ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ހޮންގކޮންގ އަންނަ ބްރާސްފަތި ދުވަހު ރާއްޖޭގައި ކުޅޭ މެޗުގެ ޓިކެޓު މިއަދު ވިއްކަން ފަށާނެ ކަމަށް ދިވެހި ފުޓުބޯޅައިގެ ޤައުމީ އިދާރާއިން ބުނެފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ މިއަދު ހަވީރު 16:00ގައި ޓިކެޓު ވިއްކަން ފަށާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުން ކަމަށާއި ގޮނޑިބަރީގެ ޓިކެޓް ވިއްކާނީ އޮލިމްޕަހާއި ދިމާލުގައި ހުންނަ ކައުންޓަރުން ކަމަށެވެ.
ސިޑިބަރީގެ ޓިކެޓް އިރުއުތުރު ކައުންޓަރުން ވިއްކާ އިރު، ޓިކެޓް ވިއްކާނީ ކޮންމެ މީހަކަށް 5 ޓިކެޓުގެ މަގުންކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.
ސިޑިބަރީގެ ޓިކެޓެއްގެ އަގު އުޅެނީ 50 ރުފިޔާއަށެވެ. އަދި ގޮނޑިބަރީގެ ޓިކެޓުގެ އަގު އުޅެނީ 100 ރުފިޔާ އާއި 150 ރުފިޔާއަށެވެ.
ވަރލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން މިހާތަނަށް 5 މެޗު ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ވަރލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގެ އެއްވަނައިގާ 15 ޕޮއިންޓާއެކު އޮތީ ޤަތަރެވެ. ދިހަ ޕޮއިންޓާއެކު ދެވަނައިގާ ހޮންގކޮންގ އޮތް އިރު، 7 ޕޮއިންޓާއެކު ޗައިނާ 3 ވަނައިގާ އޮތް އިރު، 3 ޕޮއިންޓާއކު ރާއްޖ އޮތީ 4 ވަނައިގައެވެ. މި ގްރޫޕުގައި މިހާތަނަށް އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލުގެ އެންމެ ފަހަތުގައި އޮތީ ބޫޓާން އެވެ.
ހޮންކޮންއާ ދެކޮޅަށް ބްރާސްފަތި ދުވަހު ކުޅޭ މެޗަކީ ޤައުމީ ޓީމުގެ ކޯޗު ރިކީ ހަރބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަށްވާ އިރު، ޓީމުގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ މުޙައްމަދު ޢުމައިރަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. އަދި އައްސަދު ޢަލީ (އަޑޭ)އަށްވެސް މި މެޗުގައި ނުކުޅެވެއެވެ. އައްސަދަށް ނުކުޅެވެނީ ދެރީދޫ ކާޑު ހަމަވުމުގެ ސަބަބުންނެވެ.
މީގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން ޤަވާޢިދުން ޤައުމީ ޓީމުން ޖާގަހޯދަމުންއަންނަ ޤައުމީ ޓީމުގެ ވައިސް ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ (އަކޫ)އަށް ވަނީ ބްރާސްފަތި ދުވަހުގެ މެޗުންވަނީ ޖާގަ ގެއްލިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް