"މިފްޒާލް ބޭނުން މި ދެޕޯސްޓަރު މިފްޒާލްގެ ކެބިންގަ ހަރުކުރަން...." އައިލީން ފެންނަންހުރި ދެ ޕޯސްޓަރު ދައްކާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"އެ ކީއްކުރަން ތި ކެބިންގަ ހަރުކުރަނީ.....؟ އަނެއްކާ އެއީ ކަމެއްތަ...؟ އެއީ އައިލީން ކިޔާ މޮޑެލް އެއް ދޯ.... ވަރަށް ސެކްސީ މަންޖެއެއްހެން ހީވަނީ.... ބަލާލަން ވަރަށް ރީތި...!" ހީނލާފައި ސަމާސާ ރާގަކަށް ހުމައިދު ބުނެލިއެވެ.
"ސާބަސް....! ކެބިންގަ ފޮޓޯއެއް ހަރުކޮށްލުމަކީ ގޯހެއްތަ....؟ އެ ޕޯސްޓަރު ރީތި ކަމުން ހަމަ.... އެހެން ނޫނަސް އޭނަ މެރިޑް ކަންނޭނގެ... ހަމަ ގައިމުވެސް ދަރިއަކު ހުރޭ.... މިފްޒާލްވެސް މެރިޑްއެއްނު.... އެހެންވީމަ މީގައި ގޯހެއް ނޯންނާނެއެއްނު..... ހަމަ ޕޯސްޓަރު ރީތި ކަމުން....! މިފްޒާލް ދިފާޢުގައި ވާހަކަ ދެއްކިއެވެ.
"އޯކޭ އޯކޭ.... ގެންގޮސް ހަރުކޮށްބަލަ....! ނޫނެކޭ ބުންޏަސް ގެންގޮސް ހަރުކުރާނެކަން އިނގޭ ވިއްޔަ....! ސައިބޮއި ނިމިގެން ތަށި ގެންގޮސް ސިންކަށް ލަމުން ހުމެއިދު ބުނެލިއެވެ.
ސައިބޮއި ނިމިގެން މިފްޒާލް ކެބިންއަށް ދިޔައީ ސައިކޮޓީގައި ހަރުކޮށްފައިހުރި ޕޯސްޓަރުތަކުގެ ތެރެއިން އައިލީންގެ ފޮޓޯހުރި ދެ ޕޯސްޓަރު ހިފައިގެންނެނެވެ. ކެބިންއަށް ގޮސް މިފްޒާލް އިށީނދެގެން އިންނައިރު ފަސޭހައިން ފެންނަ ހިސާބުގައި ދެޕޯސްޓަރު ހަރުކޮށްލުމަށްފަހު އައިސް ގޮނޑީގައި އިށީނދެ ޕޯސްޓަރަށް ބަހައްޓައިގެން އިނެވެ.
"މާޝާﷲ ....! ހާދަ ރީއްޗޭ....! ހާދަ ފުރިހަމައޭ... ހީވަނީ ހަމަ ސާދަވިރޭގެ ހަނދުހެން....! ކުއްޖަކު ލިބިފަ ހުއްޓަސް ބަލާބެލުމަށް ހީވަނީ ހަމަ ފުރާވަރުގެ ކުއްޖެއްހެން...!" މިފްޒާލް ޕޯސްޓަރަށް ބަލަހައްޓައިގެން އިނދެ ބޭއިޚްތިޔާރުގައި ވާހަކަ ދެއްކިއެވެ.
އައިލީންގެ ޕޯސްޓަރަށް ބަލަހައްޓައިގެން ގެއްލިފައި މިފްޒާލަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ރަތްކުލައިގެ ކުރު ޓޮޕަކާއި، ހުދުކުލައިގެ ޖިންސެއް ލައިގެންހުރި އައިލީންގެ އެދިގު ފަން އިސްތަށިގަނޑު ވަނީ މޫނުމައްޗަށް ވިހުރުވާލާފައެވެ. އޭނާގެ އެ މަޢުޞޫމް ބޮޑު ދެ ލޮލުން ކެމެރާގެ ލެންސަށް ބަލަހައްޓައިގެން ހުރިއިރު ހީވަނީ އެޕޯސްޓަރަށް ބަލާ ކޮންމެ މީހެއްގެ ހިތްވެސް އޭނަގެ ކޮންޓުރޯލުގެދަށަށް ގެނެސް ހިތް ފަތަހަ ކޮށްފާނެހެންނެވެ. އެވަގުތު މިފްޒާލްގެ ހިތަށްއެރިއެވެ. އައިލީންއަކީ މަދުމީހަކަށް މެނުވީ ނުލިބޭނެ ކަހަލަ އަންބެކެވެ. އެއްވެސް އުނި ސިފައެއް އެހަށިގަނޑަކު ނެތެވެ. އައިލީންގެ ފިރިމީހާއަކީ ކިހާ ބޮޑު ނަޞީބުވެރިއެއް ހެއްޔެވެ. ކުއްލިއަކަށް މިފްޒާލް ސިހިގެންދިޔައީ ފޯން ރިންގުވާން ފެށުމުންނެވެ.
މިފްޒާލް ފޯނަށް ބަލާލިއެވެ. ގުޅަނީ މިފްޒާލްގެ އަންހެނުން އަންޖަލް އެވެ.
"ހެލޯ.... ކީކޭ....؟" މިފްޒާލް ފޯނު ނެގުމަށްފަހު ވާހަކަދެއްކިއެވެ.
"ސައިބޮއިފިންތަ....؟" އަންޖަލް ސުވާލުކޮށްލިއެވެ.
"ޔޭސް...! އޮފީސް ސައިކޮޓަރިއަށް ގޮސް ސައިބޮއިގެން ދެންމެ ހަމަ މިނުކުތީ....! މިއަދު ކުޑަކޮށް ބިޒީ ދުވަހެއްވީމަ، ވަގުތު ބޭކާރުކޮށްނުލާން ވެގެން އޮފީހުން ސައިބޯލީ....!" އަންޖަލްގެ ސުވާލަށް މިފްޒާލް ޖަވާބު ދިނެވެ.
"ކިތަންމެ ބިޒީވިޔަސް ގަޑިންގަޑިއަށް ކައިގެން ހުންނާތި.... ނުކައިހުރެގެން މަސައްކަތެއް ނުކުރެވޭނެ...." ބަލިވެސް ވެދާނެ....!" އަންޖަލް ލޯތްބާއެކު ވާހަކަ ދެއްކިއެވެ.
"ލައްބަ...! ލައްބަ...! ކައިގެންނޭ މިހިރީ... އަންޖޫ ސައި ބޮއިފިންތަ....؟" މިފްޒާލް ސުވާލުކޮށްލިއެވެ.
"މިދަނީ ސައިބޯން.... ސައިބޯން ދަމުން މިފޫ ސައިބުއިތޯ ބަލާލީ ހަމަ...! މެންދުރު ކާން އަންނާނަންދޯ....؟ ދެން ބާއްވަނީ އިނގޭ...." ފޯނު ބާއްވަމުން އަންޖަލް ބުނެލިއެވެ.
އަންޖަލް ފޯނު ބޭއްވުމާއެކު މިފްޒާލް ގޮނޑީގައި ހަމަޖެހިލުމަށްފަހު ވިސްނާލިއެވެ.
"އަންޖަލް ފަދަ ރަނގަޅު އަންބަކު ލިބޭނީވެސް ވަރަށް މަދު މީހަކަށް....! އެކަމަކު އަހަރެންގެ ހިތް އެހެން ދިމާއަކަށް މިދީލާލެވުނީ ކީއްވެގެންބާ....؟ އަންޖަލްއަކީ އަހަރެންގެ ގާތުގައި ހުރި އަހަރެންގެ އަނބިމީހާ....! އައިލީންއަކީ ފޮޓޯއަކުން ނޫނީ ޝޯއަކުން ނޫނީ ފެނިލުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްނޫން.... ދުވަހަކުވެސް ވާހަކަ ދެއްކިފައިވާ ކުއްޖެއްވެސް ނޫން....! މިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން...." މިފްޒާލްގެ ހިތަށް އަރަމުންދިޔައެވެ.
"ބަލާބަލަ....! ދެލޯ މަރައިގެން ކޮންކަމެއް....." އޮފީހުގައި މަސައްކަތްކުރާ ނާއިލް އައިސް ކެބިންއަށް ވަދެ ވާހަކަ ދައްކަން ފެށުމާއެކު މިފްޒާލް ދިޔައީ ސިއްސައިގެންނެވެ.
"މި ކަމެއް ހަނދާންކޮށްލީ...! ކިހިނެތްވީ....؟ މިފްޒާލް، ނާއިލް އާ ސުވާލުކޮށްލިއެވެ.
"މިޕޯސްޓަރުތައް މިކެބިންގަ ހަރުކުރީ ކާކު....؟ ހެނދުނު އަހަރެން، މި ޕޯސްޓަރުތައް ސައިކޮޓަރީގައި ހަރުކުރީ....!" ކެބިންގައި ހުރި ޕޯސްޓަރުތަކަށް ބަލާލުމަށްފަހު ނާއިލް ބުނެލިއެވެ.
"އަހަރެން....! ސައިކޮޓަރީގައި ހުރީމަ ނުއެއް ފެންނާނެއެއްނު....! އެހެންވެ މިކެބިންގަ ހަރުކޮށްލީ....!" ހަމަޖެހިލަމުން މިފްޒާލް ޖަވާބު ދިނެވެ.
"އެހެންތަ....؟ ހިޔެއްނުވެ މި ޕޯސްޓަރު ގެނެސް މިތާ ތި ހަރުކުރީ ހަމައެކަނި ތިހެންވެގެން ހެނެއް....! ތީގަ ކޮންމެވެސް އެހެން ކަމެއްވާނެ.... ބުނެބަލަ އަނެއްކާ ކިހިނެތްވީ....؟ ސަމާސާ ރާގަކަށް ނާއިލް ބުނެލިއެވެ.
ނާއިލްއަކީ ވަރަށް ދޫހެލޭ، ކޮންމެ އެއްޗެއްވެސް ބުނެލާ މީހެއްކަން މިފްޒާލަށް އެނގެއެވެ. އަދި ނާއިލް އަށް ކަމެއް އެނގިއްޖެނަމަ އެކަމެއް މުޅި އޮފީސް ތެރެއަށް އެނގޭނެކަންވެސް މިފްޒާލަށް އެނގެއެވެ.
"ނާއިލް ތިބުނަން އުޅެނީ އަހަރެން މި ޕޯސްޓަރުތައް މި ކެބިންގައި ހަރުކުރީ އަބަދު ޕޯސްޓަރުތަކަށް ބަލަން އިންނާށޭތަ...؟
އެޕޯސްޓަރުގަ އެހެރީ ކިހާރީތި ކުއްޖެއް....! ރީތި ކުއްޖަކަށް ބަލައިލައިގެން ވެސް ނުވޭތަ....؟" ކުޑަކޮށް ހީނލާފައި އިނދެ މިފްޒާލް ބުނެލިއެވެ.
"ނޫނޭ ތިހެނެއްނޫނޭ....! ދެން މިފްޒާލް ކީއްކުރަންބަލަނީ....! މެރިޑް މީހުން ދެން އެހެން އަންހެން ކުދިންނަށް ބެލުމަކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު....!" މިފްޒާލް ކުރިމަތީގައިހުރި ގޮނޑީގައި އިށީންނަމުން ނާއިލް ބުނެލިއެވެ.
"ބަލަ މަގޭ ނެތޭ ގޯސް ނިޔަތެއް....! ސައިބޯން ދިޔައިރު އެޕޯސްޓަރުތައް ހުރީ ސައިކޮޓަރިއަށް ވެއްޓިފައި... އެހެންވެ މި ކެބިންއަށް ގެނައީ...." މިފްޒާލްގެ ހިތުގައިވާ އެއްޗެއް ނާއިލްއަށް ކިޔައިދޭކަށް މިފްޒާލް ބޭނުމެއް ނުވިއެވެ.
"ތިހެން ބުންޏަސް ތިވާހަކައެއް މަށެއް ގަބޫލެއް ނުކުރާނަން އިނގޭ....! މިފްޒާލް މިތާ އުޅުނުގޮތް މަ ވަރަށް ގިނައިރު ބަލަންހުރެފަ މިއައީ....." ސަމާސާ ރާގަކަށް މިހެން ބުނެލުމަށްފަހު ނާއިލް ކެބިން އިން ނުކުތުމަށްޓަކައި ހިނގައިގަތެވެ.
ނާއިލް ކެބިންއިން ނުކުތުމުން އަނެއްކާވެސް މިފްޒާލް ވިސްނާލުމަށްފަހު ކުރިމަތީގައި ހަރުކޮށްފައިވާ ޕޯސްޓަރަށް ބަލާލިއެވެ. އެޑްރާމާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދިހަގަޑި ތިރީހުގައެވެ. އައިލީންގެ ކޮންމެ ޑްރާމާއެއް އަދި ކޮންމެ ޕްރޮގްރާމެއްވެސް ފަހަކަށް އައިސް ވަގުތު ހޯދައިގެން މިފްޒާލް އަޑުއަހައެވެ. މިގޮތުން މިރޭވެސް ދިހަގަޑި ބައިގައި މިޑްރާމާ އަޑު އެހުމަށް މިފްޒާލްވަނީ ކެތްމަދުވެފައެވެ. އައިލީންގެ އެ ނާޒުކު އަޑު އިވުމުން މިފްޒާލްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހެން ނަމަވެސް މިފްޒާލް، އޭނާގެ ލޯބިވާ އަނބިމީހާއަށް ބޭވަފާތެރިވާކަށްވެސް ބޭނުމެއް ނޫނެވެ.
މެންދުރު ބްރޭކް ގަޑީގައި ލަންޗަށް ގެއަށް ދިޔުމުގެ ކުރިން ބައެއް މަސައްކަތްތައް ނިންމާލުމަށްޓަކައި މިފްޒާލް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދަނިކޮށް ކެބިންއަށް އައިސްވަނީ ހުމެއިދެވެ.
"މާ ބުރަކޮށްލާފަ ތިއުޅެނީ މިއަދު ލަންޗަށްވެސް ނުދާ ދުވަހެއްތަ....؟" ކެބިންއަށް ވަނުމަށްފަހު ހުމެއިދު ސުވާލުކޮށްލިއެވެ.
"ނޫނޭ.... ލަންޗަށް ދާންވާއިރަށް ބައެއް ކަންކަން ނިންމާލެވޭތޯ މި ބަލަނީ....! ހުމެއިދު ނުދަންތަ....؟" ހުމެއިދުގެ ސުވާލަށް ޖަވާބު ދެމުން މިފްޒާލް ބުނެލިއެވެ.
"މިދަނީ ދާންވެގެން.... ނިކުންނަށް އައި އިރު މިފްޒާލް އުޅޭތި މި ވަދެލީ....! މިޕޯސްޓަރުތައް މިތާހުރީމަ އެކަމާ ކަންބޮޑުވެގެން ނާއިލް އޮފީސްތެރޭގައި އެވާހަކަ އެބަދައްކާ...." ޕޯސްޓަރުތަކާ ދިމާއަށް ބަލާލުމަށްފަހު ހުމެއިދު ވާހަކަ ދެއްކިއެވެ.
"ދެން މި ޕޯސްޓަރުތައް މިތާ ހަރުކުރުން އެއީ އެހާބޮޑު ކަމެއް ނޫނެއްނު....؟ މިތަނަށް އައިސް މިތާނގައިވެސް ތިވާހަކަ ދައްކާފަ އެދިޔައީ....! ރީތި އެއްޗިއްސަށާއި، ރީތި މީހުންނަށް ބެލުމަކީ ގޯހެއް ނޫނެއްނު...." އަތުގައި އޮތް ބޮކްސް ފައިލް މޭޒުމަތީގައި ބާއްވަމުން މިފްޒާލް ބުނެލިއެވެ.
"އަހަރުމެންނަށް ތިއީ އެހާބޮޑު ކަމެއް ނޫނޭ....! އެކަމަކު މީހަކާ އިނދެގެން އުޅޭތި ބައެއް މީހުން ވިސްނާގޮތް ތަފާތީހެން ހީވަނީ.... އެކަމާ އަޅާނުލާ ހިނގާ ލަންޗަށް ދާން.... މަށަށްވެސް ރައިޑެއް ދޭތި....!" ހަމަޖެހިލައިގެން އިނދެ ހުމެއިދު ވާހަކަ ދެއްކިއެވެ.
"ތިއީ އެއްވެސް ކަމެއް ނޫނެއްނު.... ހިނގާދާން....!" ތެދުވެ ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.
އޮފީހުން ނުކުމެގެން ގޮސް ތަންކޮޅެއް ދުރުގައި ޕާކުކޮށްފައިވާ ކާރަށް އަރައިގެން މިފްޒާލް ކާރު ދުއްވާލިއެވެ.
"އަސްލު ބުނަންތަ ވާހަކައެއް...! މިއީ ވަރަށްބޮޑު ސިއްރެއް...! ހުމެއިދު ގާތުގައި އެކަނި މިވާހަކަ މިބުނަނީ....! އުއްމީދު ކުރަން މިކަން ހަމަ ސިއްރެއްގެ ގޮތުގައި ބާއްވާނެ ކަމަށް...." ކާރުގެ ކުރީ ސީޓުގައި ޖެހިގެން އިން ހުމެއިދު އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"ބުނެބަލަ....! ތިހާބޮޑު ސިއްރެއްވިއްޔާ އެއްވެސް މީހެއްގާތުގައި މަށެއްވެސް ނުބުނާނަމޭ....! އެހެން ނޫނަސް އަހަރެން މީ މިފުޒާލްގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ދައްކާމީހެއް ނޫނެއްނު...." މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު ހުމައިދު ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 09 މެއި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް