މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގައި އުރީދޫއިން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ އަމާޒަކީ، ރާއްޖެއިން ބޭރުން ހޯދާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކުގެ ދަށުން، ދަރިވަރު ކުރަންޖެހޭ އިތުރު ޚަރަދުތައް ކޯޕަރޭޓް ޕާޓްނަރު މެދުވެރިކޮށް ދަރިވަރަށް ހޯދައިދީ، އަދި މީގެ ސަބަބުން ކޯޕަރޭޓް ޕާޓްނަރުންގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މަގުފަހިވެގެންދިއުމެވެ.
ކޯޕަރޭޓް ޕާޓްނަރުން ސްޕޮންސަރކޮށްގެން ކިޔަވާ ދަރިވަރުންނަކީ ކޯޕަރޭޓް ޕާރޓްނަރުންނަށް އެކުންފުންޏެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދެވިދާނެ ދަރިވަރުންނެވެ. ނިމިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ތައާރަފުކުރެވުނު މި ސްކީމްގައި މިހާތަނަށް ސޮއިކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، ދިރާގު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.
މި ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވާ އަމިއްލަ ކުންފުނިތަކަކީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. އުރީދޫއާއެކު، ޖުމްލަ 12 ފަރާތެއް ސޮއިކޮށްފައިވާ މި ސްކޮލަރޝިޕްގެ ފުރުސަތުތަކުގައި ބައިވެރިވުމަށް އާއްމުކޮށް އިއުލާނުކުރާނީ ޖެނުއަރީ 2020 އިންފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް