N/A
ގއ. ކޮލަމާފުށީ ކައިރިން ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ފްރެންޑް 4 ސަޕްލައި ދޯނީގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 6,112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވީ ނަމަވެސް އެ މީހުން އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން ރޭގައި ހާމަކޮށްފިއެވެ.
ކޮލަމާފުށީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުގައި ދޯނި ދިޔަވެ ބަންޑުން ޖަހާލި ވަގުތު އެ ދޯނީގައި އަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވުނު އިރު ގެއްލިފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ އިތުރުން ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫނެވެ.
ދިޔަވާ ކަމުގެ ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް ދޯންޏަށް އެރީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި ސާޖަންޓް އަސްރާރު އަލީއާއި އޮގްޒިލަރީ ފަޔަރމަން އަބްދުﷲ ޝަފީގާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު އަދި ސާޖަންޓް އަލީ ސައިފެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރކްރާފްޓް 108 އާއި ޕޮލިސް 52 ގެ އިތުރުން އޭޑީކޭ ލޭންޑިން ކްރާފްޓް އުއްލާނިއެވެ.
ގެއްލުނު މީހުން ހޯދުމުގެ ގޮތުން އޮގަސްޓް ހައެއް ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށް ވައިގެ މަގުން ސާރޗް އޮޕަރޭޝަން ފެށިއެވެ. ކަނޑުމަގުން ބެލީ ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީ އެމްބިއުލޭންސް އެސްއޭ 038 އާއި އެސްއޭ 037 ގެ އިތުރުން ފުލުހުންގެ ދެ ލޯންޗެވެ. ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1,645 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާ އިރު ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް