އިނގެރޭސި ޕްރިމިއަރލީގު: ޗެލްސީއަކީ " ހަރީފް މޫސުމުގެ ޗެމްޕިއަނުން" – މޮރީނިއޯ

ޗެލްސީއަކީ "ހަރީފް މޫސުމުގެ ޗެމްޕިއަނުން" ކަމަށް އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ. ރޭ އިނގެރޭސި ޕްރިމިއަރލީގުގައި ލިވަރޕޫލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސީޒަންގެ ފުރަތަމަ 4 މަސް ނިމުމަކަށް ...

09 Nov 2014 | 08:15

ޗެލްސީއަކީ "ހަރީފް މޫސުމުގެ ޗެމްޕިއަނުން" ކަމަށް އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

ރޭ އިނގެރޭސި ޕްރިމިއަރލީގުގައި ލިވަރޕޫލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސީޒަންގެ ފުރަތަމަ 4 މަސް ނިމުމަކަށް އައިސްފައިވާއިރު ޗެލްސީ އޮތީ 2 ވަނައިގައިއޮތް ސައުތްހޭމްޓްގެ މައްޗަށް 4 ޕޮއިންޓް ލީޑެއްގައި ތާވަލުގެ އެއްވަނައިގައެވެ.

ރޭ އެންފީލްޑްގައި ލިވަރޕޫލްއާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން މޮޅުވެފައިވަނީ ފަހަތުންއަރާ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އެމްރޭ ޗޭންގެ ލަނޑުން ލިވަރޕޫލްވަނީ މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް ޗެލްސީއިންވަނީ ލިވަރޕޫލްގެ ގޯލަށް ފުރިހަމަ ރައްދެއްދީފައެވެ. އެގޮތުން 14 ވަނަ މިނެޓުގައި ކޭހިލް ގޯލުން ޗެލްސީން ނަތީޖާ ހަމަހަމަކުރިއެވެ. ގޯލް ލައިންޓެކްނޮލޮޖީގެ އެހީގައި އޮފިޝަލް ގޯލް ޔަގީންކޮށްފައިވާއިރު، މެޗުގައި ޗެލްސީއިން ޖެހި 2 ވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ. މިއީ ޑިއޭގޯ ކޮސްޓާ މި ސީޒަންގައި ކުޅުނު 9 މެޗުން ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

މިހާތަނަށް ޗެލްސީއިން މި ސީޒަނުގައި ކުޅުނު 17 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.  މިކަމާއި ގުޅިގެން މޮރީނިއޯ ބުނެފައިވަނީ އިނގެރޭސި ޕްރިމިއަރލީގުފަދަ ވަރުގަދަ ލީގެއް ބަލިނުވެ ނިންމާލެވިދާނެކަމަށް އޭނާ ގަބޫލުނުކުރާކަމަށެވެ.

މެޗުގައި ޗެލްސީއިންޖެހި ފުރަތަމަ ގޯލް "ގޯލްލައިން ޓެކްނޮލޮޖީ"ގެ އެހީގައި ރެފްރީ ނިންމާފައިވާއިރު، މިކަމަށް މޮރީނިއޯވަނީ ތައުރީފްކޮށްފައެވެ. މިސީޒަނުގެ 5 ވަނަ ބައްޔާއެކު ލިވަރޕޫލްއޮތީ ލީގު ތާވަލުގެ 8 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް