N/A
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ މަދަނީ ތަންތަނާއި މުހިންމު އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދިން ޑްރޯން އާއި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތާއި އިސްތިޤުލާލަށް ދިން ފާޅުކަން ބޮޑު ހަމަލާއެއް ކަމަށާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވި ސީރިއަސް ނުރައްކަލެއް ކަމަށެވެ. ރާއްޖެ އޮތީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކު ފުރިހަމައަށް ކަމަށާއި، ޔޫއޭއީގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ އެއްބައިވަންތަކަން ރައްކާތެރި ކުރުމަށް އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެ ތާއީދު ކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ރާއްޖެ އިން ވަނީ މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ މުހިންމުކަން ފާހަގަކޮށް، މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ހަމަޖެހުން ޤާއިމު ކުރުމަށް ގޮވައިލައިފައެވެ.
ޔޫއޭއީގެ ދިފާޢީ ވުޒާރާ އިން ބުނީ ފުރަތަމަ ދުވަހު އީރާނުން ފޮނުވައިލި 12 ބެލިސްޓިކް މިސައިލާއި ތިން ކްރޫޒް މިސައިލާއި ހަތަރު ޑްރޯން ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވި ކަމަށެވެ. ނަމަވެސް ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީ ޒޯނުގައި ޑްރޯން ހަމަލާއެއް އަމާޒުވެ ބޮޑު އަލިފާނެއް ރޯވެ، ތިން އިންޑިއާ ރައްޔިތެއް ޒަޚަމްވިއެވެ. ފުޖައިރާ ބަނދަރަކީ ދުވާލެއްގެ މައްޗަށް 1.7 މިލިއަން ފީފާ ތެޔޮ ބޭރުކުރާ، ހޮރްމުޒް ކަނޑުއޮޅި ބައިޕާސްކޮށް ތެޔޮ ޝިޕް ކުރެވޭ ޔޫއޭއީގެ އެންމެ މުހިންމު ތެޔޮ ޓާމިނަލެވެ.
ދެވަނަ ދުވަހު ވެސް ހަމަލާ ދެމުން ގެންދިޔަ ކަމަށް ޔޫއޭއީން ބުނި ނަމަވެސް އީރާނުން ވަނީ ހަމަލާ ދިން ކަން ދޮގު ކޮށްފައެވެ. މެއި އަށެއްގައި ވެސް ދެ ބެލިސްޓިކް މިސައިލާއި ތިން ޑްރޯންގެ ހަމަލާއެއް ޔޫއޭއީ އަށް އަމާޒުވެ ތިން މީހެއް ޒަޚަމްވެފައިވެއެވެ.
ޔޫއޭއީ އަށް ދޭ ހަމަލާތައް ކުށްވެރިކޮށް ސައޫދީ ޢަރަބިއްޔާ، ޤަޠަރު، ކުވެއިތު، ބަޙުރައިން، އުރުދުން، ކެނެޑާ، ޖަރުމަނު އަދި އިނގިރޭސިވިލާތް ވެސް ވަނީ ބަޔާން ނެރެފައެވެ.
މި ހަމަލާތައް ދެމުން ދަނީ ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިންނެވެ. އެޕްރީލް އަށެއްގައި ވީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ފަހު ވެސް ހޮރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ދެމިއެބައޮތެވެ. ހަނގުރާމައިގެ ފަސް ހަފްތާ ތެރޭގައި ޔޫއޭއީ އަށް 2,800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ އަމާޒުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް