މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ރާއްޖޭގެ ޞިއްޙީ ދާއިރާ އަށް ބޭނުންވާ ސްޕެޝަލިސްޓް ޑަކްޓަރުންނާއި ތެރަޕިސްޓުން ހޯދުމަށް ޕާކިސްތާނުގެ އޯވަސީޒް އެމްޕްލޯއިމަންޓް ކޯޕަރޭޝަން (އޯއީސީ) އިން 45 ވަޒީފާ އިޢުލާނުކޮށްފިއެވެ.
އޯއީސީ އިން އިޢުލާނުކޮށްފައިވާ ގޮތުގައި މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރާނީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ވަޒީފާތައް ބެހިފައި ވަނީ ހަ ދާއިރާ އަކަށެވެ. އެއީ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް (ފަސް)، އެނެސްތީސިއޮލޮޖިސްޓް (ފަސް)، ސްޕީޗް ތެރަޕިސްޓް (10)، ބިހޭވިއަރަލް ތެރަޕިސްޓް (10)، އޮކިއުޕޭޝަނަލް ތެރަޕިސްޓް (10) އަދި ސައިކޯތެރަޕިސްޓް (10) އެވެ.
ސްޕެޝަލިސްޓް ޑަކްޓަރުންގެ މުސާރައަކީ އެލަވަންސާ އެކު 51,540 ރުފިޔާ (ގާތްގަނޑަކަށް 3,350 ޑޮލަރު) އެވެ. ތެރަޕިސްޓުންގެ މުސާރައަކީ 29,802 ރުފިޔާ (ގާތްގަނޑަކަށް 1,940 ޑޮލަރު) ކަމަށް ވާ އިރު، ސައިކޯތެރަޕިސްޓުންގެ މުސާރައަކީ 41,544 ރުފިޔާ (ގާތްގަނޑަކަށް 2,700 ޑޮލަރު) އެވެ. ހުރިހާ ވަޒީފާ އެއްގައި ވެސް ހުރުމާއި ކެއުމާއި ސާވިސް އެލަވަންސް ހިމެނެއެވެ.
ސްޕެޝަލިސްޓް ޑަކްޓަރުންގެ ޝަރުޠަކީ އެފްސީޕީއެސް ނުވަތަ އެމްޑީ ސެޓިފިކެޓާ އެކު އެއް އަހަރުގެ ތަޖުރިބާ ހުރުމެވެ. ތެރަޕިސްޓުންނަށް ކަމާ ގުޅޭ ދާއިރާ އިން މާސްޓާސް ޑިގްރީ އާ އެކު ދެ އަހަރުގެ ތަޖުރިބާ ބޭނުންވެއެވެ. ސައިކޯތެރަޕިސްޓުންނަށް ހަތް އަހަރުގެ ތަޖުރިބާ ބޭނުންވެއެވެ.
ވަޒީފާ އަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ. ހޮވޭ ފަރާތްތައް އައިއީއެލްޓީއެސް ނުވަތަ އޯއީޓީ ފުރިހަމަ ކުރަން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް