ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެ: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައި ނުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަމަށް މީގެ...

09 Sep 2019 | 08:40

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައި ނުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަމަށް މީގެ ތިން ރޭ ކުރިން އެ މަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާކަމަށެވެ. އަދި އެކަން ފުލުހުން ވެސް ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ ކަމަށް ނަޝީދް ވިދާޅުވިއެވެ.

މިހެން ނަޝީދް ވިދާޅުވީ ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގައެވެ.

ނަމަވެސް އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ފުލުހުން ރައީސް ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވެއެވެ. އަދި ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

"މިވަގުތު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް މި ސާވިސްއަށް ފާހަގަކުރެވިފައެއް ނުވޭ، މިފަދަ މައްސަލައެއް ހުށަހެޅިފައެއްވެސް ނުވޭ، އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް ދެން،" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުންވެސް ވަނީ ބަޔާނެއްނެރެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުންނާއި ސިފައިން ބުނެފައިވާ ކަމަށް ރައީސް މުޙަންމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް