މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މާލޭގައި ސިފައިން ޢާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ސިފައިން ބާއްވަން ނިންމި ޢާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނުގައި ކަމަށެވެ.
ކުޑަކުދިންގެ ހިތްތަކުގައި ޤައުމިއްޔަތާއި، ޤައުމީލޯބި ދިރުވާއާލާކޮށް، އެކުވެރި މާހައުލެއްގައި ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި މި ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގޭމްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
"މިޢާއިލީ ހަވީރު ހުކުރު ދުވަހުގެ 16:30 ގައި ހުޅުވުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަ ރަސްމިއްޔާތެއް ޖުމްހޫރީ މައިދާން ސަރަޙައްދުގައި ބޭއްވުމަށްފަހު، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ޢާއިލީ ހަވީރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަޑިއަކީ 16:30 އިން 18:30 އަށް" އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެ މުއައްސަސާއިން އިތުރަށް ބުނީ މި ޢާއިލީ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތަކާއި، ރެޕަލް ކުރުމާއި، ޑްރަމް ޖެހުމާއި، އަލިފާން ނިއްވުމަށް ފެންޖެހުމާއި، ސިފައިންގެ ޔުނިފޯމްގައި ފޮޓޯނެގުންފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް