އެންމެ ބަރު އަންހެން މީހާ، އީމާންއަށް އަމިއްލައަށް ހިނގާލެވޭ ވަރު ވެއްޖެ

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދަށް އަމިއްލައަށް ތެދުވެ ހިނގާ ބިނގާވެ އުޅެވޭ ވަރު ވެއްޖެ އެވެ. ފުރަތަމަ އިންޑިއާގެ މުމްބާއީން ފަރުވާ ހޯދުމަށް ފަހު މިހާރު އީމާން ފަރު...

09 Sep 2017 | 07:27

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދަށް އަމިއްލައަށް ތެދުވެ ހިނގާ ބިނގާވެ އުޅެވޭ ވަރު ވެއްޖެ އެވެ.

ފުރަތަމަ އިންޑިއާގެ މުމްބާއީން ފަރުވާ ހޯދުމަށް ފަހު މިހާރު އީމާން ފަރުވާ ހޯދަމުން ދަނީ އަބޫދާބީންނެވެ. އުމުރުން 36 އަހަރުގެ އީމާން މުމްބާއީއަށް ގެންދަން ގެއިން ނެރެން ޖެހުނީ އިމާރާތުގެ ބައެއް ހަލާކުކޮށްލައިގެން ކެރޭނެއްގެ އެހީގައި އެވެ.

އަބޫދާބީއަށް އީމާން ގެންދިޔައީ އޭނާއަށް އިންޑިއާގެ ހޮސްޕިޓަލުން ދެމުންދިޔަ ފަރުވާ އާއި މެދު އާއިލާ އާއި އީމާން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. އެކަމަކު އިންޑިއާގެ ޑޮކްޓަރުން ވަނީ 83 ދުވަސް ތެރޭގައި ތަފާތު އޮަޕަރޭޝަންތަކާއި ޑައިޓުތައް ޖައްސުވައިގެން އީމާންގެ ގައިން 250 ކިލޯގްރާމް ހިއްކާލާފަ އެވެ.

އިންޑިއާއަށް ގެންދިޔަ އިރު އީމާންގެ ގައިގަ 500 ކިލޯގްރާމް ހުއްޓެވެ. އަބޫދާބީގައި އީމާންއަށް ފަރުވާދެމުންދާ ބުރްޖީލް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ މިދިޔަ މޭމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ހޮސްޕިޓަލުން ބުނީ މިހާރު ދެމުންދާ ފަރުވާތައް ނިމޭއިރު 100 ކިލޯގްރާމަށް އީމާންގެ ބަރުދަން ލުއިވާނެ ކަމަށެވެ. އަދި މިހާރުވެސް އޭނާއަށް އަމިއްލައަށް ތެދުވެ ހިނގާ އުޅެވޭ ކަމަށާއި އަމިއްލައަށް ކައި، ބޭސް ކައިވެސް ހަދާ ކަމަށެވެ.

އަދި ޑޮކްޓަރުން ވަނީ އޭނާގެ އެދުމުގެ މަތިން ހޮސްޕިޓަލުން ބޭރަށް ދިއުމުގެ ހުއްދަވެސް ދީފަ އެވެ. އެ ހުއްދައާއި އެކު އީމާން އެންމެ ފުރަތަމަ ދިޔައީ އަބޫދާބީގެ މަޝްހޫރު އައިސްކްރީން އުފައްދާ ކުންފުންޏަކަށެވެ. އެއީ އެ ކުންފުނިން އުފައްދާ އައިސްކްރީމަކީ އީމާން އަށް މާ ކަމުދާ ވައްތަރަކަށް ވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހޮސްޕިޓަލުން މިހާރުދެމުންދާ ފަރުވާގެ އިތުރުން މޫނުމަތީގެ ހަންގަނޑު ރީތކުރުމަށްވެސް އީމާން އޮޕަރޭޝަނެއް ކުރާނެ އެވެ. އެ ހޮސްޕިޓަލުގައި އީމާން އަހަރެއްހާ ދުވަހު ފަރުވާ ހޯދާނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް