ރައްކާތެރިކަމާއި އެކު ލަގެޖް ބަލަހައްޓާނެ ގޮތް އެނގޭތަ !؟

ދިވެހިންނަނީ އަބަދުވެސް އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބައެކެވެ. ވަކިން ހާއްސަކޮށް ބޮޑު ޗުއްޓީއާއި، ބޮޑު އީދު ފަދަ ދުވަސްވަރުގައި ދަތުރުކޮށް އުޅުމަކީ އަބަދުވެސް ...

09 Dec 2017 | 00:49

ދިވެހިންނަނީ އަބަދުވެސް އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބައެކެވެ. ވަކިން ހާއްސަކޮށް ބޮޑު ޗުއްޓީއާއި، ބޮޑު އީދު ފަދަ ދުވަސްވަރުގައި ދަތުރުކޮށް އުޅުމަކީ އަބަދުވެސް ދިވެހިންކޮށް އުޅޭ ކަމެކެވެ.

ސީއެންއެންއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ދެމެދު ޔޫއެސްގެ ޓްރާސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދަތުރުމަތީގައި ގަހަނާއާއި ގަޑި ފަދަ ތަކެތި ގެއްލިގެން 4268 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި އަންނައުނު ގެއްލިގެން 4151 މައްސަލަ ހުށަހަޅާފައިވާއިރު އަތް ދަބަސް ގެއްލިގެން 1667 މައްސަލަ ރިކޯޑްކޮށްފައިވެއެވެ. މީގެ އިތުރުން ކޮސްމެޓިކްސްގެ ބާވަތްތައް ގެއްލިގެން 2342 މައްސަލަ ހުށަހެޅުނުއިރު ފާއިސާ ގެއްލިގެން 1053 މައްސަލަ ހުށަހަޅާފައިވެއެވެ.

މިފަދަ މައްސަލަތައް ރާޢްޖޭގައިވެސް މަދުން ނަމަވެސް ހިނގާފައިވާއިރު މިލިޔުމުގައި މިބަލާލަނީ ދަތުރުފަތުރު ކުރާއިރު ރައްކާތެރިކަމާއި އެކު ލަގެޖް ބަލަހައްޓުމުގައި ސަމާލުކަންދޭންވީ ބައެއް މުހިއްމު ކަންކަމުގެ މައްޗަށެވެ.

ހުރިހާ އެއްޗެއް ޕެކްނުކުރުން

ބައެއް މީހުންނަކީ ކުރު މުއްދަތަކަށް ތަނަކަށް ދިޔަޔަސް އަތުގައި ހުންނަ އަގު ބޮޑެތި އެއްޗެހިވެސް އެތަނަކަށް ގެންދާ ބައެކެވެ. އެހެން ކަންތައް ކުރުމުގެ ބަދަލުގައި ބްރޭންޑެޑް ސާމާނު ގެންގުޅޭ މީހެއް ނަމަ އެފަދަ އެއްޗެހި ނުގެންގޮސް އެއަށްވުރެ އަގު ދަށް ސާމާނު ގެންދިޔުން ބުއްދިވެރިއެވެ.

ދަބަސް ވަކި ކުރަން އެނގުން

ދަތުރަކަށް ތައްޔާރުވެ އެދަތުރެއްގައި ގެންދަން ތައްޔާރުކުރާ ލަގެޖުގައި ޓެގް ހަރުކުރަން ހަދާންކުރަން ވާނެއެވެ. އެގޮތުން އެމީހެއްގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު ފަދަ މައުލޫމާތުތައް ހިމަނަންވާނެ އެވެ.

ކޮޕީ ނެގުން

ދަތުރު މަތީގައި ގަންނަ ކޮންމެ އެއްޗެއްގެ ވެސް ރަސީދު އަތުގައި ބޭއްވުމާއި، ސީރިއަލް ނަންބަރުތައް ފޮޓޯ ނެގުމަށްފަހު ބެހެއްޓުމަކީ ދަބަސް ގެއްލިއްޖެ ހާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކަށް އެމައުލޫމާތު ހިއްސާކުރުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

އަމިއްލަ ދަބަސް ހުރި ތަން އަމިއްލައަށް ޓްރެކް ކުރުން

މިފަދަ ހާލަތްތަކުގައި ދަބަހުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފަރުދީ ޒިންމާއެއްގެ ގޮތުން، މިއަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ވަކި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދަބަސް ހުރި ހިސާބު ބަލާލެވިދާނެ އެވެ. މިސާލަކަށް މޮބައިލް އެޕެއް ކަމަށްވާ 'ދަ ޓައިލް' އެޕް ޑައުންލޯޑް ކުރެވިދާނެ އެވެ.

ފެންނަ ހިސާބުގައި ދަބަސް ބެހެއްޓުން

އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު އެންމެ މުހިއްމު އެއް ކަމަކީ އަމިއްލައަށް އުފުލޭ ވަރުގެ ދަބަހެއް އަބަދުވެސް ގެންގުޅުމެވެ. އެއީ ދަބަހުގައި ހުރި އެއްޗެއްގެ ރައްކާތެރި ކަމާއި އެކު އެމީހަކު އަމިއްލައަށް ބެހެލެއްޓި، ދަތުރު މަތީގައިވެސް ދަބަސް ފެންނަ ހިސާބުގައި ގެންގުޅުމުގެ ފުރުޞަތު އޮންނާނެތީއެވެ.

މި ބުނެވެދިޔަ ކަންކަމަށް ސަމާލުވުމުގެ އިތުރުން ދަބަސް ގެއްލިއްޖެ ނަމަ ވަގުތުން ފުލުހުންނަށް އެންގުމަކީ އެންމެ މުހިއްމު އެއް ކަމެވެ. ސަބަބަކީ އެއަޕޯޓް ސެކިއުރިޓީ އަދި އެއަރލައިނުން ތަކެތި ހޯދާނެ ކަމަށް ބުނުމަށްފަހުވެސް ބައެއް ފަހަރު އެތަކެތި ނުފެނި ގިނަ ދުވަސްވެ، ތަކެތި ނުފެނުނު ކަމަށް އެފަރާތްތަކުން ނިންމައެވެ. މިފަދަ ހާލަތްތަކުގައި ފުލުހުންނަށް އެމައްސަލަ ރިޕޯޓްކޮށްފައި އޮތުމުން ތަކެތި ހޯދުމުގައި ފަސޭހަ ތަކެއް ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް