މިފްޒާލް މިރޭ އައިލީން އާއެކު ކެންޓީނަށްގޮސް އައިލީން ފާހާނާއަށް ދިޔަވަގުތު އައިލީން ބޯން ގެނައި ފްރެޝް އޮރެންޖު ޖޫސްތައްޓަށް ވައްޓާލި ހައެއްކަ ފެންތިއްކަކީ މިފްޒާލް އަށް އައިލީން ލިބޭތޯ ފަންޑިތަ ހަދާމީހެއް ކައިރިއަށްގޮސް ކިޔަވާފައިވާ ފެންފުޅިއަކުން ވައްޓާލި ހައެއްކަ ފެންތިއްކެވެ. މިފްޒާލް އެކަންތައް ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ.
ޑޮކްޓަރ ވަރަށް ރަނގަޅަށް އައިލީން ބެލުމަށްފަހު ބޭބީގެ މައްސަލަތަކެއް އުޅޭތީ ރެސްޓް ކުރަންޖެހޭ ކަމަށާއި، ރެސްޓް ނުކޮށްފިނަމަ ބޭބީއަށް ގެއްލުންތަކެއް ވުމަކީ ވަރަށް ގާތްކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ދެތިން ދުވަހު ރެސްޓް ކުރުމަށްފަހު އަލުން ޑޮކްޓަރަށް ދެއްކުމަށްވެސް ބުންޏެވެ. އަދި މީގެ އިތުރުން ބަލައިގެން އުޅުމަށްވެސް ނަސޭހަތްތެރިވިއެވެ. މި ދެތިން ދުވަހު ކަންތައް ކުރަންވީގޮތް ކިޔާދިނުމަށްފަހު ދެ ބޭހެއްވެސް ދިނެވެ.
ޑޮކްޓަރު ކޮޓަރިން އައިލީންމެން ނުކުމެގެން ހޮސްޕިޓަލުގައިހުރި ފާމަސީ އިން ބޭސް ނެގުމަށްފަހު، މަންމަ އާއެކު ގެއަށް ދިޔުމަށްޓަކައި ހޮސްޕިޓަލުން ނިކުމެ ކާރެއް ލިބޭތޯ ބޭރުގައި ހުއްޓާ އަނެއްކާވެސް ފެނުނީ މިފްޒާލް އެވެ. މިފްޒާލް ހުރީ އައިލީން ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ.
"ނިމުނީތަ....؟" މިފްޒާލްގެ އަޑު އިވުމާއެކު ސިހިފައި އައިލީން ފަހަތަށް ބަލާލިއެވެ.
"އާނ....! ގެއަށްދާން މިދަނީ....!" މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ޖަވާބު ދިނެވެ.
"އެހެންތަ....؟ ކީކޭ ޑޮކްޓަރ ބުނީ....؟ ހުރިހާ ކަމެއް ރަނގަޅުތަ....؟" ވީގޮތް އޮޅުން ފިލުވުމުގެ ގޮތުން މިފްޒާލް ސުވާލުކޮށްލިއެވެ.
"އާނ....! ރަނގަޅު....!" އައިލީންވެސް ކުރުކޮށް ޖަވާބު ދިނެވެ.
އައިލީންގެ މަންމަ، އައިލީން ގާތުގައި ހުރިއިރުވެސް މިފްޒާލް ސީދާ އައިލީންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކާކަން އައިލީން އަށް ފާހަގަ ކުރެވުނެވެ. އަދި އައިލީންއަށްވެސް މިފްޒާލް އާ ދިމާއަށް މާގިނައިން ބެލޭކަން އައިލީން އަށް އެވަގުތު ފާހަގަ ވިއެވެ. މިފްޒާލް، އައިލީންއާ ދިމާއަށް ބަލަންހުރި ގޮތުން ގައިމުވެސް އެއީ ރަޙްމަތްތެރިކަމުގެ ބެލުން ނޫންކަށް އައިލީން އަށް ވިސްނުނެވެ. އެބެލުމުގައި ފޮރުވިފައިވާ ކޮންމެވެސް އެހެން ޖަޒްބާތެއް ވާކަން އެނގެއެވެ. އެހެން ނަމަވެސް ކޮޅުބެދިފައިވާ ލޯބީގެ އެމަގުގައި ފައި އަޅަން އައިލީން ބޭނުމެއް ނުވެއެވެ. ރާއިފު އާއި، މިފްޒާލް އާ ދެމީހުންގެ ތެރެއިން ހެވީ ކާކުތޯ އަޅާކިޔާކިޔާ އައިލީންވަނީ ވަރުބަލިވެފައެވެ.
"މިހާރު ވަރަށް ލަސްވެއްޖެ، ދެން ދަނީ...." މަގުގެ އެއްފަރާތުގައި ހުއްޓާފައި އޮތް ކާރާ ދިމާއާށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.
އައިލީން މަންމައާއެކު ކާރާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލާއި ދިމާއަށް ބަލާލިއެވެ. އޭރު މިފްޒާލްގެ ހިތް ނުތަނަވަސް ވެފައިވާކަން މިފްޒާލްގެ މޫނުމަތިން އައިލީން އަށް ފާހަގަވިއެވެ. އެވަގުތު ދުނިޔެ ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލާފައި މިފްޒާލް އާއި ގުޅެންވީއޭ އައިލީންގެ ހިތަށް އެރިއެވެ. އެކަމަކު އަދިވެސް އައިލީންއަށް ހީވާގޮތުގައި މިފްޒާލް ރަނގަޅަކަށް ދަހެއް ނުވެއެވެ. ނޫނީ މިފްޒާލް ހަމަ ރަނގަޅަކީ ރަޙްމަތްތެރިއެއްގެ ގޮތުގައި ބެހެއްޓުން ބާވައޭވެސް އައިލީންގެ ހިތަށް އެރިއެވެ. ނޫނެކެވެ. އައިލީންގެ އަމިއްލަ ނަފުސު ބުނަމުން ގެންދިޔައެވެ. އެއީ މިފްޒާލް އައިލީންގެ ޖޫސްތައްޓަށް އެޅި ފެންފޮދުގެ ނަތީޖާއެވެ. އައިލީންގެ ހިތުގައި އަނެއްކާވެސް މިފްޒާލަށްޓަކައި އުފެދެންފެށީ ލޯތްބެވެ. ކިތަންމެ ވިސްނަން ބޭނުން ނުވިޔަސް ވިސްނެއް ފެށުނެވެ. މިފަދަ ހިޔާލުތަކެއްގައި ހުރެގެން ގޮސް ޓެކްސީއަށް އެރުމާއެކު މަންމަ ކުރި ސުވާލާގުޅިގެން އައިލީން ދިޔައީ ސިހިގެންނެވެ.
"އެއީ ކާކު....؟ ހާދަ ފާޑަކަށް އޭނަ އައިލީން އާ ދިމާއަށް އެބެލީ....؟ މަންމަ އެއްގޮތަށްވެސް ހިތްހަމައެއް ނުޖެހޭ..." މަންމަ ސުވާލު ކުރީ ހިތްހަމަނުޖެހިފައި ހުރެއެވެ.
"އެއީ އޮފީސް ކުއްޖެއް....! ވަރަށް ސަމާސާ ބޮޑުވާނެ....!" ދޮގެއް ހެދުމަށް އައިލީން އަށް މަޖުބޫރުވިއެވެ.
ގެއަށްގޮސް ވަންއިރު ރާއިފު އޮތީ ނިދާފައެވެ. އައިލީން ކޮޓަރިއަށްވަދެ އެއްޗިހި ބަދަލުކޮށްލައިގެން ބޭރަށް ނުކުތްއިރު މަންމަހުރީ ކިރު ތައްޓެއް ހަދާފައެވެ.
"ކިރުތަށި ބޯލައިގެން ބޭސް ކައިގެންގޮސް ނިދާލާ....! މި ދެދުވަހު ދެން އޮފީހަށް ނުގޮސް ރެސްޓް ކުރަން ޖެހޭނީ....!" މަންމަ އޯގާތެރިކަމާއެކު ބުނެލިއެވެ.
އައިލީން ކިރުތަށި ބޯލައިގެން، ބޭސްކައިގެންގޮސް އެދުގައި އޮށޯންއިރުވެސް ރާއިފުއޮތީ ގަދަނިދީގައެވެ. އައިލީން ވިސްނާލިއެވެ. އައިލީންގެ ކަންކަމުގައި ރާއިފު ކިތަންމެ އަޅާނުލި ކަމުގައިވިޔަސް ރާއިފު އަކީ ވަފާތެރި ފިރިއެކެވެ. ރާއިފު އޭ ކިޔައިގެން ހުތުރު އެއްވެސް އަޑެއް އަދި އަރާފައެއް ނެތެވެ. އެ ނަޒަރުން ބަލައިފިނަމަ މިހާރު އައިލީން އަކީ ކުށްވެރިއެއްކަން އައިލީން އަށް ޤަބޫލު ކުރެވެއެވެ. ފިރިމީހާގެ އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އައިލީންއަކަށް ނެތްކަން އައިލީން ޤަބޫލު ވެސް ކުރެއެވެ. މިފަދަ ވިސްނުމެއްގައި އެތައް އިރަކު އޮތުމަށްފަހު އައިލީން އަށް ނިދުނީ ފަތިސްވާން އުޅެނިކޮށެވެ.
ލަހުން ނިދުމުގެ ސަބަބުން އައިލީން އަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށެވެ. ލޯހުޅުވާލުމާއެކު ފުރަތަމަވެސް އައިލީންއަށް ފެނުނީ ކޮޓަރިތެރޭގައި ފިގަނޑު ހިފައިގެން ކުނިކަހަންހުރި ރާއިފު އެވެ.
"ތިޔޯ.....! ތީ ކޮންކަމެއް...؟ ކިހާއިރެއް ވެއްޖެތަ...؟" އައިލީން އެއްފަހަރާ ދެތިން ސުވާލުކޮށްލިއެވެ.
"ހޭލެވުނީތަ....؟ ގުޑް މޯނިންގ....! މިއުޅެނީ ކޮޓަރި ސާފުކޮށްލަން ކަމަށް....! ދިހައެއް ޖަހަނީ މިހާރު...." ފިހިގަނޑު ބަހައްޓާފައި އެނދާ ދިމާއަށް އަންނަމުން ރާއިފު ބުނެލިއެވެ.
"ތިހާ ލަސްވިއިރު ކީއްވެ ގޮވާނުލީ....! އެއްޗެއް ކައިފިންތަ....؟" ތެދުވުމަށްޓަކައި ބޯ ހިއްލާލަމުން އައިލީން ސުވާލުކޮށްލިއެވެ.
"ނޫނޭ.... ނުތެދުވޭ....! ރެސްޓް ކުރަން ޑޮކްޓަރ ބުނެފައެއްނު އޮތީ....! މަންމަ ހުރިހާ ވާހަކައެއް ކިޔާދީފިއޭ....! ދެ ދުވަސް ވަންދެން ރެސްޓުގައި އޮންނަންވާނީ.... އޭރުން ރަނގަޅުވާނީ....." ރާއިފު ގޮސް އައިލީން ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
އައިލީން ހިތަށްއެރިއެވެ. ރާއިފު އަކީ ހީކުރި ވަރަށްވުރެ ރަނގަޅު ފިރިއެކެވެ. އައިލީންގެ މައްސަލަ އަކީވެސް އެއީއެވެ. ގާތުގައި ހުންނަ މީހަކީ އަބަދުވެސް ރަނގަޅު މީހާއެވެ. ހެޔޮ މީހާއެވެ. ކަންކަން ކޮށްދޭ މީހާއެވެ.
"އެބައަންނަން މިލްކު ތައްޓެއް ހިފައިގެން....! މިލްކުތަށި ބޯލައިގެން ބޭސްކާނީ....!" އެނދުން ތެދުވެގެން ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.
އައިލީން ވަރަށް ޙައިރާންވިއެވެ. ރޭގައި ރުޅި އައިސްގެން އައިލީން ގޮވައިގެން ހޮސްޕިޓަލަށް ނުދިޔަ މީހަކު މިއަދު ހެނދުނު ހޭލިއިރު އެހާބޮޑަށް ބަދަލުވެފައި ހުރީމައެވެ. ކައިވެނި ކުރަންވާނީ އެކަކު އަނެކަކު ވަރަށް ބޮޑަށް ދަސްކޮށްގެންނޭ މީހުން ބުނާ އަޑު އައިލީންއަށްވެސްވަނީ އިވިފައެވެ. އެހެން ނަމަވެސް ރާއިފު އާ ކައިވެނިކޮށްގެން މިހާ ގިނަދުވަސްވީއިރުވެސް އަދިވެސް އައިލީންއަށް ރާއިފު ދަހެއް ނުވިއެވެ.
އެދުވަހު ހަތަރުދަމު ރާއިފު ހުރީ ގޭގައެވެ. އައިލީން އަށްޓަކައެވެ. ގޭގައި ކުރިން އައިލީން ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރުމަށެވެ. އައިލީން އަށް ކާންދިނުމާއި، ބޭސް ދިނުމާއި، މި ނޫންވެސް އައިލީންއަށް ކޮށްދޭންޖެހޭ އެހެނިހެން ކަންކަން ކޮށްދިނުމަށެވެ.
ޖެހިގެން އައި ރޭގެ ދަންވަރުގެ ވަގުތެވެ. އައިލީން ނިދާފައިއޮއްވާ ސިއްސައިގެންގޮސް ހޭލެވުނެވެ. ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ސިއްސައިގެން ދިޔުމާއެކު އައިލީންއަށް ކުއްލިއަކަށް ތެދުވެވުނެވެ. އެވަގުތު އެނދުގައި އޮތް ރާއިފު ލޯ ހުޅުވާލިއެވެ.
"ކިހިނެތްވީ....؟" ރާއިފު ބާރުބާރަށް އެނދުން ތެދުވެގެން ގޮސް ބޮކި ދިއްލާލަމުން ސުވާލު ކުރިއެވެ.
"ބިރުވެރި ހުވަފެނެއް ފެނުނީ...!" އައިލީން މާނޭވާ ލަމުން ބުނެލިއެވެ.
ރާއިފު ފަންކާ ބާރުކޮށްލުމަށްފަހު މޭޒުމަތީގައިހުރި ޖަގުން ބިއްލޫރި ތަށްޓައް ފެންފޮދެއް އަޅައިގެން އައިސް އެނދުގައި އިށީނެވެ.
"ފެންފޮދެއް ބޯލަން ކުޑަކޮށް ބޯހިއްލާލާ....!" އައިލީންގެ ބޯ ދޮށަށް އަތްލައްވާލަމުން ރާއިފު ބުނެލިއެވެ.
އައިލީން މަޑުމަޑުން ބޯހިއްލާލުމުން ރާއިފު ބިއްލޫރިތަށި އައިލީންގެ ތުންފަތުގައި ޖައްސާލުމުން އައިލީން ފެންފޮދެއް ބޯލުމާއެކު ރާއިފުގޮސް ބިއްލޫރިތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އައިސް ޓިޝޫކޮޅަކުން އައިލީންގެ ތުންފަތް ސާފުކޮށްލިއެވެ. އައިލީން އޮތީ ޙައިރާންވެފައެވެ. ރާއިފުގެ ރަނގަޅު ކަމާއި، އޯގާތެރިކަން ފެނިފައެވެ.
"ރާއިފު އަދި ނުނިދަންތަ.... ދޭއް ޖަހަނީނު...؟" ރާއިފު އާދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު އައިލީން ސުވާލުކޮށްލިއެވެ.
"އާނ...! އަދި ނުނިދަން...! އައިލީން ތިހާލުގައި އޮއްވާ ކިހިނެތް އަހަރެން ނިދާނީ....!" އައިލީންގެ ބޮލުގައި ފިރުމާލަމުން ރާއިފު ބުނެލިއެވެ.
އެވަގުތު އައިލީން ހިތަށް އެރިއެވެ. ނިންޖަކީ ކޮންމެ ކަމެއްގައިވެސް ޢުޒުރެކޭ މީހުން ބުނެއެވެ. އަދި ނިންޖަކީ ކޮންޓްރޯލް ކުރެވޭ އެއްޗެއްވެސް ނޫނެވެ. އަނބިމީހާއަށް ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުމުން އެކަމާ އަޅާލަނީ ކިތައް ފިރިން ހެއްޔެވެ. ގިނަ ފިރިންނަކީ ދަންވަރު ހޭލެވުނަސް ތެދުވާނެ ހިތްވަރެއް ލިބިފައިނުވާ ފިރިންނެވެ. އެކަމަކު ރާއިފު ކިހާ ތަފާތު ހެއްޔެވެ.
"ކޮންކަހަލަ ހުވަފެނެއްތަ ފެނުނީ...." ކިޔާދީބަލަ....! އޭރުން ބިރު ކެނޑޭނީ....!" ރާއިފު އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
އެހެން ނަމަވެސް ރާއިފު އަށް އެހުވަފެން ކިޔާދޭކަށް އައިލީން ބޭނުމެއް ނޫނެވެ. އެއީ މިފްޒާލްގެ ހުވަފެނަކަށް ވީތީއެވެ. އައިލީންއަށް ފެނުނީ މިފްޒާލް އައިސް ވަރަށް އަނިޔާވެރި ގޮތަކަށް އައިލީންގެ ބަނޑުގައިވާ ދަރިފުޅު މަރާލަން މަސައްކަތް ކުރަނިކޮށެވެ. ޙަޤީޤަތުގައި ހުވަފެނަކީ ބިލާހެއްކަން އައިލީން އަށް އެނގެއެވެ. އެހެން ނަމަވެސް އައިލީން އަށް ހަމަ އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ނިންޖެއް ނައެވެ. އައިލީން ހޭލާ އޮތުމުން ރާއިފުވެސް ނިދާކަށް ބޭނުމެއް ނުވިއެވެ.
"ކިޔާދީބަލަ....! އޭރުން ނިދޭނީވެސް....!" އަނެއްކާވެސް ރާއިފު ވާހަކަ ދެއްކިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 09 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް