ރާއިފް -
މާލެ ސަރަހައްދުގައި ހިންގި ބޮޑު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި 21 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދިވެހި ޒުވާނެއް ކަމަށްވާ ޢަބްދުﷲ ރާއިފް (27އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ލ. ކަލައިދޫ، ހިޔާވަހި، ރާއިފް ފުރަތަމަ ބަންދުކުރީ ތިން ދުވަހަށެވެ. ނަމަވެސް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރީ މެއި ނުވައެއް އިން 24 އާ ހަމައަށެވެ. ރާއިފްގެ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން ރާއިފް ދިރިއުޅޭ އެޕާޓްމަންޓުން 21 ކިލޯގެ ކެނެބިސް ބަޑްސް ކަމަށް ބެލެވޭ ތަކެއްޗާއި 900 އެއްހާ ގްރާމްގެ ކެނެބިސް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ތަޙުޤީޤު އޮފިސަރު ކޯޓުގައި ފާހަގަކުރިއެވެ. ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ހެކިވެރިންގެ ބަޔާނާއި ކަސްޓަމްސް ސާވިސްގެ ފޯމު ހުށަހެޅިފައިވެއެވެ.
ފާހަގަ ކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއިފް އަކީ އޯޓިސްޓިކް މީހެއް ކަމަށާއި އޭނާގެ ހާލަތު ގާތުން ބެލުމަށް ދިފާޢީ ވަކީލު ކޯޓުގައި އެދިފައިވާ ކަން ބަންދު އަމުރުން އެނގެއެވެ. ރާއިފްގެ ބަލި ހާލަތާ ގުޅޭ ލިޔެކިޔުން ހިއްސާ ކުރާނެ ކަމަށް ވެސް ދިފާޢީ ވަކީލު ބުނެފައިވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މެއި ހަތަރެއްގައި ރާއްޖެ އައި ފްލައިޓަކުން ހަތް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފެހެއްޓުމާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށެވެ. މެއި ފަހެއްގައި ހިންގި އެ އޮޕަރޭޝަންގައި ރާއިފްގެ އިތުރުން ބަންގްލަދޭޝް ދެ ރައްޔިތެއް ކަމަށްވާ އެމްޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ) ވެސް ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް