N/A
ޤާނޫނީ ވަކީލު އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (ނާޒިމް ސައްތާރު) އަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލައިފައިވާ 49 އަހަރުގެ ދިވެހި ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 12 ޖަހާކަންހާ އިރު ކަމަށެވެ. ފުލުހުން ރަސްމީކޮށް ނަން ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ހަމަލާ އަމާޒުވީ ނާޒިމް ސައްތާރަށެވެ.
ނާޒިމް ސައްތާރަށް ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިން އިރު، ހާލު ސީރިއަސް ނޫން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ދޫކޮށްލިތޯ މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ހަމަލާ ދިނީ މާލޭގެ ކޮން ސަރަހައްދަކުން ކަމެއް އަދި ބޭނުންކުރީ ކޮން ކަހަލަ ތޫނު އެއްޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ.
ނާޒިމް ސައްތާރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އެވެ. 2021 ވަނަ އަހަރު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް ނާޒިމް މަސައްކަތް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް