ވާހަކަ: ޑައިރީ – ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ބުނެބަލަ....! ތިހާބޮޑު ސިއްރެއްވިއްޔާ އެއްވެސް މީހެއްގާތުގައި މަށެއްވެސް ނުބުނާނަމޭ....! އެހެން ނޫނަސް އަހަރެން މީ މިފުޒާލްގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ދައްކާމީހެއް ނޫނެ...

09 May 2024 | 04:54

ކުރީގެ އަދަދާއި ގުޅޭ...

"ބުނެބަލަ....! ތިހާބޮޑު ސިއްރެއްވިއްޔާ އެއްވެސް މީހެއްގާތުގައި މަށެއްވެސް ނުބުނާނަމޭ....! އެހެން ނޫނަސް އަހަރެން މީ މިފުޒާލްގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ދައްކާމީހެއް ނޫނެއްނު...." މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު ހުމައިދު ބުނެލިއެވެ.

"އިނގެޔޭ...! އެހެންވެ ހުމެއިދު ގާތުގައި މިވާހަކަ މި ބުނަނީވެސް....! ބުނަންތަ....! އަހަރެން އަންޖަލް އާ މެރީ ކުރުމުގެ ކުރިންވެސް އައިލީން ދަންނަން.... މަޝްހޫރު މޮޑެލްއެއްވީމާ އެންމެނަށްވެސް އެނގޭނެތާ....! އޭރު އޭނަ އުޅުނީ ހަމައެކަނި މޮޑެލް ކުރުމުގައި.... އައިލީންގެ ހުރިހާ ޝޯތަކަށް އަހަރެން ދިޔައިން.... ދޮގު ނަހަދާ ބުންނަންޏާ ބުނެވޭނީ އޭރު އައިލީން ދެކެ އަހަރެން ވަރަށް ލޯބިވިޔޭ... އެކަމަކު އަހަރެން އައިލީން ދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނަކީ ކާކު ކަމެއް އައިލީންއަކަށް ނޭނގޭނެތާ....! ލޯބިވާވަރުން ގޮސް ލޯބި ހުށަހަޅަން ވެސް ބޭނުންވި.... އެކަމަކު ނުކެރިފައި ހުރީ ހިތަށްއެރީ އޭނަ ނޫނެކޭ ބުނެފިއްޔާ މާ ދެރަވާނެއޭ.... މިހާރު އެކަމަކު ހިތަށްއަރާ އޭރު އެހުނު ނަމައޭވެސް....!" ހުމެއިދު އާ ދިމާއަށް ބަލާލުމަށްފަހު ކުޑަކޮށް ހީނލަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.

"ތިވެސް ރަނގަޅު ވާހަކައެއް.... އޭރު އެހުނުނަމަ މިހާރު ފަހަރެއްގައި މިފުޒާލް މެރީކޮށްގެން އުޅޭނީ އެނައާ ކަންނޭނގެ ދޯ....!" ހުމެއިދުވެސް ހީނލާފައި ބުނެލިއެވެ.

"އެހެނެއް ނޫން.... އޭރު ރައްޓެހިވާން އެހުނު ނަމަ ހިތަށް ފަސޭހަވީހޭ މިބުނީ، އޭނަ އޭރު އެއްބަސް ނުވިނަމަ އަހަރެންގެ ހިތުން އޭނަ ފުހެލަން މަސައްކަތް ކުރެވުނީހެއްނު.... އޭނަވެސް މީހަކާ އިނދެގެން ކުއްޖަކު ލިބިފަ އެހެރީ.... މަވެސް މީހަކާ އިނދެގެން.... މަ ބޭނުމެއްނުވެ އަންޖަލްއަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ކުރާކަށް....! އަދި އަހަރެންގެ ސަބަބުން އައިލީންގެ ހަޔާތަށްވެސް އެއްވެސް ކިލަނބު ކަމެއް އަންނާކަށް.... މަމީ ދުނިޔޭގައިއުޅޭ މީހެއް ކަމެއްވެސް އައިލީން އަކަށް އަސްލު ނޭނގޭނެ.... މަ އޭނާއާ ހެދި މޮޔަވެގެން އޭރުވެސް، މިހާރުވެސް މިއުޅެނީ....! މީދެން ކިހާ ހެއްވާ ކަމެއް ދޯ....." ކުޑަކޮށް ހީނލާފައި އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.

"ދުނިޔެއަކީ ވަރަށް އެހެން ކަހަލަ ތަނެއް....! މީހުން ކިޔާއަޑު އިވޭ ލޯބިވެވޭނީ އެކަކު ދެކެ އެންމެ ފަހަރަކުއޭ....! އެއްވެސް މީހެއްގެ ފުރަތަމަ ލޯތްބެއް އެމީހަކަށް ކާމިޔާބެއް ނުވާނެއޭ....! މާނައަކީ ކައިވެނި ކުރެވޭނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ދެވަނަ ލޯބިވެރިޔާއާ އޭ....! އެހެން ވެއްޖިއްޔާ ކައިވެނި ކޮށްގެން އުޅޭ ކޮންމެ ދެމަފިރިއެއްގެ ހަޔާތުގައިވެސް އެމީހަކު އެންމެ ފުރަތަމަ ލޯބިވި މީހާ ކޮންމެވެސް ސިފައެއްގައި ހުންނާނެތާ....!" ބޮޑުވަމުން އައިއިރު ހުމައިދުއަށް ތުންތުންމަތިން އިވެމުންދިޔަ ވާހަކައެއް ހުމޭދު ހިއްސާކޮށްލިއެވެ.

"ނޭނގެ ތިޔެއް.... ތިކަހަލަ ވާހަކަތައް މީހުންދައްކާ....! އެކަމަކު ކޮންމެ ކޮންމެ މީހަކަށް ތިހެން ކަންކަން ދިމާވެފައި ނޯވެދާނެ.... އަނެއްކާ ހުމެއިދު އަށްވެސް ކަންތައްތައް ދިމާވީ އެހެންތަ....؟ އަހަންނަށް އިނގޭ ގޮތުގައި ހުމެއިދު މެރީކޮށްގެން ތިއުޅެނީ ފުރަތަމަ ރައްޓެހިވި ކުއްޖާޔާ....! އެކަމު ބުނަން ވާހަކައެއް....! އަހަރެން އަބަދުވެސް ބަލާނަން އަހަރެންގެ އަންހެނުންނަށް ބޭވަފާތެރިނުވެ އުޅެވޭތޯ.....! އަހަރެންގެ އަންހެނުން އަހަންނަށް ވަރަށް ރަނގަޅު.... އަހަރެން ވަރަށް ދެރަވޭ އައިލީން އާ މެދު މިފަދަ ގޮތަކަށް އަދިވެސް ވިސްނޭތީ.... މީގެ ސަބަބުން ގެއްލުންވާނީ ހަމައެކަނި އަހަންނަކަށް ނޫންކަންވެސް އިނގޭ....! މިއީ ހަތަރު މީހެއްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް" މިފްޒާލް ސީރިއަސް ވެފައި ބުނެލިއެވެ.

ހުމެއިދު ބުނަންތަ ވާހަކައެއް..... އަސްލު، ލައިފް، ލައިފަކަށް މިވަނީ ތިކަހަލަ ބައިވަރު ހީވެސް ނުކުރާކަހަލަ ކަންކަން ލައިފުގައި ކުރިމަތިވާތީ.... އެހެންވީމާ ކެތްތެރިކަމާއެކު ވިސްނައިގެން އުޅެންވާނީ....! އޭރުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް....!" މިފްޒާލްގެ ވާހަކަތަކަށް ހުމައިދު ޖަވާބެއް ދިނެވެ.

"އަހަރެންގެ ވައިފުއަށް މިކަން އެނގިއްޖިޔާ ވާނެ ގޮތެއްވެސް ނޭނގެ...! އެ ނާއިލް އަނގަ ގަދަކަމުން މަޖާވެގެންގޮސް ވައިފު ކައިރީގައި މިވާހަކަ ނުދައްކައިފިއްޔާ ވެދާނެ.... އޭނަގެ ގޮތެއް ނޭނގޭނެ.... އަހަރެން ބޭނުމެއް ނޫން ވައިފް އާ އެއްވެސް މައްސަލައެއް ޖެހޭކަށް.... މާކުރިން، އަހަރުމެން މެރީ ކުރުމުގެވެސް ކުރިން ވެވިފައޮތް ލޯތްބެއްގެ ސަބަބުން ޢާއިލާ ހަލާކުވެދާކަށް އެކަކުވެސް ނޭދޭނެ....! ލޯބިވާ އެހެން މީހަކު ހުންނަ ވާހަކަ އަނބިމީހާ ނުވަތަ ފިރިމީހާ ގާތުގައި ބުނަން ބޭނުންވާނީ މަދުބަޔަކު....! އެހެން ނޫނަސް ކުލަޖެއްސެން ނެތް ލޯތްބެއްގެ ވާހަކަ ދެއްކުމަކީ މޮޔަކަމެއްނު.....! އެއީ، ވަރަށް ބޭކާރު ކަމެއް...! ކާކު ބޭނުންވާނީ ކަންނުވެ ނަންވާން....." ސީރިއަސް ވެފައި އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.

"މިއަދު ތިދައްކާ ވާހަކަތައް މިފްޒާލްއަކާ ނުވެސް ގުޅޭ....! ހީވަނީ ފޮތެއްގައި ލިޔެފައިއޮތް ވާހަކައެއް ކިޔާލާހެން....." ހީނާލާފައި ހުމެއިދު ބުނެލިއެވެ.

"ނުވެސް އިނގި ވާހަކައިގައި ތިއްބަ މިއޮށްއާދެވުނީ ތިގޭ ކައިރިއަށް....! މި ފެށުނު ވާހަކައެއްގެ ސަބަބުން ވަގުތު ދިޔަގޮތްވެސް ނޭނގުނުދޯ...." ކާރު ހުއްޓާލަމުން މިފްޒާލް ބުނެލިއެވެ.

"ތެދެކޭ...! ސީޔޫ....!" ކާރުން ފައިބަމުން ހުމެއިދު ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ފެންވަރާލައިގެން މިފްޒާލް ނިކުމެ ތުވާލިން ބޯ ހިއްކަން ހުއްޓެވެ.

"ހާދަ އަވަހަށް ފެންވެރީ.... ތަނަކަށް ދާންތަ...؟" އަންޖަލް ކޮޓަރިއަށް ވަނުމަށްފަހު ސުވާލުކޮށްލިއެވެ.

"ނޫނޭ.... އެ ކުރެހުމުގެ ނުނިމިއޮތް ބައި ފުރިހަމަކޮށްލަން ވެގެން.....! މިހާރު އަންޖަލްގެ ފޮޓޯއެއްވެސް އެގްޒިބްޝަންގައި ބައިވެރި ކުރާގޮތަށް އިނގޭ....! ކުރީ ދުވަހު ރަސްފަންނުގައި ނެގި ފޮޓޯ ކުރަހަން ކަމަށް މިއުޅެނީ.....! ކުޑަކޮށް ބެކްރައުންޑް އިފެކްޓްސް ކޮޅެއް ލާފައި..... ވަރަށް ސަޅި އައިޑިއާއެއް އައިސްގެން....." އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.

"އެކީއްކުރަން ދެން....! ސަމާސައަކަށޭ އަންޖޫ އެހެން ބުނީ....! އެހެން ނޫނަސް މި މަޢުރަޟްގެ މައުޟޫއާ އަންޖޫގެ ފޮޓޯއާ އޮތީ ކޮންގުޅުމެއް...! ތިހެން އުޅެނިކޮށް މައުޟޫއަކާ ނުގުޅެއޭ ކިޔާފަ، ލިބެންއޮތް މާކްސްކޮޅުވެސް އެމީހުން ކަނޑާލަފާނެ.... އޭރުން އެވަރަށް މަސައްކަތް ކުރުމަށްފަހު ހުރިހާ ކަމެއް އެދިޔައީ ފެނަކަށްނު...." މިފްޒާލް އާ ދިމާއަށް ބަލާލަމުން އަންޖަލް ބުނެލިއެވެ.

"އެހެނެއް ނުވާނެ....! މަޢުޟޫއާ އެންމެ ގުޅޭނީ އަންޖޫގެ ފޮޓޯއޭ....! މިފަހަރުގެ މަޢުޟޫއަކީ ޖާދޫގެ ކުލަތައް.....! އަންޖޫ ގެ މޫނުމަތިން ތިފެންނަ ޖާދޫގެ ކުލަތައް ފިޔަވައި އިތުރު ކުލަތަކެއް ފެންނާނީ ކިހިނެތް....؟ އެހެންވީމަ ކީއްވެ އަންޖޫގެ ފޮޓޯއެއް މަޢުޟޫއާ ނުގުޅެންވީ....!" އަންޖަލްގެ ކޮލުގައި ހިފާލަމުން ހީނލާފައި މިފްޒާލް ބުނެލިއެވެ.

"ދެން އެހެންވީމަ، ކޮންމެ ދުވަހަކު ބީޗަށްގޮސް ތިކުރަހާ ކުރެހުމޯ....؟" އަންޖަލްވެސް ހީނލާފައި މިފްޒާލާއި ސުވާލު ކޮށްލިއެވެ.

"ސާބަސް މަގޭ ލޯބިގަނޑާ....! މި މަޢުރަޟުގައި ބައިވެރި ކުރެވެނީ އެންމެ ފޮޓޯއެއް ނޫނޭ....! ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ފޮޓޯ ބައިވެރި ކުރަންޖެހޭ....! އެހެންވީމާ އަދި އިތުރު އެއްފޮޓޯވެސް ހޯދަން ޖެހޭނެ.....! އެކަމަކު މިހާރު ވަގުތު އޮތް ގޮތެއްވެސް ނޭނގޭ....!" އަންޖަލްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.

"މިހާރުވެސް މިފޫ ކުރަހާފަ ބައިވަރު ފޮޓޯތައް އެބަހުއްޓެއްނު....! އޭގެތެރެއިން ރީތި ފޮޓޯތައް ސެލެކްޓް ކުރަމާ...! އެކަމަކު އެންމެ ފުރަތަމަ ބަލަންވީ ތި މުބާރާތުގެ ފޮޓޯތައް ހުށަހަޅަންޖެހޭނީ ލަސްވެގެން ކޮންދުވަހެއްގެ ކުރިންތޯއެއްނު....." އަންޖަލް ވާހަކަ ދެއްކިއެވެ.

"އަނ...! ފޮޓޯތައް ހުށަހަޅަންޖެހޭ ދުވަސް ރޭޑިއޯއިން ކިޔޯ....! ދޭބަލަ ރޭޑިއޯ ހުޅުވާލަން.... އަދިވެސް ކިޔާފާނެ ކަންނޭނގެ...." ރޭޑިއޯ ހުޅުވަން ބޭނުންވެފައިހުރިލެއް ބޮޑުކަމުން މިފްޒާލް ބުނެލިއެވެ.

"ތި ރޭޑިއޯ ނުހުޅުވިޔަސް ސޯޝަލް މީޑިއާއަށް ވަދެލިޔަސް ތިކަހަލަ މަޢުލޫމާތުތައް މިހާރު ލިބޭނެއޭ....! މިފޫ އަދިވެސް ތިއުޅެނީ ހާދަ ފަހަތުގައޭ ދޯ....! ހުރިހާ ނޫސްތަކެއްގަ ހުންނަ ޚަބަރުތައް ފޭސްބުކްގައި ޝެއަރކޮށްފަ އެހުންނަނީ....! ސޯޝަލް މީޑިއާއިން ނޭނގޭ ކަމެއް ނޯންނާނެ....!" މިފްޒާލްއަށް ބަލަންހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.

"އަދިވެސް މިފޫތަ މިއުޅެނީ ފަހަތުގައި....! ކޮންމެ ރެޔަކު ފަތިހު ހޭލާ މި މޭޒުދޮށުގައި އިނދެގެން ތިލިޔާ ވާހަކަޔޯ....! އެއީ ދުވަހަކުވެސް ލިޔެ ނިމޭ ވާހަކައެއްވެސް ނޫންތަ....؟ މި ޒަމާނުގައި ދުވަހަކުވެސް މީހަކު އަތުން ވާހަކަ ލިޔާތަނެއް މިފޫ ނުދެކެން....! އެކަމަކު ކޮންމެރެޔަކު ފަތިހު ހޭލާއިރު އަންޖޫ އިންނާނީ ފާޑެއްގެ ފޮތެއް ހިފައިގެން ވާހަކަ ލިޔަން....! ކޮމްޕިއުޓަރުން ދުވަހަކުވެސް ތި ވާހަކައެއް ލިޔާތަނެއް ނުފެނެ....! ފަތިހުގެ އަރާމު ނިދި ނަގާލާފައި އަތުން ތިލިޔަނީ ހަމަ...." ހީނލާފައި މިފްޒާލް ވާހަކަ ދެއްކިއެވެ.

"މިފޫއަށް އިނގޭތަ ކޮންމެ ރެޔަކު އަންޖޫ ކީއްވެކަން އަތުން އެފޮތް ލިޔަން އިންނަނީ....! އެއީ އެފޮތުގެ މުހިންމު ކަމުންނޭ....! އެއީ ވަރަށް މުހިންމު އެއްޗެއް..." ހީނލާފައި އަންޖަލް ވާހަކަ ދެއްކިއެވެ.

"ޔޭސް... އެންމެ ރަނގަޅޭ ދެން....! އެހެންވީމަ މަޢުރަޟުގައި ބައިވެރިކުރާނީ މިފޫ ކުރެހި ސަންސެޓް ފޮޓޯ އާއި، އަންޖޫ ލޯބީގެ ރަސްފަންނުގައި ނެގި ފޮޓޯ ބަލައިގެން ކުރަހާ ފޮޓޯއާއި، ދެން މިފޫ ކުރަހާފަހުރި ފޮޓޯތަކުން އަންޖޫ ސެލެކްޓް ކުރާ ކޮންމެސް އެއް ފޮޓޯއެއް....! އޯކޭ އެއްނު....؟" އަންޖަލްގެ ކޮނޑުގައި ހިފާލުމަށްފަހު މިފްޒާލް ބުނެލިއެވެ.

މިފްޒާލް ކައި ނިމިގެން ދިޔައީ ކުރަހަން ފަށާފައިވާ ކުރެހުން ނިންމާލުމަށެވެ. ފޯނުން އެފް.އެމް ރޭޑިއޯ އަޅުވާލާފައި ފޯނު ގޮނޑިމަތީގައި ބާއްވާލުމަށްފަހު ކުރެހުން ހިފައިގެން އައިސް ސްޓޭންޑްގައި ކުރެހުން ބަހައްޓާލުމަށްފަހު ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ކުރެހުން އިތުރަށް ފުރިހަމަވާނެ ގޮތްތަކާމެދު ވިސްނާލުމަށްފަހު ގޮސް ރަތްކުލައާއި، ރީނދޫކުލަ އަޅައިގެން ދެކުލަ މިކްސް ކޮށްލުމަށްފަހު ކުރަހަން ފެށިއެވެ. ކުޑައިރުކޮޅެއް ފަހުން އައިލީންގެ ޑްރާމާ އަންނަން ފަށައިފިއެވެ. އެއަޑު މިފްޒާލްގެ ކަންފަތުގައި ޖެހުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރެހުން ހުއްޓާލުމަށްފަހު ޑްރާމާ އަޑު އެހުމަށްޓަކައި މިފްޒާލްގޮސް ގޮނޑީގައި އިށީނދެ މަޑުމަޑުން ދެލޯ މަރާލުމަށްފަހު އައިލީންގެ އެ އަސަރުގަދަ އަޑަށް ހިތް ދޫކޮށްލިއެވެ. އެވަގުތު އެކޮޓަރިތެރެއަށް އަންޖަލް ވަދެގެންއައި ކަމެއްވެސް މިފްޒާލް އަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް އިނީ ޑްރާމާތެރެއަށް ވަދެވިފައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 މެއި ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް