ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ހެނދުނުން ފެށިގެން ވެހުނު ބޯވާރޭގެ ތެއްފިނިކމުގެ އަސަރު ޖައްވުގައި ހަރުލާފައި ވެއެވެ. އަދިވެސް ވިއްސާރައިގެ އަސަރު ފާޅުވަމުން ދެއެވެ.ހީވަނީ ދެންމެ ދެންމެ އުޑުމަތީގައިވާ ކަޅުވިލާތައް އެކުވެލާފައި ވާރޭ ވެހިގެންފާނެ ހެންނެވެ.
ޝާހިލް ހުރީ ގޭގެ ބެލްކަނީގައެވެ. އަތުގައި ދެބައި ކުޅައެއްބަޔަށް ބޮއިފައި ހުރި ކޮފީތައްޓެއް ހުއްޓެވެ. އޭނާހުރީ މަގުމަތީގައި ހިނގަމުންދާ ކަންތައްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ބައެއް މީހުންނާއި ބައެއް ކުދިން މަގުމަތީގައި ހެދިފައިވާ ފެންބޮޅުތަކުން ސަލާމަށް ވުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ފެނުމުން އޭނާގާތަށް ބައެއް ފަހަރު ހިނިވެސް އާދެއެވެ.
ކުއްލިއަކަށް ޝާހިލްގެ ލޮލުގައި އަޅައިގަތީ ގޭގެ ދޮރުމައްޗަށް އައިސް މަޑުކޮށްލި މަޑުނޫކުލައިގެ ކާރެކެވެ. އެވަގުތު އޭނާގެ ނަޒަރުގޮސް ހުއްޓުނީ އެކާރާއި ދިމާއަށެވެ. ކާރުގެ ދޮރުހުޅުވާލާފައި އެއިން ފޭބީ އޭނާގެ ހިތުގެ ރާނީކަމުގައިވާ ޒީޝާނެވެ. އޭނާ ކާރުން ފޭބުމަށް ފަހު ގުދުވެލާފައި ކާރުގެ ކުރީސީޓުގައި އިންމީހާ ގާތު ކޮންމެވެސް ވާހަކައެއް ބުނެލުމަށް ފަހު ތެދުވެގެއާއި ދިމާއަށް ހިނގައިގަތީ ހެމުންހެމުންނެވެ. ޝާހިލަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ޒީޝާނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހީވަނީ ޒީޝާނު ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަމުން އެދަނީ އޭނާގެ ހިތުގައި ހެން ކަހަލައެވެ.
އޭނާއަށް ދުނިޔޭގެ ކަންކޮޅުތަކުން ރީތި އަންހެންކުދިން ފެނި ބައްދަލުވެސް ކުރެވިއްޖެއެވެ. ނަމަވެސް ޒީޝާނު ފެނުމުން އެވާ ފަދަ ގޮތްތަކެއް އެއިން އެއްވެސް އަންހެންކުއްޖަކު ފެނުމުން އޭނާގެ ހިތަކަށް ނުކުރުވައެވެ. އެންމެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތަށް ޒީޝާނު ވަރަށް ކަމުދިޔައެވެ. އެހިތް ޒީޝާނަށް އެދެން ފެށިއެވެ. ނަމަވެސް............................
ޝާހިލަށް އޭނާގެ އެޚިޔާލީ ދުނިޔެއިން ހަމަބިމަށް އަންނަށް މަޖުބޫރުވީ ޔޫހާ ދޮންބޭއޭ ކިޔާ ގޮވާލުމުންނެވެ. އޭނާ އަވަސް އަވަހަށް ގޭތެރެއަށް ދިޔުމަށް ހިނގައިގަތެވެ.
ޒީޝާނު އިނީ ކޮޓަރިތެރޭގައެވެ. އަތުގައި އޮތް ފޯނަށް އޭނާ އިރުއިރުކޮޅާއި ބަލާލައެވެ. ހީވަނީ ކޮންމެވެސް މުހިންމު ކޯލަކަށް އޭނާ އިންތިޒާރު ކުރަމުންދާ ހެންނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފާޅުވަމުންދެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ނުހަނު ލޯބިވާ މަންމަ ޑެންގޫހުން ޖެހިގެން ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނީ
ރޭގެ ވަގުތެއްގައެވެ. ދޮންތަ އެވާހަކަ ގުޅާފައި އެވާހަކަ ބުނިފަހުން ޒީޝާނަށް ހަމަޖެހުމެއް ނުލިބެއެވެ. ރަނގަޅަކަށް ނުވެސް ކެވެއެވެ. އަބަދުވެސް އޭނާގެ ޚިޔާލީސްކުރީނުން ފެންނަނީ މަންމައެވެ. މިހާރު މިއަދު އޭނާ މަންމަގެ ހާލުބެލުމަށްޓަކައި ގުޅިވަރެއް އަދަދެއް ވެސް ނޭނގެއެވެ. ކޮންމެ ފަހަރަކު ދޮންތަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ ހިތްހަމަ ޖައްސާދިނުމަށް ފަހު ފޯނު ބާއްވައެވެ. އެހެން ނަމަވެސް.......................
މާގިނައިރު އޭނާ އެފޯނަކަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މިފަހަރު އޭނާއަށް ގުޅީ ދޮންބެދައްތައެވެ. ''ދޮންބެދައްތާ. މަންމަ ކިހިނެއްތަ؟ މިހާރުވެސް އޮތީ އައިސީޔޫގަތަ؟ އަދިވެސް ވަރަށް ސީރިޔަސްތަ؟'' ޒީޝާނު އެއްފަހަރާ އެތައް ސުވާލެއް އަމުނާލިއެވެ.
''ޒީ. ދޮންބެ ދައްތަ ވާހަކަދައްކަން ވެސް ވަގުތެއް ދީބަލަ އަޅެ.'' ދޮންބެދައްތަ ބުއްޏެވެ. ''ދެންބުނެބަލަ މަންމަ ކިހިނެއްތަ؟''
''އިރާދަކުރެއްވިއްޔާ މަންމަގެ ހާލު ރަނގަޅު. މިހާރު ވޯޑަށް ބަދަލުކޮށްފި.'' ދޮންބެދައްތަގެ އެޖުމުލައިން ޒީޝާނުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ''އަލްހަމްދުﷲ. އަޅެ އަހަރެން ބޭނުން މަންމައާއި ވާހަކަދައްކަން.'' ޒީޝާނު އާދޭހުގެ ރާގަކަށް ބުއްޏެވެ. ''އަދި ޒީއަށް މަންމައާއި ވާހަކަ ދެއްކޭނޭ. އެކަމަކު މިހާރަކު ނޫން. މިހާރު މަންމައަށް އޮތީ ނިދިފަ. ދެންބާއްވަނީ އިނގޭ.'' ދޮންބެދައްތަ ފޯނުކަނޑާލުމުން ޒީޝާނު ފޯނަށް ބަލާލަމުން އެނބުރިލީ އިރު ކޮޓަރީގެ ދޮރުމަތީގައި ޝާހިދާދައްތަ ހުއްޓެވެ.
'މަންމައަށް ކިހިނެއްވީތަ އަނެއްކާ؟'' ޝާހިދާ ކޮޓަރި ތެރެއަށް ވަންނަމުން ބުނެލިއެވެ. ''ވަރަށް ބޮޑަށް ހުންއައިސް ގެން އެޑުމިޓުކުރީ.'' ޒީޝާނު މަޑުމަޑުން ބުއްޏެވެ. ''މިހާރު ކިހިނެއްތަ މަންމަގެ ހާލު.'' ޝާހިދާ އަހާލިއެވެ. ''މިހާރު ވޯޑަށް ބަދަލުކޮށްފި.''
''ތީގެ މާނައަކީ ކުރިން އޮތީ އައިސީޔޫގައޭތަ.'' ޝާހިދާ އަހާލިއެވެ. ޒީޝާން އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ''ދެން ކީއްވެ ޒީ ޝާހިދައްތަ ގާތު އެވާހަކަ ނުބުނީ.''
''ރޭ ވަރަށް ދަންވިފަހުން ދޮންތަގުޅާފަ ބުނީ މަންމަގެ ހާލު މާގޯސްވެގެން އައިސީޔޫއަށް ސިފުޓު ކުރި ވާހަކަ. އޭގެ ފަހުން ޝާހިދައްތައަކާއި ދިމައެއް ނުވޭ.''
''މިއަދު ޖީހާންވެސް ގުޅިއޭ. އެކަމަކު ތިކަހަލަ ވާހަކައެއް ނުދައްކާ.''
''ދޮންތަ އަހަރެން ގާތުވެސް އުޅުނީ ނުބުނަށް ވެގެން. އެކަމަކު އަހަރެން މަންމަ ކޮބައިހޭ އެހިވަރުން އެންމެފަހުން ހުރިހާ ވާހަކައެއް ކިޔައިދިނީ.'' ޒީޝާނުގެ އަޑުގައި ރިހުން އެކުލެވެއެވެ. ''އެހެންތަ. ޝާހިދައްތަ މިއައީ ވެސް މިއަދު ހަތަރުދަމުވެސް ގޭތެރެއިން ޒީ ފެނިވެސް ނުލީމަ ވީގޮތެއް ބަލާލަން ވެގެން. މިއަދު އަދި ތިހިރީ އެކައްޗެއްވެސް ނުކައިދޯ.'' ޝާހިދާ ވާހަކަދެއްކީ ލޯތްބާއި އެކުގައެވެ. ''ނޫން. ހެނދުނު ސައިބުއިން.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.
''ތިވާހަކައެއް ނޫނޭ. ނޫރާ އެބައުޅޭ ޕިއްޒާ ގެނެސްގެން. ހިނގާބަލަ އެތަނުން ޕިއްޒާކޮޅެއް ކާލަން.'' ޝާހިދާ ހިނގައި ގަންނަމުން ބުއްޏެވެ. ޒީޝާންވެސް ބަސް އަހާ ކުޑަކުއްޖަކު ފަދައިން ޝާހިދާގެ ފަހަތުން ހިނގައިގަތެވެ.
ޝާހިލް ޑިއުޓީ ނިމިގެން ގެއަށް އައިސް ވަންއިރު މެންދަމުން އަލިވެ އެއްގަޑިބައިވަނީއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މުޅިގޭތެރޭގައި ވެރިކަންކުރަމުންދަނީ ބޮކީގެ ފަޑުއަލިކަމެވެ. އޭނާ ސިޓިންރޫމު ހުރަސްކޮށް ސިޑިއާއި ދިމާއަށް ދިޔަވަގުތު ސިޑި އާއި ދިމާއިން ކާގެއާއި ދިމާއަށް ދިޔަ ހިޔައްޏެއް ފެނުނެވެ. އެވަގުތު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް ބިރުކުޑަކޮށްލާފައި ޝާހިލް މަޑުމަޑުން ކާގެ އާއި ދިމާއަށް ދިޔައެވެ. އަދި އަވަސް އަވަހަށް ކާގޭ ބޮކިޖައްސާލުމަށް ފަހު ކާގެތެރޭގައި އެއްވެސް މީހަކު އުޅޭތޯ ވަށާ ހޯދާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ބިލަމެއްވެސް ކާގެތެރެއިން ފެންނާކަށް ނެތެވެ. ވުމާއެކު އެއީ އޭނާއަށް ހީވިހީވުމެއް ކަމުގައި ނިއްމުމަށް ފަހު އޭނާ ކާގެއިން ނިކުތެވެ.
އެވަގުތު އޭނާ ސިއްސައިގެން ދިޔައީ ކާގެއާއި ދިމާއަށް އައި ޒީޝާނު ފެނުމުންނެވެ. އެފިޔާތޮށި ކުލައިގެ ނިދާހެދުމުގައި ހުންނައިރު އޭނާ ކިހާ ރީތި ހެއްޔެވެ؟ އޭނާގެ މޫނުމަތިން ހިސާބަކަށް މަޑުމޮޅިކަމުގެ އަސަރު ފާޅުވަމުން ދެއެވެ. ނިދީގެ އަސަރަށް ވުރެ ބޮޑަށް އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ.
އަނެއްކާ ކިހިނެއްވީބާއެވެ. ޝާހިލް މިފަދަ ޚިޔާލްތަކެއްގައި ހުއްޓައި ޒީޝާން އައިސް އޭނާ އާއި އަރާ ހަމަކޮށްފިއެވެ.
ޒީޝާނު އަތުގައި މިނަރަލް ވޯޓާރ ހުސްކުރި ފުޅިއެއް އޮތެވެ. ޒީޝާނަށް ޝާހިލް ފެނުނީ ޝާހިލާއި ވަރަށް ގާތަށް އާދެވުނު ފަހުންނެވެ.
''ޝާހިލް.'' ޒީޝާނަށް ސިހިފައި ބުނެވުނެވެ. ''ޒީ. އަދިވެސް ނުނިދަނީތަ؟'' ޝާހިލް އަހާލިއެވެ. ''ނޫނޭ. މާބޮޑަށް ކަރުހިއްކައި ގަނެގެން ހޭލެވުނު އިރު ފުޅީގައި ފެންފޮދެއްވެސް ނެތީމަ ފެންއަޅަން ވެގެން މިއައީ. ވަރަށް ބިރުން ހުރެ މިއައީވެސް.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.
''ތިހެން ބުނީމަ މިހަނދާންވީ. ދެންމެ އަހަންނަށް ފެނުނު ކާގެއަށް ވަން ހިޔައްޏެއް. އެކަމަކު ފަހުން އަހަރެން ކާގެއަށް ގޮސް ހޯދާހޯދާވެސް މީހެއްގެ އަސަރެއްވެސް އެތަނަކުން ނުފެނުނު.'' ޝާހިލްގެ އެވާހަކަ ތަކަކީ އެގެއަށް އާވާހަކަތަކެއް ނޫނެވެ. އެއީ ޚުދު ޒީޝާނަށްވެސް އާވާހަކަތަކެއް ނޫނެވެ.
''އެހެންތަ. އަހަރެން ފެންއަޅައިގެން އަންނަށް ދެން މިތާ މަޑުކޮށްލަދީފާނަށްތަ؟'' ޒީޝާނު ހުރީ ޝާހިލްގެ ވާހަކަތައް އަޑު އިވުމުން ހިސާބަކަށް ބިރު ގަންނަގޮތްވެފައެވެ. ''އޯކޭ.'' ޝާހިލް ބުނެލިއެވެ. ޒީޝާން މަޑުމަޑުން ކާގެއަށް ވަނެވެ. ސިންކު ކައިރީގައި ފުޅިއަށް ފެންއަޅަން ހުރިއިރުވެސް އޭނާއަށް އިރުއިރުކޮޅާއި ކުޑަދޮރާއި ދިމާއަށް ބަލާލެވެނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. އެއްފަހަރަކު އޭނާ ބަލާލި ވަގުތު ކުޑަދޮރާއި ދިމާއިން ހިޔައްޏެއް ފާޅުވިހެން ހީވިއެވެ. ޒީޝާނަށް ގަތްބިރުން ފެންފުޅި އެއްލާފައި ދުއްވައިގަނެވުނެވެ. އޭނާއަށް ދުވެފައި އެދިޔަ ބާރުމިނުގައި ގޮސް ބައްދައިގަނެވުނީ ދޮރުމަތީގައި ހުރި ޝާހިލްގެ ގައިގައެވެ. އެވަގުތު ޝާހިލަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ލިބުނު ސިހުމުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ޒީޝާން ހުރީ ޝާހިލްގެ މޭގައި މޫނު ފޮރުވައިގެންނެވެ.
''ޒީ. ކިހިނެއްވީތަ؟'' ޝާހިލް ވައިއަޑުން އަހާލިއެވެ. ''އެހިޔަނި............................ އެތާ...............'' ޒީޝާނަށް ބިރުން ގޮސް ވާހަކަދެއްކެނީ ތުރުތުރު އަޅަމުންނެވެ. ''ޒީ ހަމަ ޖެހިބަލަ.'' ޝާހިލް ޒީޝާން ގަޔާ ދުރުކޮށްލަމުން ބުއްޏެވެ. އޭރު ޒީޝާންގެ މުޅިހަށިގަނޑުގައިވަނީ މަޑުމަޑު ތުރުތުރެއް އުފެދިފައެވެ. ''ޒީ ކިހިނެއްވީތަ. ކޮން ހިޔައްޏެއްގެ ވާހަކައެއްތަ ތިދައްކަނީ.'' ޝާހިލް ޒީޝާނުގެ ދެކޮޑުގައި ހިފައި ތަޅުވާލަމުން ބުއްޏެވެ.
''އެއީ ހަމަ އެހިޔަނި.'' ޒީޝާންގެ އަޑުގައި ރިހުން އެކުލެވެއެވެ. ''ކޮން ހިޔައްޏެއްތަ.'' ޝާހިލް އަހާލިއެވެ. ''އަހަންނަށްވެސް ފެނުނީ ހަމަ ޝާހިލަށްވެސް ފެނުނު ހިޔަނި.'' ޒީޝާން ބޭނުންވީ ޝާހިލަށް އެހިޔައްޏާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭތޯ ބަލާށެވެ. ''އެކަމަކު ހިޔައްޏެއް ފެނިގެން ތިވަރަށް ބިރުގަންނާކަށް ނުވާނެއެއްނު. މިތާ މަޑުކުރޭ. އަހަރެން އެބައަންނަށް ފެންފުޅި ހިފައިގެން.'' ޝާހިލް ކާގެއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ޒީޝާން ޝާހިލްގެ އަތުގައި ހިފޭއްޓިއެވެ. ސިހިފައި ޝާހިލަށް ބަލާލެވުނީ ޒީޝާނަށްށެވެ. ޒީޝާން ބޮލުގެ އިޝާރާތުން ކާގެއަށް ނުދިޔުމަށް އެދުނެވެ.
''ކީއްވެގެންތަ؟'' ޝާހިލް ހައިރާންވާގޮތްވިއެވެ. ''އެއީ ރޫޚާނީ އެއްޗެށް ހެން މަށަށް ހީވަނީ. އެކަހަލަ ތަކެއްޗަށް ގޯނާކުރުމަކީ ފަހަރުގައި އޭގެ ނުރައްކާ އަހަރެމެންނާއި ވެސް ކުރިމަތި ވެދާނެ ކަމެއް.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.
''ސާބަހޭ ޒީ. އަދިވެސް ޒީ ތިޔަ އުޅެނީ ހަތްދިހައިގެ އަހަރުތަކުގަ.'' ޒީޝާންގެ ވާހަކަތައް ހުރިގޮތުން ޝާހިލް ގާތަށް އައީ ހިންޏެވެ. ''ނޫން. ޝާހިލް. ރޫޚާނީ ތަކެއްޗަކީވެސް ހަމަ އުޅޭ ތަކެއްޗޭ. ޖިންނި ޝައިތާނުންނަކީ އުޅޭތަކެތިކަން މާތްﷲ ކީރިތި ޤުރުއާންގައި ވެސް އަންގަވާފައިވެއެއްނު.''
''ދެން އޯކޭއޭ ޒީ. އަހަރެން ނޫޅެމޭ ކާގެއަށް ދާކަށް. ހިތްހަމަ ޖެހިއްޖެއެއްނު. ހިނގާބަލަ އެތާ އިށީއްނަށް.'' ޝާހިލް ސޯފާއަށް އިޝާރާތް ކޮށްލަމުން ބުއްޏެވެ. ޝާހިލް އެހެން ބުނުމާއެކު ޒީޝާނުވެސް އެއްވެސް ދެކޮޅު ހެދުމެއް ބަހަނާއެއް ނުދައްކާ މަޑުމަޑުން ގޮސް ސޯފާގައި އިށީއްނެވެ. ޝާހިލްވެސް ޒީޝާނާއި ޖެހިގެން ކަހަލަ ގޮތަކަށް ގޮސް އިށީއްނެވެ.
********* ނުނިމޭ *********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް