އީރާނުން ހޯރމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ހޯރމުޒް ކަނޑުއޮޅި އަލުން ހުޅުވާނީ އެމެރިކާއިން "އަމަލުތައް އިސްލާހުކުރުމުން" ކަމަށް ބުނެ ގިނަ ޝަރުތުތަކެއް ހިމެނޭ ބަޔާނެއް ހޮނިހިރު ދުވަހު ނެރެފިއެވެ...

09 Aug 2026 | 00:44
N/A

N/A

އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ހޯރމުޒް ކަނޑުއޮޅި އަލުން ހުޅުވާނީ އެމެރިކާއިން "އަމަލުތައް އިސްލާހުކުރުމުން" ކަމަށް ބުނެ ގިނަ ޝަރުތުތަކެއް ހިމެނޭ ބަޔާނެއް ހޮނިހިރު ދުވަހު ނެރެފިއެވެ.

އެ ބަޔާނުގައި ވާ ގޮތުން އެމެރިކާއިން ދެން އީރާނަށް އިންޒާރު ދީގެން ނުވާނެއެވެ. އަދި އީރާނާއި އެ ގައުމުގެ ހަތިޔާރު އެޅި ބައިވެރިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުމަކަށް ގެންނަންޖެހެއެވެ. މީގެ އިތުރުން އީރާނުގެ ބަނދަރުތަކުގައި ހިންގާ ކަނޑުގެ ހިސާރު ނައްތައިލައި އެ ސަރަހައްދުން އެމެރިކާ ސިފައިން ފައިބައި ހަނގުރާމައިގެ ގެއްލުމުގެ "ފުރިހަމަ ބަދަލު" ދީ ފިޔަވަޅުތައް އުވައިލައި ގަނޑުކޮށްފައިވާ ފައިސާ "ޝަރުތެއް ނެތި" ދޫކޮށްލަންޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ބަޔާން ނެރުއްވީ އެ ކައުންސިލުގެ ސެކްރެޓަރީ އަދި ރެވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރެއް ކަމުގައިވާ މުހައްމަދު ބާގިރު ޒޮލްގަދިރުއެވެ. އެމެރިކާ ސަރުކާރުން މި ބަޔާނާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި ދަތުރުފަތުރުގެ މަގެއް ކަނޑައެޅުމާ ބެހޭ ގޮތުން އޮމާން އާއެކު ވަކި އެއްބަސްވުމެއް ގާއިމުކުރުމާ ގާތަށް ވާސިލުވެފައިވެއެވެ. ނަމަވެސް ކަނޑުއޮޅި ހުޅުވުން ބިނާވާނީ އެހެން ޝަރުތުތަކެއްގެ މައްޗަށް ކަމަށާއި ވަގުތީ އެއްބަސްވުމާ އެމެރިކާއިން ހިލާފުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޮމާން އިން ބުނީ މަޝްވަރާތައް "ހެޔޮ އަދި ބިނާކުރަނިވި މާހައުލެއް" ގައި ކުރިއަށްދާ ކަމަށެވެ.

ހަމަ އިއްޔެ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ބުނި ގޮތުގައި އަބޫދާބީގެ ސަރުކާރު ހިއްސާ އޮންނަ ތެޔޮ ކުންފުނި އެޑްނޮކްގެ އުޅަނދަކަށް ކަނޑުއޮޅި ހުރަސްކުރަމުން ދަނިކޮށް އީރާނުން މިސައިލް ހަމަލައެއް ދީފައިވެއެވެ. އެ ހަމަލާގައި މީހަކު މަރުނުވި ނަމަވެސް ފެބްރުއަރީން ފެށިގެން އެ ކުންފުނީގެ 12 އަށް ވުރެ ގިނަ އުޅަނދަށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާއިރު އެ ހަމަލަތަކުގައި އެކަކު މަރުވެ 20 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް އެޑްނޮކުން ބުންޏެވެ.

ޖޫންގައި ސޮއިކުރި ވަގުތީ އެއްބަސްވުމުގެ ދަށުން ދާއިމީ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ހަފުތާއެއްހާ ދުވަހެއްގެ ތެރޭގައި ހަމަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް