ސައިކަލެއްގެ ކުރީ ފުރޮޅު ކާނުގަނޑަށް ވެއްޓިގެން އުޅުނު ދެމީހެއްގެ އަމަލުތައް ހުރި ގޮތުން ބަލައި ފާސްކުރި އިރު އެ ދެމީހުން ދުއްވި ސައިކަލުގެ މަޑިދަށުން ބިޔަރު ދަޅެއް ފެނުމުން އެ ދެމީހުން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެއިން ބިޔަރު ދަޅަކާއެކު ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެ ފިރިހެނަކު ކަމަށެވެ.
މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 7:20 ހާއިރު 85 ފްލެޓް ކައިރިން އެވަގުތު ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ދެމީހުން ދުއްވި ސައިކަލުގެ ކުރީ ފުރޮޅު ކާނުގަނޑު ތެރެއަށް ވެއްޓިގެން އުޅޭތަން ފެނުމާއި ގުޅިގެން ފުލުހުން އެމީހުން ކައިރިއަށް ގޮސް އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެދެމީހުންނާއި އެދެމީހުން ދުއްވި ސައިކަލް ބަލައިފާސްކުރިއިރު އެސައިކަލް މަޑިދަށުން ބިޔަރު ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން އެކަކީ ރިހިބިލިޓޭޝަން ފަރުވާއަށް މުޖުތަމަޢުއަށް ދޫކޮށްލާފައިވާ މީހަކަށްވާއިރު އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި އަނެއް މީހާއަކީ ޓެރަރިޒަމް މައްސަލައެއްގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް