މިއަހަރުގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމުގެގޮތުން ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާމެދު ފުލުހުން މަޝްވަރާކޮށް އެކަން ކުރިޔަށް ގެންދާނެ ގޮތް ނިންމައިފިއެވެ.
ފުލުހުން ބުނީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން އިސްނަގައިގެން އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާ ހާޒިރީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެއްގަމު ދަތުރު ފަތުރުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނާ ސެކިއުރިޓީ ކަންކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ކަމަށެވެ. މީގެ އިތުރުން މިޖަލްސާ ކުރިޔަށްދާވަގުތު ދަރުބާރުގެ ހިމެނޭ ސަރަޙައްދު މަގުތައް ބަންދުކުރާނެ ގޮތާ އެސަރަޙްއަދު ބަންދު ކުރުމުން ޓްރެފިކް ޑައިވާޓް ކުރުމުގެ ކަންކަން ގެންދާނެ ގޮތް މަޝްވަރާ ކޮށްފައި ވާ ކަމަށް ފުލުހުން ބުނެ އެވެ.
"މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ މިޖަލްސާގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި އަމާން ކަމާ އޮމާންކަމާއެކު ޓްރެފިކް ފްލޯގެންދަން ޖެހޭނެ ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތައް ވީހާވެސް މަދުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަން އިސްކަން ދޭންޖެހޭނެ ކަމަށް، މިއާއެކު މިޖަލްސާ އަށް ބަންދުކުރެވޭ މަގުތަކާ ގޯޅިތަކާ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާ ހާޒިރީންގެ އުޅަނދުތައް ޕާކު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް އަންގަމުން ގެންދިއުމުގެ މުހިއްމުކަން މި ބައްދަލުވުމުގައި ފާހަގަ ކުރެވުނު" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މިބައްދަލުވުމުގައި މާލޭ ސިޓީ ޕޮލިސް އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މާފަންނު ޕޮލިސް އާއި ގަލޮލޫ ޕޮލިސްގެ އިތުރުން ޕޮލިސް މީޑިއާއިން ބައިވެރި ވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް