"ކިޔާދީބަލަ....! އޭރުން ނިދޭނީވެސް....!" އަނެއްކާވެސް ރާއިފު ވާހަކަ ދެއްކިއެވެ.
"ނިންޖެއް ނާދެއޭ....! ދެން ކިހިނެތް ނިދާނީވެސް....! އެހެންވީމާ ހިނގާ ދެން މިރޭ ނުނިދަ ތިބެމާ....!" މިފަހަރުވެސް ރާއިފުގެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާތީ، އައިލީން ބުނެލިއެވެ.
"ނުނިދާތިބެ ދެން ކީއްކުރާނީ....! މިހާރު އައިލީންގެ ހާލަތު ހުރި ގޮތުން ކަމެއްވެސް ކުރެވޭނީކީ ނޫނެއްނު...! އަނެއްކާ ތި ފެނުނު ހުވަފެންވެސް ކިޔާނުދޭން ތިއުޅެނީ.....! އެހެން ވިއްޔާ ދެން ކޮންމެވެސް ވާހަކައެއް ދައްކަބަލަ....!" އައިލީން ދިމާއަށް އެނބުރިލަމުން ލާނެއް ފާޑަކަށް ހީނލާފައި ރާއިފު ބުނެލިއެވެ.
"ނޫނޭ...! ދެން ރާއިފު ނިދާލާ....! ހެނދުނު ހޭލަންވެސް ޖެހޭނެއެއްނު....!" ރާއިފު އާ ދިމާއާށް ބަލާލުމަށްފަހު އައިލީންވެސް ހީނލާފައި ބުނެލިއެވެ.
"މަވެސް ނިންޖެއް ނާދެއޭ....! އެނގޭތަ އެއްކަހަލަ އައިލީންގެ ފްރެންޑް ހުމޭދާ، އައިލީން އާ ނުގުޅިގެން މަށާ ގުޅިއޭ ރޭގައި...! އައިލީން އަށް އޭރު އޮތީ ނިދިފަ.... އެހެންވެ ނުގޮވީ....! ބުނި އެމީހުން މިހަރު ވަކިވެއްޖެޔޯ...." ހުމޭދާއަކީ އައިލީންގެ ކުޑަދުވަހުގެ ރައްޓެއްސެކެވެ.
"ވަކިވީއޭ.... ހަމަ ރަނގަޅަށްތަ....؟ ކިހިނެތް ވީޔޯ....؟ ގައިމު ނާޝިދު އެއީ ވަރަށް ރަނގަޅު މީހެއް....! އެދެމީހުން އަނެއްކާ އުޅެނީ ކިހާ ރަނގަޅަކަށް....! މިހާރު ހުމޭދޭ އެއިނީ ވިހަންވެސްވެފައި.... ދެން ކިހިނެއްބާ ތިވީ....!" ޙައިރާން ވެފައި އައިލިން ސުވާލު ކުރިއެވެ.
"އަހަރެންވެސް ތި ސުވާލު ދެފަހަރަކު ކުރިން....! އެކަމަކު ވަކިވާން ޖެހުނު ސަބަބެއް ހަމަ ނުބުނި....! އެހެންވެ ހުމޭދާ ފޯނު ބޭއްވީމަ ދެން އަހަރެންގުޅީ ނާޝިދު އާ...! ނާޝިދު އެވާހަކަތައް ކިޔާދިނީ....!" އައިލީން އާ ދިމާއަށް ބަލަން އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.
"ކިހިނެއްވީ އަސްލު....؟" ޝައުޤުވެރިކަމާއެކު އައިލީން ސުވާލުކޮށްލިއެވެ.
"ނާޝިދު ބުނާގޮތުގައި ނާޝިދު ވަރަށް ކެތްގަދަ....! އެނގޭތަ! ހުމޭދާގެ ފަރާތުން ލިބެންޖެހޭ ވަރަށް މުހިންމު އުފަލަކުން ނާޝިދު މަޙުރޫމުވަމުން ދާތާ އެތައް ދުވަހެއް ވެއްޖެޔޯ...." ރާއިފު، އައިލީންގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު ތިއީ ވަރަށް ހެއްވާ ކަމެއް....! ދެމީހުން އުފާ ނުކުރާނަމަ ހުމޭދާ ބަނޑުބޮޑުވޭތަ....؟ އެހެން ނޫނަސް ތިހެން ކަންތައްވާނަމަ ތިކަމުގައި މަށަށް ގޯހީ ނާޝިދު....!" އައިލީންވެސް، ރާއިފުގެ އަތުގައި ހިފަހައްޓާލައިގެން އޮވެ ވާހަކަ ދެއްކިއެވެ.
"އެކަމަކު މީގައި ނާޝިދު ގޯސްވެފަކޮބާ....؟" ރާއިފު ސުވާލުކޮށްލިއެވެ.
"އެއީ ދެމަފިރިންގެ ތިކަހަލަ ވާހަކަތައް އިތުރު މީހަކާ ޝެއަރ ކުރުމުގެ ބަދަލުގައި އެކަމަށް ހައްލެއް ހޯދަންޖެހޭނީ ދެމީހުން އެކުގައި ވާހަކަ ދައްކައިގެން....! ދެމަފިރިންގެ އެކަހަލަ ވާހަކަތަކަކީ އެހެން މީހުންނަށް ކިޔައިދޭން ލަދުވެތި ވާހަކަތައް....! ނާޝިދު ތިކަމުގައި ހުމޭދާ އާއި ވާހަކަ ދެއްކިނަމަ ދެމީހުން ވަކިވާ ހިސާބަށް ދިޔުމުގެ ބަދަލުގައި އެކަންކަން ރަނގަޅު ކުރުމަށް ހުމޭދާވެސް މަސައްކަތް ކުރާނެކަން މަށަށް ޔަޤީން....!" ސީރިއަސް ވެފައި އައިލީން ވާހަކަ ދެއްކިއެވެ.
އައިލީން މިހެން ބުނިއިރުވެސް އައިލީންއަށްވެސް ރާއިފުގެ ފަރާތުން އުފާ ލިބުމުގެ ބަދަލުގައި ގިނަފަހަރު ލޯބީގައި ލިބެމުންދަނީ ވޭނާއި ރިހުންކަން ހަނދާން ހުއްޓެވެ. އެހެންނަމަވެސް އައިލީންއަކީވެސް އެ ޙަޤީޤަތް ސިއްރުކޮށްފައިވާ މިހެކެވެ.
"އާނ...! އަހަރެންވެސް ބުނީ ހަމަ ތިހެން...! ތިހެން ކަންތައް ދިމާވަންޏާ ފުރަތަމަ ތިވާހަކަ ދައްކަންޖެހޭނީ ހުމޭދާއާއޭ ވެސް ބުނިން...! އެކަހަލަ ކަންކަން އިސްލާޙްވާނީ އިސްލާޙް ކުރަން ފުރުޞަތު ދިނީމަ....! ނޫނީ ދުވަހަކުވެސް އިޞްލާޙެއް ނުވާނެ....! ދެމީހުން ވަކިވީ ކީއްވެހޭ މީހަކު އަހާއިރަށް ނާޝިދު އެވާހަކަ ދައްކަޔޯ...! އެކަމަކު ހުމޭދާ ގާތުގައި އެވާހަކަ އެއް ނުބުނޭ.... ދެން ކިހިނެތް ހުމޭދާ އެކަން ރަނގަޅު ކުރާނީ....! މަށަށް ހީވަނީ ނާޝިދު ބޭނުންވީ ހުމޭދާ އާއި ދުރުވާން ދައްކާނެ ބަހަނާއެއް ހެން...!" ހިތްހަމަ ނުޖެހިފައި ރާއިފު ވާހަކަ ދެއްކިއެވެ.
ރާއިފުގެ ވާހަކަތަކަށް އައިލީން ފުންކޮށް ވިސްނާލިއެވެ. ރާއިފުގެ ކިބައިންވެސް އެފަދަ ދަނޑިވަޅުތަކުގައި އެފެންނަ ކަންކަން އިސްލާޙް ކުރަން ބޭނުންވާނަމަ އެވާހަކަތައް ފުރަތަމަވެސް ދައްކަންވީ ރާއިފު ގާތުގައެވެ. މިފްޒާލް ގާތުގައެއް ނޫނެވެ. ދެމީހުން އެކުގައި އުޅެން ބޭނުންވަންޏާ އެފަދަ ކަންކަމުގައި މަޝްވަރާ ކުރުމަށް ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ. ދުރުހިލޭ މީހެއް ގާތުގައި އެފަދަ ވާހަކަ ދެއްކުމަކީ ކިހާ ހުތުރު ކަމެއް ހެއްޔެވެ. ކުށްވެރިއަކީ ރާއިފެއް ނޫނެވެ. ކުށްވެރިއަކީ ޚުދު ތިމާއެވެ. ލަދު ގަންނަންވީ ފިރިމީހާ ގާތުގައި ސިއްރެއް ބުނަންވީމަހެއްޔެވެ. ދުރުހިލޭ މީހެއް ގާތުގައި ފިރިމީހާގެ އެފަދަ ވާހަކަތައް ދެއްކުމަކީ ކިހާ ގޯސްކަމެއް ހެއްޔެވެ.
"މިހާރު ކުޑަކޮށް ނިދިއަންނަން ފަށައިފި....! ނިދޭތޯ އުޅެމާ....!" ކުޑަކޮށް މޯޅިއަކަށް ދެމިލަމުން އައިލީން ބުނެލިއެވެ.
"އައިލީން ނިދާލާ....! އައިލީން ނިދީމަ އަހަރެން ނިދާނީ....!" އައިލީންގެ އަތުގައި ހިފަހައްޓާލައިގެން އޮވެ ރާއިފު ބުނެލިއެވެ.
އައިލީން ދެލޯ މަރާލުމާއެކު މަޑުމަޑުން ގޮސް ނިދިއްޖެއެވެ.
ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް މިފްޒާލް އަށް އައިލީންގެ އެއްވެސް ޚަބަރެއް ނުވެއެވެ. އައިލީންގެ ފޯނު އޮންނަނީ އޮފް ކޮށްލާފައެވެ. ކޮންމެ ދުވަހަކު އައިލީން ހޯދަން މިފްޒާލް މަދުވެގެން ދެ ފަހަރު އޮފީހަށްވެސް ފޯނު ކުރެއެވެ. އެހެން ނަމަވެސް އޮފީހުން ބުނަނީ އޮފީހަށް ނުދާ ކަމަށެވެ. ރޭޑިއޯގެ އެއްވެސް ޕްރޮގްރާމްއަކުންވެސް އައިލީންގެ އަޑެއް ނީވިއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން އައިލީންމެންގެއަށްވެސް ދެތިން ފަހަރު މިފްޒާލް ގުޅިއެވެ. އެއްފަހަރު ފޯނު ނެގީ އައިލީންގެ މަންމަ އެވެ. އަނެއް ފަހަރު ފޯނު ނެގީ ރާއިފު އެވެ. އައިލީން ފެންނާނެ އިތުރު ގޮތެއް ނެތުމާއެކު މިފްޒާލް ދެން ގަސްދުކުރީ އެގޭ ކައިރިއަށް ދިޔުމަށެވެ. ގޭގެ ކުރިމަތިން ދެތިން ބުރު ޖަހާލިއިރުވެސް މިފްޒާލަށް އައިލީން ފެންނަގޮތެއް ނުވިއެވެ. ދެން މިފްޒާލް ގަސްދުކުރީ އެންމެ ފަހު ކަންތައް ކުރުމަށެވެ. އެއްވެސް އިތުރު ގޮތެއް ފެންނަން ނެތުމާއެކު މިފްޒާލް ދިޔައީ ކުރީންވެސް ފެންކިޔަވައިދިން މީހާ ގާތަށެވެ. މިފަހަރުވެސް އޭނަ ދިނީ ކިޔަވާފައިހުރި ފެންފުޅިއެކެވެ. އަދި ކޮންމެވެސް ގޮތަކުން އެފެންފުޅި ރޭގަނޑުގެ ވަގުތެއްގައި އެގޭ ދޮރުމައްޗަށް އޮއްސާލުމަށް ބުންޏެވެ.
ދަންވަރުގެ ވަގުތެވެ. މިފްޒާލް ދަބަހަށް ފެންފުޅި ލައިގެން ސައިކަލުގައި ދުއްވަމުން ދިޔައީ އައިލީން މެންގެއާއި ދިމާއަށެވެ. މިފްޒާލް ގޮސްތަންކޮޅެއް ދުރަށް ސައިކަލު މަޑުކޮށްލައިގެން އެސަރަޙައްދުގެ ކަންކަން ވަމުންދާގޮތް ބަލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ސައިކަލުން ފައިބައިގެން ހިނގައިގަތެވެ. އޭރު ގަޑިން ދަންވަރު ދޭއް ޖަހަނީ އެވެ. ދެކޮޅު ހޯދަމުން މިފްޒާލް މަޑުމަޑުން ހިނގާފައިގޮސް ގޭގެ ދޮރާށި ކައިރިއަށް ހުއްޓުމަށްފަހު ދަބަހުގައި އޮތް ފެންފުޅި ނެގުމަށްފަހު ފެންފުޅީގެ މަތި ނެގިއެވެ. އެއަށްފަހު އަނެއްކާވެސް ކޮޅުކޮޅަށް ބަލަންހުރެގެން މަޑުމަޑުން ގޭގެ ދޮރުމައްޗަށް ފެންފުޅި އޮއްސަމުން ގެންދިޔައީ ދުރުގައި ބަލަން ހުންނަ މީހަކަށްވެސް މިފްޒާލް އެކުރަނީ ކޮންކަމެއްކަންވެސް ނޭނގޭހާ ސިއްރުންނެވެ. ފެންފުޅި އެކީ އޮއްސާލުމަށްފަހު ހުސްފުޅި ދަބަހަށް ލުމަށްފަހު ހިނގައިގަތް އިރު ތަންކޮޅެއް ދުރުން ކާރެއް އަންނަތަންވެސް މިފްޒާލް އަށް ފެނުނެވެ. އެހެން ނަމަވެސް ވަރަށް ނޭނގޭ ކަމަށް ހެދުމަށްފަހު އާދައިގެ ގޮތަކަށް މަޑުމަޑުން ހިނގާލާފައިގޮސް ސައިކަލަށް އަރައިގެން މިފްޒާލް ދުއްވާލިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ މަކަރުވެރިކަމުގެ ހިނިތުންވުމެވެ. މިފަހަރު މިފްޒާލް ކުރީ ވަރަށް މުޖައްރިބު ކަމެކެވެ.
ފަތިހުގެ ވަގުތެވެ. އައިލީންއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އައިލީން ލޯ ހުޅުވާލިއިރު ރާއިފު ފާހާނާއިން ނުކުންނަނީއެވެ.
"ހާދަ އަވަހަށް ތިހޭލީ....؟" އައިލީން އެނދުން ތެދުވާތަން ފެނުމުން ރާއިފު ސުވާލު ކޮށްލިއެވެ.
"ފެންބޮވައި ގަނެގެން މިހޭލެވުނީ....! ރާއިފު ނުނިދަންތަ....؟" އައިލީން ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ސުވާލު ކޮށްލިއެވެ.
"މަވެސް ފާހާނާއަކަށް ދާންވެގެން މިހޭލީ....! މިހާރު ކިހިނެތްވަނީ އަދިވެސް ބަނޑަށް ތަދުވޭތަ....؟" ރާއިފު އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާލަމުން ބުނެލިއެވެ.
"މިހާރު ތަދެއް ނުވޭ.... ބޮލުގައި ރިއްސުންވެސް ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ....!" މޭޒުމަތީހުރި ފެންޖަގުން ބިއްލޫރި ތައްޓަށް ފެންއަޅަމުން އައިލީން ބުނެލިއެވެ.
"ރޭގައި ޑޮކްޓަރ ބުންޏެއްނު މަޑުމަޑުން ރަނގަޅުވާނެއޭ، ދެން މިހާރު ބޭނުންވާނީ ކަސްރަތޭ....! ހިނގާ ހިނގާލަން ނުކުންނަށް....! މިގަޑީގައި ވަރަށް އަރާމުވާނެ ހިނގާލަން...!" ރާއިފު ގޮސް އެދުގައި އިށީންނަމުން ބުނެލިއެވެ.
އާނ....! ހިނގާ ދާން..! ފާހާނާއަށް ވަދެފަ މިއަންނަނީ ރެޑީ ވެލަން...!" އައިލީން ފާހާނާއަށް ވަންނަމުން ބުނެލިއެވެ.
ހިނގާލަން ދިޔުމަށްޓަކައި އައިލީން އާއި ރާއިފު ގޭޓުން ނުކުމެގެން ދޮރުމަތީގައި ފުރަތަމަ އެޅި ފިޔަވަޅާއެކު އައިލީން އަރިއަޅާލިއެވެ. ވެއްޓެމުންދިޔަ އައިލީން ހިފެހެއްޓީ ރާއިފުގެ ކުޅަދާނަ ކަމުންނެވެ.
"ކިހިނެތްވީ....؟ ތަނެއްގައި އަޅައިގަތީތަ...؟" އައިލީންގެ އުނގަނޑުގައި ހިފަހައްޓައިގެންހުރެ ރާއިފު އަހާލިއެވެ.
"ކުއްލިއަކަށް ބޮލަން އެނބުރުން އަރައިގަތީ...! ވީގޮތެއްވެސް ނޭނގުނު....! ބަނޑުގައިވެސް ރިއްސަން ފަށައިފި....!" ބޮލުގައި އަތް ޖައްސާލުމަށްފަހު އައިލީން ބުނެލިއެވެ.
"ހިނގާ އެހެންވީމާ އޮށޯވެލަންދާން....! ހިނގާލަން ދާނެ ކަމެއްނެތް....! ރެސްޓް ކުރާނީ....!" އައިލީން އަތުގައި ހިފަހައްޓާލަމުން ރާއިފު ބުނެލިއެވެ.
ނޫނޭ...! ހިނގާލީމަ ކަންނޭނގެ ރަނގަޅުވާނީ....! ކުޑަކޮށް ރަނގަޅުވޭ ކަންނޭނގެ އެބަ...؟" އައިލީން ރާއިފުގެ އަތުގައި އަތްޖައްސާލަމުން ބުނެލިއެވެ.
"އެކަމަކު މާބޮޑަށް ގޯސްވަންޏާ ބުނައްޗޭ...!" ކުރިއަށް ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 11 ޖުލައި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް