ކުޑަ ދެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރކޮށްފައިވަނީ 79 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކިދުވަސް މަތިން 10 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 14:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހއ. އުލިގަމުން ކަމަށާއި 79 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކި ދުވަސްމަތިން ހަ އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ 16:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހއ. މުރައިދޫއިން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ދެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 79 އަހަރުގެ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް