ ހުޅަނގުން ކޮންޓްރޯލް ކުރުމެވެ. ހުޅަނގުގެ މީޑީއާތަކުން ގުދުސްގެ ވާހަކައެއް ރިޕޯޓްކުރާއިރު އަދި މަސްޖިދުލްއަޤްޞާގެ ހަބަރެއް ލިޔާއިރު ބޭނުންކޮށްފައި ހުންނަނީ ޤުއްބަތުއްޞަޚަރާގެ ފޮޓޯތައް ކަމުން ނަތީޖާއަކަށް ވެފައި އޮންނަނީ ގޫގަލް ފަދަ ސާޗް އިންޖިންތަކުންވެސް މަސްޖިދުލްއަޤްޞާ ނުވަތަ ގުދުސް ޖަހާފައި ސާޗް ކޮށްލާހިނދު ފެނިގެންދަނީ ޤުއްބަތުއްޞަޚަރާގެ ފޮޓޯތަކެވެ.
މިކަމަކީ ޔަހޫދީން ގަސްތުގައި މުސްލިމުންނަށް އޮޅުވާލަން ހިންގާ ޖަރީމާއެއް ކަމުގައި ބެލެވެ އެވެ. އަރަބި ބައެއް ނޫސްތަކުގައިވެސް ގުދުސްގެ ސިމްބަލްއެއްގެ ގޮތުގައި ޤުއްބަތުއްޞަޚަރާގެ ފޮޓޯ ބޭނުންކޮށްފައި ހުރެ އެވެ.
ނޯޓް: މި ނޫހުގައިވެސް ގުދުސް އާއި ގުޅޭގޮތުން ކުރިއަށްގެންދެވޭ ލައިވް ކަވަރޭޖާއި އަދި އިތުރު ހަބަރުތަކުގައިވެސް ގިނައިން ބޭނުންކުރެވިފައިވަނީ ޤުއްބަތުއްޞަޚަރާގެ ފޮޓޯތަކެވެ. އަދި ފޭސްބުކްގައި ތައްޔާރުކޮށް އާންމުކޮށް ދޫކޮށްލާފައިވާ ފްރޭމްގައިވެސް ބޭނުންކޮށްފައިވަނީ ޤުއްބަތުއްޞަޚަރާގެ ގެ ފޮޓޯ އެކެވެ. ނަމަވެސް ލައިވްބްލޮގްގައިވާ ފޮޓޯ މިހާރު ވާނީ ބަދަލުކުރެވިފަ އެވެ. އަދި ކުރިއަށް އޮތް ތާނގައި ލައިވް ބްލޮގަށް ލިންކު ކުރެވޭ ފޮޓޯވެސް ބަދަލުކުރެވޭނެ އެވެ. އަދި ފޭސްބުކް ފްރޭމް މިހާރުވާނީ އާކައިވް ކުރެވިފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާއަށް ކުރިން ދޫކޮށްފައިވާ ފޮޓޯތަކަކީ ބަދަލުކުރެވޭނެ ފޮޓޯތަކެއް ކަމުގައި ނުވާތީ އެ ފޮޓޯތައް ފެންނަން ހުންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް