މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައެއްގައި ހިމެނޭ މީހަކު ލ. އަތޮޅުގެ ރަށަކުން ހައްޔަރުކޮށްފި އެވެ.
އެކަމަކު އެއީ ކޮން ރަށަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެއީ ކޮން މައްސަލައެއްގައި ކަމެއް ނޭނގެ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމީހާ ހައްޔަރުކޮށްގެން މާލެ ގެނެސްފައިވާ ކަމަށެވެ.
މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް ހިންގައި ދެ މީހަކު މަރާލާފައިވެ އެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި ޓާމިނަލް ކެފޭ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި މަރާލި ހއ ތަކަންދޫ، ނަދީމް އަބްދުއް ރަހީމް އާއި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މެޔަށާއި ބޮލަށް އަދި ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި މަރާލި ރ. މީދޫ މުހައްމަދު އަނަސް ހިމެނެ އެވެ.
މީގެ ތެރެއިން އަނަސްގެ މަރާ ގުޅިގެން ފުލުހުން ވަނީ އޭނާއަށް ހަމަލާދީ މަރާލިކަމަށް ޔަގީން ކުރެވޭ ބަޔަކު ހައްޔަރުކޮށްފައި އެވެ. އަދި ނަދީމްގެ މަރާ ގުޅިގެންވެސް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލަތައް ތަހުގީގު ކުރަމުންދާތީ ތަފްސީލީ މައުލޫމާތުތައް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް