ބަރުމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން އެގައުމު ދޫކޮށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު ތިން ލައްކައަށް އަރައިފި އެވެ.
އދ ގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (ޔޫއެންއެޗްސީއާރު) އިން ހާމަކޮށްފައިވާގޮތުގައި އިއްޔެއާއި ހަމައަށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު ވަނީ ދެ ލައްކަ 70 ހާހަށް އިތުރުވެފަ އެވެ.
ޔޫއެންއެޗްސީއާރުން ރެފިއުޖީންނަށް ހިދުމަތްދެމުން އަންނަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ރެފިއުޖީ ކޭމްޕްތަކެއް ގާއިމްކޮށްގެންނެވެ. މި ކޭމްޕްތަކުގައި ކުރިންވެސް ތިން ލައްކައަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އުޅެމުން ގޮސްފައި ވެ އެވެ.
ރޮހިންޖާއިން މި ކޭމްޕްތަކަށް ހިޖުރަކުރާ ފަރާތްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިވަގުތު އެ ފަރާތްތަކަށް ހިދުމަތްދިނުމަށް ޔޫއެންއެޗްއާރާއި އަދި އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެހެނިހެން ފަރާތްތަކަށް ވަނީ ދަތިކަމަކަށްވެފަ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުން އަންނަނަނީ އެ ދެމެދުގައި އޮންނަ ކޯރެއް ކަމުގައިވާ ނަފް ކޯރު ހުރަސްކޮށެވެ. އެ ކޯރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ފާއިތުވި 10 ދުވަސް ތެރޭގައި 11 ބޯޓެއް އަޑިއަށް ގޮސްފައިވާއިރު މަރުވި މީހުންގެ އަދަދު އުޅެނީ 80 އަށްވުރެ މަތީގަ އެވެ.
ބަންގްލަދޭޝްގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކަށް ވާސިލް ވުމަށް ކޯރުގެ ފުން ސަރަހައްދު ބޯޓެއްގައި ހުރަސްކުރުމަށްފަހު ފައިމަގުގައި ގާތްގަނޑަކަށް 10 ދުވަހު ހިނގަން ޖެހެ އެވެ.
ރޮހިންޖާގައި ހަމަނުޖެހުން އުފެދުނީ ރޮހިންޖާގެ ބަޔަކު މިދިޔަ މަހުގެ 25 ގައި އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެެ. އޭގެ ބަދަލުގައި ސިފައިން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އާއްމުންގެ އެތައް ބަޔަކު ދަނީ ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝްގެ ބޯޑަރު ކައިރިއަށް ޖަމާވަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް