ހޮންކޮން ޓީމަށް ފުރިހަމަ ރައްކާތެރި ކަން ލިބިގެންދާނެގޮތަށް ހުރިހާ ކަމެއް ވަނީ އިންތިޒާމު ކުރެވިފައި:  އޭސީޕީ ނަވީން

ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖް މެޗަތްކުގެ ތެރެއިން ރާއްޖެ އާއި ހޮންކޮންގ ބައްދަލުކުރާ މެޗް ކުޅުމަށް ރާއްޖެ އަންނަ ހޮންކޮންގ ޓީމަށް ދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަންޖ...

09 Nov 2015 | 08:43

ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖް މެޗަތްކުގެ ތެރެއިން ރާއްޖެ އާއި ހޮންކޮންގ ބައްދަލުކުރާ މެޗް ކުޅުމަށް ރާއްޖެ އަންނަ ހޮންކޮންގ ޓީމަށް ދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އިންތިޒާމު ކުރެވިފައިވާ ކަމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 12 ވަނަ ދުވަހު ޤައުމީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗްގައި ވާދަކުރުމަށް ހޮންކޮންގުގެ ޤައުމީ ޓީމު ރާއްޖެ އައިސް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް އަދި ޓެކްނިކަލް ސްޓާފުންނަށްވެސް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސަލާމަތީ ބާރުތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާނެ ކަމަށް ނަވީން ވިދާޅުވިއެވެ. ހަމަ އެއާއެކު މެޗް ބެލުމަށް ޤައުމީ ސްޓޭޑިއަމް އަށް ހާޒިރުވާ ސަޕޯޓަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އެންމެ ފުރިހަމަ ގޮތުގައި އަޅައި އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުލުހުން ވަމުންދާކަންވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

އޭސީޕީ އިސްމާޢީލް ނަވީން ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މެހްމާނުންނަށް ފުރިހަމަ މެހްމާންދާރީ އަދާކުރާ އަދި މެހްމާނުންނަށް ރައްކާތެރިކަންދީ ކަމޭހިތާ ބައެއްކަމަށާއި އެކިއެކި ކުޅިވަރުތައް ކުޅެން އަދި ޚާއްޞަކޮށް ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގެ މެޗްތައް ކުޅެން ރާއްޖެއަށް ޒިޔާރަތްކުރި ޓީމުތަކަށް ފުރިހަމަ ރައްކާތެރިކަން ދިވެހި ރައްޔިތުންގެ ފަރާތުންނާ ސަލާމަތީ ބާރުތަކުން ދެމުންދާކަން މިފަދަ ކޮންމެ ޙަރަކާތަކުންވެސް ދައްކުވައިދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކުޅޭ މެޗް ކުޅުމަށް ހޮންކޮންގެ ޓީމު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އެޓީމުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންގެންދާނީ އެފް އޭ އެމް އާއި ފުލުހުންނާ ސިފައިންގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް