ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ޓީމެއް ގދ. ތިނަދޫއަށް ހިނގައްޖެއެވެ.
ދިވެހިބަހުގެ އެކަޑަމީގެ ބޭފުޅުންނާއެކު ހެރިޓޭޖުގެ ޓީމު އެރަށަށް މިދިޔައީ އެރަށުން ފެނުނު އާޘާރީ މިސްކިތް ދިރާސާ ކުރުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސްނެންގެވުމުގެ ގޮތުން ދިވެހިބަހުގެ އެކަޑެމީ އިން އިންތިޒާމުކޮށްގެން ތިނަދޫ އަށް ކުރާ އެ ދަތުރުގައި ތިނަދޫގައި ހުރި އާޘާރީ ހުކުރު މިސްކިތް ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
އަދި ލަސްނުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެ އެކަޑަމީން މި އެކުލަވާލެވޭ ރިޕޯޓު ހިއްސާ ކޮށްފަ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ހެރިޓޭޖު ޑިޕާޓްމަންޓްގެ ފަރާތުން ރިޕޯޓު ހިއްސާ ކުރައްވާނެ ކަމަށާއި އެއަށްފަހު ކުރިއަށް އޮތް ތާނގައި މިތަން ވާންވީ ގޮތެއްގެ މައްޗަށް ވަރަށް ބޮޑަށް މައުލޫމާތުތައް ހިއްސާ ކުރައްވައި އެކަމާ ގުޅުން ހުރި ފަރާތްތަކުގައި ކުރިއަށް ގެންދާނެކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.
ފެންނަފެނުމަށް އެމިސްކިތަށް 85 އަހަރު ވެފައިވާނެ ކަމަށާއި އެހެންނަމަވެސް އެއަށް ވުރެ ގިނަ އަހަރު މިސްކިތަށް ވެފައިވާ ކަމަށް ތިނަދޫގެ ދުވަސްވީ ފަރާތްތަކުން ބުނަމުން އަންނަ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފު ވިދާޅުވީ ޢަރަބި އަކުރުން 1355 ލިޔެފައިވާ ހިރިގަލެއް އެ މިސްކިތުން ފެނިފައިވާ ކަމަށާއި އެހެންނަމަވެސް ދުވަސްވެފައި ހުރުމުގެ ސަބަބުން އެއީ 13 ކަމެއް ނުވަތަ 12 ކަމެއް ޔަގީން ނުވާ ކަމަށާއި އެއީ 1355 ކަމަށް ވާނަމަ އެއީ ޝަމްޝުއްދީން ރަދުންގެ ދުވަސްވަރު ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.
ތިނަދޫ އާޘާރީ މިސްކިތުގެ ބިނާ ފެނިފައި ވަނީ މިހާރުގެ ހުކުރު މިސްކިތް ހުރި ސަރަހައްދުގައި އިސްލާމިކް ސެންޓަރެއް ހެދުމަށް އެތަން ތަޅައި ސާފު ކުރުމުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް