ރާއްޖެއަށް ގަތަރު އެއާވޭސްގެ ދަތުރުތައް ފަށަނީ

ރާއްޖެއަށް ގަތަރު އެއާވޭސްގެ ދަތުރުތައް ފަށަން ނިންމައިފި އެވެ. އެ އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކުގެ 80 މަންޒިލަށް ދަތުތައް ފެށުމަށް ނިންމާފައިވާ ...

09 May 2020 | 09:38

ރާއްޖެއަށް ގަތަރު އެއާވޭސްގެ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކުގެ 80 މަންޒިލަށް ދަތުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ޔޫރަޕުގެ 23 މަންޒިލަކާއި އެމެރިކާ ބައްރުގެ ހަތަރު މަންޒިލަކަށް އަދި މެދު އިރުމަތި/އެފްރިކާ ސަރަހައްދުން 20 މަންޒިލަކަށް އަދި އަަދި އޭޝިއާ ޕެސިފިކްގެ 33 މަންޒިލަކަށެވެ.

އެ އެއާލައިނުން ބުނީ ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނެވޭނެ ކަމަށް އެ ގައުމުތަކުން ލަފާ ކުރާ ތާރީހުތަކަށް ބަލައިގެންނެވެ. މި ދަތުރުތައް ފަށާނެ ތާރީހެއް އިއުލާނުކޮށްފައި އެއް ނުވެ އެވެ.

އެކަމަކު މިމަހުގެ ފަހުކޮޅުން ފެށިގެން މި މަންޒިލްތަކުގެ ތެރެއިން ވައިގެ ބޯޑަރު ހުޅުވާ ގައުމުތަކަށް ދަތުތައް ބާއްވަން ފަށާނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ދަތުރުތަކުގައި ރާއްޖެއާއި އެހެން ގައުމުތަކުގައި ތިބި މީހުންގެ ތެރެއިން އަމިއްލަ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެއާލައިން ވިޔަފާރި ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ ވީނަމަވެސް ގަތަރު އެއާވޭސްއިން ދަނީ ދުނިޔޭގެ30 މަންޒިލަކަށް އަދިވެސް ދަތުރު ކުރަމުންނެވެ. އެދަތުރުތަކަކީ މުޅިންވެސް ބޭރު ގައުމުތަކުގައި ތިބި މީހުން އަމިއްލަ ގައުމަށް ގެންދިއުމަށް ކުރާ ދަތުރުތަކެވެ.

ގަތަރް އެއާވޭސް އަކީ ބައިނަލް އަގުވާމީ އެންމެ ގިނަ ދަތުރުތައް ރާއްޖެއަށް ކުރާ އެއާލައިނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ27 ވަނަ ދުވަހު އެވެ. އެކަމަކު ސަރުކާރުން ލަފާ ކުރާގޮތުގައި އަންނަ މަހުގެ ތެރޭގައި ބައެއް ގައުމުތަކަށް ރާއްޖެއިން ވައިގެ ދަތުރުތައް ފަށޭވަރު ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް