ކާރެއްގެ ދަށުން ކަނޑިތަކެއް ހޯދައިފި

ކާރެއްގެ ދަށުގައި ރައްކާކޮށްފައިވާ ކަނޑިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިރޭ 00:45 ހާއިރު ފުލުހުން ހިންގި ހަރަކާތުގައި ކަނޑިތައް ހ...

08 Dec 2014 | 23:28

ކާރެއްގެ ދަށުގައި ރައްކާކޮށްފައިވާ ކަނޑިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިރޭ 00:45 ހާއިރު ފުލުހުން ހިންގި ހަރަކާތުގައި ކަނޑިތައް ހޯދައިފައި ވަނީ ހެންވޭރު، ރަތްވިލާހިނގުމުގައި ޕާކް ކޮށްފައިވާ ކާރެއްގެ ދަށުގައި ރައްކާކޮށްފައި ވަނިކޮށް ކަމަށާއި

ފުލުހުން ހިންގި މި ހަރަކާތުގައި ކާރުގެ ދަށުގައި ރައްކާކޮށްފައި ވަނިކޮށް 4 ކަނޑި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ  ހެޑް އޮފް ސެންޓަރަލް އޮޕަރޭޝަން ކޮމާންޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހަދާ މާރާމާރީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފުލުހުންނަށް ތުޙުމަތުކުރެވޭ ފަރާތްތައް ހުއްޓުވައި ބަލައިފާސްކުރުމުގެ އިތުރުން ޝައްކުކުރެވޭ ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެކަމަށެވެ. މީގެ އިތުރުން މާރާމާރީ ހިންގައި މާލޭގެ އަމަން ނަގާލަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އެސްޕީ ނަވީން ވަނީ ވިދާޅުވިއެވެ.

ކާރެއްގެ ދަށުގައި ރައްކާކޮށްފައިވާ ކަނޑިތަކެއް ފެނިފައިވާ މި މައްސަލަ މޯލްޑިވުސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް