"ޒޭބާއާ މެދު ނުވިސްނުމަށް އިޒާން ކައިރީވެސް ދޮންބެ ބުނެފަ އޮންނާނީ.. ދެން ނައުރާ ކައިރީވެސް މިބުނަނީ.. އެނަން ކިޔާ މީހަކު ހުރިކަންވެސް ހަނދާން ނައްތާލާ.. ޒޭބާގެ ކަންތައްތައް އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ.. އަހަރެން އޭނަ ހަމަޔަކަށް އަޅުވާނަން..." ދޮންބެ ބުނެލިއެވެ. ދޮންބެ ޒޭބާ ހަމަޔަކަށް އަޅުވަން އުޅުނީ ކޮންގޮތަކަށް ކަމެއް އޭރު އަހަރެންގެ ހިޔާލަށް ފިކުރަކަށްވެސް ނާދެއެވެ.
އިޒާން ބުނި ފަދައިން އޭނާއާ ބައްދަލުކުރަން އަހަރެން އިނީ ތައްޔާރުވެގެންނެވެ. އޭނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރުވެސް އިޒާންގެ ހަބަރެއް ނުވުމުން އަހަރެން އޭނައަށް ގުޅީމެވެ. ފޯނު ނެގީ ތިންވަނަ ފަހަރަށް ގުޅިފަހުންނެވެ.
"ހަނދާން އެބަހުރި... ކުޑަކަމެއް ދިމާވެގެން ނުދެވުނީ... އިރުކޮޅަކުން އެބަދަން..." އެހެންބުނުމަށްފަހު އަހަރެންނަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އިޒާން ފޯނު ކަނޑާލީއެވެ. ކޮންމެވެސް ކަމަކާ އިޒާން ހިތްހަމަނުޖެހިފައި ހުރިހެން އަހަރެންނަށް ހީވީ ކީއްވެ ކަމެއް ނޭނގުނެވެ. އެކަން މާބޮޑުކަމަކަށް ނުހަދަން ނިންމަމުން ދެން އެކަމާ ނުވިސްނަމެވެ.
އިޒާންގެ އިންތިޒާރުގައި ގޭ ދޮރުމަތީގައި އެތައް އިރެއްވަންދެން އަހަރެން ހުރީމެވެ. އެތައްއިރެއް ފާއިތުވެގެން ދިޔައިރުވެސް އިޒާންގެ ހަބަރެއް ނުވުމުން އަނެއްކާވެސް ގުޅީމެވެ. ނަމަވެސް އޭރު ޖަވާބު އައީ އިޒާންގެ ފޯނު ނިއްވާލާފައިވާ ކަމަށް ބުނެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުންވެސް ލިބުނީ ހަމަ އެޖަވާބެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަނެއްކާވެސް އިޒާންގެ ހިޔާލު ބަދަލުވީބާއޭ ހިތަށް އެރިއެވެ. އެނބުރި ކޮޓަރިއަށް ދިއުމާއެކު އަހަރެންނަށް ރޮވިއްޖެއެވެ. އިރުކޮޅަކުން ލިބުނީ ދޮންބެގެ ފޯނުކޯލެކެވެ. ފޯނު ނުނަގަން އިންދާ ދޮންބެ ތިން ހަތަރު ފަހަރު ގުޅުމުން ފޯނު ނެގީއެވެ. ލިބުނު ހަބަރާއެކު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
***************************************************
އިޒާންގެ ނަޒަރުން
ބޭނުންވާ ގޮތްވާތީ އަހަރެން ހުރީ ނުހަނު އުފަލުންނެވެ. އެދުވަހުގެ ފަހުން ނިމާލްއާއި ނައުރާ ވާހަކަ ދައްކާ ތަނެއް ނުފެނެއެވެ. އަހަރެމެން ކައިބޮއެ ހަދަނީ ބޭރުންނެވެ. ނިމާލް ފެންނަ ކޮންމެ ފަހަރަކު އޭނާ ހުންނަ ގޮތް ފެނި އަހަރެންނަށް ލިބެނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އަހަރެންނަށް ހުރެވެނީ އެތެރެއިން ހީނލަ ހީލައެވެ. ނިމާލް އަހަރެންނާ ދިމާލަށް ކަޅިއަޅާލާ ގޮތުން އަހަރެން ފިއްސާލަފާނެ ކަހަލައެވެ. ނަމަވެސް އަހަރެން އެކަމާ ކަންބޮޑެއް ނުވެއެވެ. އަހަރެންގެ މަޤްސަދަކީ ދެން ދުވަހަކުވެސް ނިމާލްގެ މޫނުމަތިން ހިތްހަމަޖެހުމެއް ފެނުނަ ނުދިނުމެވެ. ނައުރާއަށް ފަހު ދެން އަހަރެންގެ މަޤްސަދަކަށްވީ ނިމާލްއާއި އޭނާގެ ލޯބިވާ އަންހެނުން ދުރުކުރުވެމެވެ. ނޫނެކެވެ އެއީ ގޯސްކަމެއް ނޫނެވެ. ޒުހުދާއަށް ނިމާލްގެ ހަޤީޤަތް އެނގުން ހައްޤެވެ. އެކަހަލަ މީހެއްގެ ކިބައިން ކުށެއް ނެތް އަންހެނަކު ސަލާމަތް ކުރުވުމަކީ އަހަރެންނަށް ކުރެވޭނެ ރަނގަޅު ކަމެކެވެ. އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޒޭބާހެން މާދަމާ އޭނަ ޒުހުދާވެސް މަރާލަފާނެއެވެ.
އަހަރެން ނިމާލްއަށް ފާރަލާން ފެށީމެވެ. ޒޭބާގެ މަރާލުމަށްފަހު ކުރިންހެން ނިމާލް އަހަރެން އުޅޭ ނޫޅޭ ގޮތް ބެލުމަކީ އޭނާއަށް ކުރެވުނު މޮޔަކަމެކެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ނިމާލް ކަތި ފިޔަވަޅެއް އަޅާނެ އިރަކަށެވެ. ހަމަ އެސިކުންތު އޭނާގެ ހަޤީޤަތް ޒުހުދާއަށް އެނގޭނެހެން އަހަރެން ހުރީ އިންތިޒާމްތައް ހަމަޖައްސާފައެވެ. ކުރެވުނީ މޮޅުކަމެއް ނޫނެވެ. ވަގަށް ނެގީ މީހެއްގެ ފޯނެކެވެ. އެވެސް ބިދޭސީއެއްގެއެވެ. އޭގެ ލޮކް ފިލުވާލުން އެއީ އަހަރެންނަށް އުނދަގޫކަމެއް ނޫނެވެ. އަހަރެން އެފޯނު ގަތް ހަމައެކަނި ސަބަބަކީ އަހަރެން ފޮނުވާ ވީޑިއޯ ނުވަތަ ފޮޓޯ ފޮނުވީ ކާކުކަން ޒުހުދާއަށްވެސް އަދި ނިމާލްއަށްވެސް ނޭންގުމެވެ.
ވަރަށް ދުވަހު މަސައްކަތްކުރިފަހުން ނިމާލް ރިސޯޓަކަށް ދާން އުޅުނުކަން އަހަރެންނަށް އެނގުނެވެ. އިވުނީ އެމީހުންގެ ކޮޓަރިތެރެއިން ޒުހުދާއާއި ނިމާލް ވާޙަކަދައްކާ އަޑެވެ. އެމީހުން ދިޔައީ ފާޑަކަށް ޒުވާބުކުރަމުންނެވެ.
"ތިދާ ތާކަށް އަހަރެންވެސް ގެންދެވިދާނެއްނު.. އަހަރެންމީ ނިމާލްގެ އަންހެނުނެއް ނޫންތަ؟ " ޒުހުދާ ބުނި އަޑުއިވުނެވެ.
"ދެން އެހެންކިޔާފަ އަހަރެންވީ އަބަދު ޒުހުދާ އަހަރެންގެ ފަހަތު ޖަހައިގެން އުޅެންތަ؟ އަހަރެންނަށްވެސް ކޮންމެވެސް ކަހަލަ މިނިވަން ކަމެއް ދޭންވާނެއްނު.. " ނިމާލް ބުނެލިއެވެ.
"އަހަރެން ކޮންއިރަކު ނިމާލްގެ މިނިވަންކަމަށް ހުރަސްއެޅީ..؟ ނިމާލް އަހަރެންނާއެކު ވަގުތު ހޭދަކުރާ ވަގުތުތަކަށްވުރެ މާގިނައިން ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކުރޭ.. " ޒުހުދާ ޝަކުވާކުރިއެވެ. ދެން ދިޔަ ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ވާހަކަ ދެއްކީ ނިމާލްއެވެ.
"ތީ ޒުހޫއަށް ހަމަ ހީވާގޮތް.. ދެން ފިރިހެނުންނަކީ އަބަދު ގޭގަ ތިބޭނެ ބައެއް ނޫންކަން އެނގެއެއްނު.. މިފަހަރު މިދާ ދަތުރަކީ ހުސް ފިރިހެނުން ދާ ދަތުރެއް.. މިރިސޯޓުން އަންނަ ގޮތަށް ދެން ދާނީ ޒުހޫ ގޮވައިގެން މާ ސަޅި ރިސޯޓަކަށް.. އޯކޭއެއްނު.. " ނިމާލްގެ އަޑާއި ރާގު ބަދަލުވެފައިވިއެވެ. ނިމާލް އެދަނީ ރަނގަޅު ދަތުރެއްގައި ނޫންކަން އެހިނދުން އަހަރެންނަށް އެނގުނެވެ. އަހަރެން ކަންތައްތައް ކުރީ ނިމާލްއަށް ކުޑަވެސް ޝައްކެތްނުވާނެ ހެނެވެ.
އަހަރެން ކޮޓަރިއަށް ވަންއިރު ނައުރާ ލެޕްޓޮޕް އުނގުމަތީ ބާއްވައިގެން ފިލްމެއް ބަލަން އިނެވެ. އަހަރެން ގޮސް ލެޕްޓޮޕް ނިއްވާލާ ދުރުގައި ބޭއްވުމަށްފަހު ނައުރާ އަހަރެންގެ އަތުތެރެއަށް ގެނައިމެވެ. އެނދުގައި އަހަރެން އިށީނދެގެން އިންއިރު ނައުރާ އަހަރެންގެ އުނގުތެރޭގައި އިނެވެ.
"ދެން އިޒާން އެފިލްމުގެ އެންމެ ރީތި ހިސާބުން ތިނިއްވާލީ.. " ނައުރާ ތުއިވެލަމުން ބުންޏެވެ. އަހަރެންގެ ބަދަލުގައި އެތާ އެހެން ފިރިހެނަކު އިންނަމަ ނައުރާގެ އެކިއުޓް ކަމަށް ތައުރީފު ކުރީސް ކަން ޔަގީނެވެ. ނަމަވެސް އަހަރެންވީ ފޫއްސެވެ.
"އަހަރެންނަށްވުރެ މުހިންމީ ފިލްމުތަ؟ " އެކަން ނުދައްކާވޭތޯ މަސައްކަތްކުރަމުން އަހަރެން އެހީމެވެ.
"ތީގެ ޖަވާބު އިޒާންއަށް ރަނގަޅަށް އެނގޭނެ.. އަހަރެންނަށް އިޒާންއަށްވުރެ މުހިންމު އެކައްޗެއްވެސް ނެތް.. " އަހަރެންގެ މޫނުގައި ހިފަހައްޓާލައިގެން އިނދެ ނައުރާ ވާހަކަދެއްކިއެވެ.
"ނައުރާ ނޫޅެންތަ ދޮންބެއާ ވާހަކަ ދައްކަން.. ތިހެން ވާހަކަ ނުދައްކާ ތިބުމަކީ ކިހާ ގޯސްކަމެއް.. " މަކަރުވެރިކަން ފޮރުވައިލަމުން އަހަރެން ބުނީމެވެ.
"އިޒާން އެކަމާ ނުވިސްނަބަ.. އަހަރެން އަދި ވަގުތު ބޭނުން.. " ޖަވާބުގައި ނައުރާ ބުންޏެވެ.
"އެހެންތަ؟ އޯކޭ.. ދެން އެވާހަކަ ބާއްވާ... އަހަރެން މިވިސްނަނީ ދެވަނަ ހަނީމޫނަކަށް ގޮސްލަން.. އެކަމަކު މިފަހަރު ރާއްޖޭގެ ރީތި ރިސޯޓަކަށް.." އަހަރެން ބުނީމެވެ. ނައުރާގެ މޫނުމަތިން ހައިރާންކަމާއެކު ފެނުނީ އުފާވެރިކަމެވެ.
"އަސްލުތަ؟ ކޮން ރިސޯޓަކަށް ދާނީ...؟ " ނައުރާ ބުންޏެވެ. އަހަރެން ރިސޯޓުގެ ނަން ބުނެލީމެވެ. ޒުހުދާއާއި ނިމާލްއާ ދެމެދު ދެކެވުނު ވާހަކައިގެ ތެރެއިން އަހަރެންނަށް އޮތީ އޭނާ ދާން އުޅޭ ރިސޯޓުގެ ނަންއިވިފައެވެ.
"އަހަރެން ބޭނުންވަނީ މިރޭ ނައުރާއާއެކު ރިސޯޓުގަ ނިދަން.. ނައުރާއަށް އެކަން ހަމަޖެއްސޭނެތަ؟ " އަހަރެން އެހީމެވެ.
"އާނ ޔަގީނެއްނު.. މިހާރު މިއުޅެނީ.. " އެހެން ބުނަމުން ނައުރާ އަހަރެން އަތުތެރެއިން ތެދުވެގެން ގޮސް ފޯނުން ކޮންމެވެސް މީހަކަށް ގުޅާ ވާހަކަ ދައްކަން ފެށިއެވެ. މާގިނައިރެއް ނުވެ އެރޭ ފުރާގޮތަށް ހަމަޖެހުނެވެ.
***********
ނައުރާ ކައިރީގައި ދަތުރަށް ހަދަން ބުނުމަށްފަހު އަހަރެން މިސްރާބުޖެހީ މަންމަމެން ކޮޓަރިއާ ދިމާލަށެވެ. ރަށުން ބޭރަށް ފުރާ ވާހަކަ އެމީހުން ކައިރީގައި ބުނުމަށެވެ. އެމީހުންނާ ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ކޮޓަރިން ނިކުތްވަގުތު އެހެންލާފައި ހުރަސްކުރި ނިމާލްއާ މުޑިނޭރީ ކިރިޔާއެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ހުރުމުން އޭނާ އެދަނީ ދާން ކަން އަހަރެންނަށް އެނގުނެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި އަހަރެން ދާން އުޅުމުން ނިމާލް އަހަރެންގެ ކޮނޑުގައި ހިފަހައްޓާ މަޑުކުރުވިއެވެ. އަހަރެން ނިމާލްއަށް ބަލައިލީ އެއްވެސް އަސަރެއް ނެތް ބެލުމަކުންނެވެ.
"ކަލޭ ހީނުކުރާތި ތިކުރަން އުޅޭ ކަންތައް އަހަރެންނަށް ނޭނގެނީއޭ.. " ނިމާލް އެހެން ބުނުމާއެކު އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ. އަނެއްކާވެސް އަހަރެންގެ ރޭވުންގަނޑު އޭނާއަށް ފަޅާއެރީބާއޭ ހިތަށް އެރިއެވެ. އެހެންވެއްޖެނަމަ މިފަހަރު އޭނާގެ އަމާޒަކަށް ވާނީ އަހަރެންގެ މައިންބަފައިންނޭ ހިތަށް އެރުމުން ބިރުގަތެވެ.
"ތިބުނި އެއްޗެއް ނޭނގުނު.." މޫނުމަތިން ހާސްކަން ނުދައްކައިވޭތޯ މަސައްކަތްކުރަމުން އަހަރެން ބުނީމެވެ.
"މިބުނީ ކީކޭކަން އެނގޭނެ.. ނައުރާ އަހަރެންނާ ދުރުކޮށްފިއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން.. " ނިމާލް ބުނެލިއެވެ. ހީކުރި ގޮތް ނުވުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ނިމާލް އެބުނި ވާހަކައާ ދެކޮޅު ހަދަން އަހަރެން ބޭނުމެއް ނުވިއެވެ. ބޭނުންވީ އޭނައާ އޯޕަން ޗެލެންޖެއް ކުރާށެވެ.
"އޭރުން؟؟ އޭރުން ކިހިނެއްވާނީ؟ އަހަރެންގެ ދުވަސް ދުއްވާލިއްޔާ ނައުރާއަށް ކިހިނެއްވާނީ.. އޭނަ ވަކި ދުނިޔޭގައި ހުންނަން ބޭނުންވާނެތަ؟ ހީނުކުރައްޗެ ކުރިންހެން ކަލޭ އެއްޗެއް ބުނާއިރަށް ބިރުން ވިރިވިރި ހުންނާނެ.. ކަލޭގެ ގޮތް އަހަރެންނަށް ރަނގަޅަށް ދަސްވެއްޖެ.. ދެން މިކުޅިގަނޑު އަހަރެން ކުޅޭނީ ކަލޭ ކުޅިގަނޑު ގަނޑު ކުޅޭ ގޮތަށް.. ނައުރާ ކަލެއާ ދުރުނުކޮށްފިއްޔާ އަހަރެންގެ ނަމަކަށް އިޒާންއެއް ނުކިޔާނެ.. ހަނދާން ކުރާތި.. އަހަރެންގެ މަންމަމެންނަށް ގޮތެއް ހަދައިފިއްޔާ އަހަރެންވެސް މަޑަކުން ނުހުންނާނަން.. ނައުރާ މަރާލާނީ އަހަރެންގެ ދެއަތުން. އޭގެ ފަހުން އަހަރެން ޖަލަށް ދާން ޖެހުނަސް ނުވަތަ އަހަރެން މަރާލިޔަސް ހެޔޮ.. މިހާރު އެއީ އަހަރެން ބިރުގަންނަން ކަންތައްތަކެއް ނޫން.. އެފަދަ ކަންކަމަށް ބިރުކެނޑުވީ ކަލޭ.. ކިތަންމެ ޖައްބާރު މީހެއްވެސް އެމީހާގެވެސް ވީކް ޕޮއިންޓެއް ހުރެދާނެކަން އަހަރެންނަށް ވިސްނުނީ އަދިކިރިޔާ.. އެގޮތުން ކަލޭގެ ވީކްނެސްއަކީ ނައުރާ.. އެހެންނު.. ކަލެއާ ދެކޮޅަށް އަހަރެން ބޭނުންކުރާނެ ހަތިޔާރަކީ އެއީ..." އަހަރެންނަށް ކިޔުނު އެއްޗެހިން ހުދު އަހަރެންވެސް ހައިރާންވިއެވެ. އެފަދަ ހިތްވަރެއް އަހަރެންނަށް ލިބުނީތީ ފޮނިވިއެވެ.
"ނައުރާއަށް ގޮތެއް ހަދައިފިއްޔާ ކަލޭ މަރާލާނަން.. " ދަތްކުޑިވިކައިލަމުން ނިމާލް އެހެން ބުނެލިއިރު ރުޅިއައިސްގެން ގޮސް އޭނާ ތުރުތުރުއަޅައެވެ. އެދިމާލަށް ނައުރާ އަންނަތަން އަހަރެންނަށް ފެނުނީ އެވަގުތުއެވެ. އެހެންވެ އަހަރެން ވާހަކަ ބަދަލުކޮށްލީމެވެ. ކުއްލިއަކަށް ދެރަވެ ކަންބޮޑުވާކަން ދައްކާ ނިމާލްއާ ވާހަކަ ދައްކަން ފެށީމެވެ.
"އާދޭސްކޮށްފަ މިބުނީ ނިމާލް.. އަހަރެން އެފަދަ ކަމެއް ކުރަން ނުވެސް ވިސްނަން.. ނިމާލް ބުނެފިއްޔާ އަހަރެން މިގެއިން ނިކުމެގެން ހިނގައިދާނަން.. " ގަސްދުގައި ނައުރާއަށް އިއްވަން އަހަރެން ބުނީމެވެ. އެހިނދު ނިމާލްގެ ނިތަށް ރޫއަރައިގެން ދިޔައީ އަހަރެންގެ އަޑާއި ރާގު ކުއްލިއަކަށް ބަދަލުވުމުންނެވެ.
"ކިހިނެއްވެގެން މިއުޅެނީ...؟ " އަހަރުމެން ކައިރިއަށް ހުއްޓެމުން ނައުރާ އެހިއެވެ. އެހިނދު ނިމާލްއަށް ލިބުނީ ސިހުމެކެވެ.
"ދޮންބެ މިކިޔާ އެއްޗެއް ބަލާބަލަ.. އަހަރެން ނައުރާ ދޮންބެއާ ދުރުކުރުވަން އުޅެނީއޭ.. ބުނެބަލަ.!! އަހަރެން ދުވަހަކުވެސް ދޮންބެއާ ދެކޮޅަށް ނައުރާ ކައިރީ ވާހަކަ ދެއްކިންތަ؟ " ގަދަކަމުން ލޮލަށް ކަރުނަ ގެނެވޭތޯ މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
"އޭނަ ދައްކާ ވާހަކަ ޤަބޫލުނުކުރާތި ނައުރާ.. ހަޤީޤަތުގައިވެސް އޭނަގެ މަޤްސަދަކީ އެއީ.." ނިމާލް ބުނެލިއެވެ.
"އިނަފް ދޮންބޭ... ކޮބާތަ ދޮންބެގެ މައްސަލައަކީ.. ތިއުޅެނީ އަހަރެން އުފަލުގައި އުޅޭތީ އެކަން ވިޔަ ނުދޭންވެގެންތަ؟ " ނައުރާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"އަހަރެންނަށް ނައުރާގެ އުފަލަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް.. އެކަމަކު މިއިޒާން މީ ނައުރާ ހީކުރާ ކަހަލަ މީހެއް ނޫން.. " ނިމާލް ބުންޏެވެ.
"ހުއްޓާލާ ދޮންބޭ.. އަހަރެންނަށް ވަރަށް ކެތްކުރެވިއްޖެ.. އިޒާންއާ ދެކޮޅަށް ދެން އެންމެ ބަހެއް ބުންޏަސް އަހަރެން މިގެއިން ނިކުމެގެން ދާނަން.. އިޒާން ދުވަހަކުވެސް ދޮންބެއާ ދެކޮޅަށް އަހަރެން ކައިރީ ވާހަކައެއް ނުދައްކާ.. އަބަދުވެސް ނަސޭހަތް ދިނީ ދޮންބެއާ ގުޅިގެން އުޅުމަށް.. އަހަރެންނަކަށް ނޭނގޭ ދޮންބެ ތިހާވަރަށް އިޒާންއާ ޖައްސާލައިގެން ތިއުޅެނީ ކީއްވެކަމެއް.." ނައުރާ ބުންޏެވެ. އަހަރެން ހުރީ އެތެރެއިން ހީނލަހީލައެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް