"ދެން އަހަރެން ކިހިނެއް ހަދަންވީ ނައުރާ! ވީކަމެއް ބަދަލެއް ނުކުރެވޭނެއްނު.. ނައުރާ ކަހަލަ ރަޙުމަތްތެރިއެއް އަހަރެންނަށް ކުރެވުނު މޮޔަކަމެއްގެ ސަބަބުން ގެއްލޭކަށް ބޭނުމެއް ނޫން.. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އަހަރެން ވައުދުވަން.. ޕްލީޒް ނައުރާ އަހަރެންނަށް މާފުކުރޭ.. " އިޒާން ބުނެލިއެވެ. އަހަރެން ފަދައިން އިޒާންވެސް އަހަރެން ބޭނުންވާ ކަމުގައި އިހުސާސް ކުރެވުނެވެ. އެވަގުތު ބޭނުންވީ އިޒާންގެ އަތުގެ ހިމާޔަތް ހޯދާށެވެ. އިޒާންގެ މޭގައި ލައްވެލައިގެން ހުރެ ޝަކުވާ ކޮށްލާށެވެ.
މާފުދޭން އަހަރެން ހުށައެޅީ ޝަރުތެކެވެ. އެޝަރުތު އިޒާން ޤަބޫލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަރެންނަށް އޮތެވެ. ވީވެސް އެހެންނެވެ. އަހަރެންގެ ކެބިންއަށް ވަދެ އިޒާން އަހަރެންނަށް ދިއްކޮށްލި ޓިކެޓް ފެނި އަހަރެން އުފަލުން ފޮޅުނެވެ. އުނދަގޫ ނަމަވެސް އިޒާން ކައިރީގައި އަހަރެން ދޮގެއް ހެދީމެވެ. ކާރުވީ ސާވިސް ކުރަން ދީފައި ކަމަށް ބުނެއެވެ. ބޭނުންވީ ސިނަމާއަށް އިޒާންގެ ސައިކަލު ފަހަތުގައި ދާށެވެ. އިޒާން އަހަރެން ބަލާ އަންނަންވާއިރަށް ވެވުނު އެންމެ ރީއްޗެއް ވީމެވެ.
ގެއިން ނިކުތްއިރު ސައިކަލުގައި އަހަރެންގެ އިންތިޒާރުގައި އިޒާން އިނެވެ. އުއްމީދު ކުރެވެމުން ދިޔައީ ތައުރީފުގެ ކުޑަ ކުޑަ ބަހެއްވެސް އިޒާން ބުނެލާނެ ކަމަށެވެ. ކައިރިވިހެން އިޒާންގެ ތޫނު ނަޒަރު އަހަރެންނަށް ހުއްޓިފައިވާތަން ފެނި އަހަރެންނަށް ފޮނިކަމެއް އިހުސާސް ކުރެވުނެވެ. އިޒާން ކައިރިއަށް ހުއްޓެމުން އަހަރެން ވަރަށް އެކްސައިޓެޑްކަމުގައި ބުނެލީމެވެ. އިންތިޒާރު ކުރަމުން ދެވުނީ އިޒާންގެ ދުލުން އިވޭނެ ތައުރީފުގެ ބަހަކަށެވެ. އޭނާ އެއްޗެއް ނުބުނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާ އަހަރެން ރީތި ތޯ ނޫނީ ހަޑިތޯ އިޒާން ކުރެން އަހައިލެވުނެވެ. ތެދަށް ބުނަންޏާ ދެވަނަ ސިކުންތުގައި އެހެން ބުނެވުނީތީ އަހަރެން ވަރަށް ލަދުގަތެވެ. އަހަރެންމީ އެއްވެސް އަދަބު އަޙްލާޤެއް ނެތް މީހެކޭ އިޒާންއަށް ހީވެދާނޭ ހިތަށް އަރާފައެވެ.
"ހުރިހާ އެންމެންނަކީވެސް ރީތި މީހުން.." އިޒާން ބުނެލިއެވެ. އަހަރެން ދެލޯ ހަނިކޮށްލީމެވެ. އެހެން އެހުމުން އިޒާން ލަދުގަތީހޭ ބުނަން އަނގަހުޅުވާލި ހިނދު އަވަހަށް ސައިކަލަށް އެރުމަށް އިޒާން ބުންޏެވެ. އިޒާން ލަދުގަތީކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެން ގޮސް ސައިކަލަށް އެރީ ހިތާހިތުން ހެމުންނެވެ.
ދޮންބެ ކައިރީގައި ކައިވެނީގެ އިވެންޓްތައް އޮގަނައިޒް ކުރަން އިޒާން ގެންނަން ބުނީ އަހަރެންނެވެ. މަޤްސަދަކަށްވީ ވީހާވެސް ގިނަ ވަގުތެއް އިޒާން އާ އެކު ހޭދަކުރުމެވެ. ކަންތައްވީވެސް އަހަރެން ބޭނުންވި ގޮތަށެވެ. އިޒާންއާއެކު އެތައް ވަގުތެއް ހޭދަކުރަން ލިބުމުން އަހަރެންނަށް ލިބިފައިވާ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެފައިވިއެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ އިޒާން އަހަރެންނަށް ލޯބި ހުށައަޅާނެ އިރަކަށެވެ. ނަމަވެސް އިޒާންގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އެތައް ފަހަރަކުން އަހަރެންގެ ހިތް އަހަރެން ކައިރީ ބުނަމުން ދިޔައީ ކުރިން އިސް ނެގުމަށެވެ. ކޮންމެހެން ލޯބި ހުށައެޅުމަކީ ފިރިހެނުން ކުރަންޖެހޭ ކަމެއް ނޫން ކަން އަހަރެންގެ ހިތް ވިސްނައިދެމުން ދިޔައެވެ. އަންހެނުން ކުރިން އިސްނެގުމަކީ ހަޑިކަމެއް ނޫންކަން އަހަރެންނަށް ވިސްނުނެވެ.
ދޮންބެ ކައިވެނީގެ ރޭގައި ކައިވެނީގެ ހުތުބާ ފެށިގެން ކުރިއަށް ދިޔައިރު އަހަރެންނަސް ސިފަކުރެވުނީ ދޮންބެއާއި ޒުހުދާގެ މަގާމުގައި އަހަރެންނާއި އިޒާން ތިއްބައެވެ. ކައިވެނީގެ ހުތުބާގެ ކޮންމެ ލަފްޒަކުން އަހަރެންގެ ހިތަށް ކުރުވަމުން ދިޔައީ ތަފާތު ފުންއަސަރެކެވެ. އިތުރަށް އަހަރެންނަށް ކެތެއް ނުކުރެވުނެވެ. އިޒާންގެ އަތުގައި ހިފައިގެން އަހަރެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.
ހިތްވަރުކޮށްފައި އިޒާންގެ ކުރިމަތީގައި އަހަރެން ހިތް ހުޅުވައިލީމެވެ. ނަމަވެސް އިޒާންގެ ފަރާތުން ލިބުނު ޖަވާބުން އަހަރެން ހިތް ކުދިކުދިވިއެވެ. ބިއްލޫރިކޮޅުތަކެއް ފަދައިން އަހަރެންގެ ހިތުގެ އެކު އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔަކަހަލައެވެ. އެހުރިހާ ދުވަހު އަހަރެންނަށް ހުރެވުނީ ކުށްހީއެއްގެ ތެރޭގައިކަން އެނގުމުން އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އިޒާންގެ އެންމެ ޖުމްލައެކެވެ.
"އެއްވެސް މީހަކު ދެރަކުރާކަށް އަހަރެން ނޫޅެން. އަހަރެން ނައުރާ ދެކެ ލޯތްބެއްނުވޭ.. އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ.. އަދި މިއުޅެނީ ވަރަށް އަވަހަށް އެކުއްޖާއާ ކައިވެނި ކުރަން ވެގެން.." އެއީ ކޮންކުއްޖެއްކަން އަހަރެންނަށް ވަގުތުން އެނގުނެވެ. އިޒާން އަދިވެސް ލޯބިވަނީ ޒޭބާ ދެކެކަން އިހުސާސްވި ހިނދު އަހަރެންގެ މުޅި ނަފްސު ކުދިކުދި ވެދާނެހެން ހީވިއެވެ. އެތައް ދުވަހެއް ވަންދެން އިޒާންގެ ލޯބި ހޯދަން ކުރި މަސައްކަތް ފެނަށްވެގެން ދިޔައީ އަހަރެންގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. ދިރިހުރުމެއް މަޤްސަދެއް ނެތް ހެން އިހުސާސްވެ އަހަރެން މުޅިން މާޔޫސްވިއެވެ. ހަޔާތުގައި އެޅުނު އެންމެ ކަތި ފިޔަވަޅު އެޅުނީ އެހިސާބުންނެވެ. ލޯމައްޗަށް އަނދިރިވަމުން ދިޔައިރުވެސް އަހަރެންގެ ދުލުގައިވީ އެންމެ ނަމެކެވެ. އިޒާންގެ ނަމެވެ. ލޯމެރެމުން ދިޔަ ހިނދު ދޮންބެގެ އަޑު އައިސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ބިރުވެރިގޮތަކަށް އަހަރެންގެ ނަމުން ގޮވައިލަމުން ދޮންބެ އައިސް އަހަރެން ކައިރީ އިށީނެވެ. ދެފަރާތުން އަހަރެންގެ މޫނުގައި ތަޅަމުން ގޮވަމުން ދިޔައިރު ދޮންބެ ރޮނީކަން އަހަރެންނަށް އެނގުނެވެ.
"ދޮންބޭ!! އިޒާން!! އިޒާން އަހަރެންނަށް ނުލިބުނު.. އިޒާން އަހަރެންނަށް ގެއްލިއްޖެ..އޭނަ އަހަރެން ދެކެ ލޯތްބެއް ނުވޭ.. އިޒާން އަދިވެސް ލޯބިވަނީ ޒޭ......" އެހިސާބުން ދެންވީ ގޮތެއް އަހަރެންނަށް ނޭނގެއެވެ. އަމިއްލައަށް މަރުވާން މަސައްކަތް ކުރެވުނީތީ އަހަރެން އިންތިހާއަށް ދެރަވިއެވެ. އެކަމަށް ތައުބާވެސް ވީމެވެ.
އަހަރެންނަށް ލޯ ހުޅުވައިލެވުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ އިޒާންގެ ރީތި ސޫރައެވެ. އެއާއެކު އިޒާންގެ ނަމުން ގޮވާލެވިއްޖެއެވެ. ހިތަށް ކުރި ފުންއަސަރުން ދެލޯ ފުސްވެ ކަރުނަތައް އޮހިގަތެވެ. އިޒާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަހަރެން އޮތީ އެސްފިޔަޖަހާލަން ބޭނުންނުވެފައެވެ. އެސްފިޔަ ޖަހާލާފައި ދެން ހުޅުވާލާއިރު އިޒާން ނުހުރެ ދާނެތީއެވެ. އެހެން އޮއްވާ އިޒާން އަހަރެން ކައިރީގައި މާބޮނޑިއެއް ބާއްވައިލިއެވެ. އަހަރެން ކިހިނެއްތޯ އަހައިލިއެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކުނެވެ. ރޮވުނީއެވެ.
"ސޮރީ ނައުރާ.. އަހަރެން ނައުރާ ހިތުގައި ޖެއްސީ ގަސްދުގައެއް ނޫން.. އެވަގުތު ރިއެކްޓް ކުރަންވީ ގޮތެއް އަހަރެންނަށް ނޭނގުނީ.. ނައުރާ ތިކަހަލަ ފިޔަވަޅެއް ނަގާފާނެ ކަމަށް އަހަރެން ހިޔެއްވެސް ނުކުރަން.. " އިޒާން ބުނެލިއެވެ.
"އިޒާން ކީއްކުރަން މިތަނަށް ތިއައީ… އަހަރެންދެކެ ލޯބިނުވާއިރު… " އަހަރެންނަށް ތުންފިތައިލެވުނީ ބޭއިޚްތިޔާރުގައެވެ.
"އަހަރެންނަށް މާފުކުރޭ.. އަހަރެން އެގޮތަށް ކަންތައްކުރީ ނައުރާދެކެ.. ލޯބި ނުވާތީއެއް ނޫން.. " އިޒާން ބުނެލިއެވެ. މިފަހަރުވެސް އަހަރެންގެ ހިތް ތެޅިލިއެވެ. އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ.
"ތިބުނީ.. ތިބުނި އެއްޗެއް ނުވިސްނުނު… " އަހަރެންގެ ހިތް އަވަސްވެފައިވިއެވެ. ފެންނަމުން ދިޔަ މަންޒަރާއި އިވެމުން ދިޔަ ވާހަކަތަކަކީ ހުވަފެނަކަށް ނުވުމަށް ހިތާހިތުން ދުއާ ކުރެވެމުން ދިޔައެވެ.
"މިބުނީ… މިބުނީ… އަހަރެންވެސް.. އަހަރެންވެސް ނައު… ނައުރާދެކެ ލޯ…ބިވެޔޭ… " އިޒާންގެ ޖުމްލައާއެކު އަހަރެންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހެވުނީ ބެއިޚްތިޔާރުގައެވެ. ޔަގީން ކުރުމަށް އިޒާން ކައިރީ ހަމަ އަސްލުގައިވެސް ހެއްޔޭ އަހައިލީމެވެ. އިޒާން ބޯޖަހައިލިއެވެ. ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެން އިޒާން ބުނި ޖުމްލައިން އަހަރެންގެ ހިތް އާސްމާނުގައި އުދުހެން ފެށި ކަހަލައެވެ.
"ނައުރާ އަހަރެންނާ އިންނާނަންތަ؟ " އަހަރެންނަށް ލިބުނީ ސިހުމެކެވެ. ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަހެން ހީވިއެވެ. އިޒާން އެބުނި އެއްޗެއް ޤަބޫލުކުރަން ދަތިވިއެވެ.
"ޔަގީންތަ އިޒާން އަހަރެންނާ ސަމާސަ ކުރަނީ ނޫންކަން.. " އަހަރެން ބުނީމެވެ. ފެންނަމުންދާ މަންޒަރުތަކާއި އިވެމުން ދިޔަ ވާހަކަތައް ހަޤީޤަތުގައިވެސް ހުވަފެނެއް ކަހަލައެވެ.
"މީ ސަމާސާއެއް ނޫން ނައުރާ.. ޕްލީޒް ދެން އަވަހަށް ޖަވާބެއް ދީބަލަ..!! " ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް އިޒާން ބުނެލިއެވެ.
"އަހަރެންގެ ޖަވާބު އިޒާންއަށް ރަނގަޅަށް އެނގޭނެ.. އަހަރެން ލޮލުން ބޮލުން ތައްޔާރު.. " އަހަރެން ބުނީމެވެ. އެހިނދު އިޒާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
އިޒާން ދިޔަފަހުން އެތަނަށް ދޮންބެ ވަނެވެ. އެނދުކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އެތަނުގައި އިށީނެވެ. އަހަރެން ދޮންބެއަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. އަހަރެން ކުރި ކަންތަކުގެ ސަބަބުން ދޮންބެ އިންނާނީ ރުޅި އައިސްފައޭ ހީވިއެވެ.
"ސޮރީ ދޮންބޭ.. ވަރަށް ބޮޑަށް ސޮރީ.. އަހަރެން ގަސްދަކު ނޫން.. ހިތުގައި ޖެހުނު ވަރުން.. " އަހަރެންނަށް ބުނެވުނެވެ.
"ދެން އެކަމާ ނުވިސްނާ.. ނައުރާއަށް މާބޮޑު ގެއްލުމެއް ނުވެ ސަލާމަތްވީތީ ﷲއަށް ޝުކުރުކުރަން.. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާތި... " ދޮންބެ ބުންޏެވެ. އަހަރެން ބޯޖަހައިލީމެވެ.
"އަހަރެންގެ ސަބަބުން ދޮންބެމެންގެ ހަނީމޫންވެސް ފަނިވީ ދޯ.. ޒުހުދާ ހުރީ ރުޅިއައިސްފަތަ؟ " އަހަރެން އެހީމެވެ. ދޮންބެ ހިނިގަނޑެއް ޖަހައިލިއެވެ.
"ޒުހޫ ހުރީ މިތަނަށް އަންނަން ވަރަށް ބޭނުންވެފަ.. ނައުރާ ގެއަށް ދާނެ އިރެއްގެ އިންތިޒާރުގައި ހުރީ.." ދޮންބެ ބުނެލިއެވެ.
"ހުރިހާ ކަމެއްވެސް ވީ އެއްވެސް ކަމެއްގައި އަހަރެންގެ ހިތްވަރެއް ނެތީމަ.. އަދިވެސް ނޭނގެ އެރޭ އިޒާން އެގޮތަށް ވާހަކަ ދެއްކީ ކީއްވެ ކަމެއް.. " އެރޭގެ ހާދިސާ މަތިން ހަނދާންކޮށްލަމުން އަހަރެން ބުނީމެވެ.
"އިޒާންއާއި ޒޭބާގެ މެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނެތް.. ހަޤީޤަތުގައި ހުރިހާ ނުބައެއްވެސް ހެދީ ޒޭބާ... އޭނަ އޭރު ދިޔަޢީ އިޒާންއަށް ބިރު ދައްކަމުން.. އިޒާން އޭނައާ ނުގުޅިއްޖެނަމަ އަމިއްލައަށް މަރުވާނަން ކަމަށް ބުނެ.. އޭނަ ހުރީ ހުރިހާ ކަމެއް ހަމަޔަކަށް އެޅުނީމަ ނައުރާއަށް ލޯބި ހުށައަޅަން.. އެހެން ހުއްޓަ ނައުރާ ކުރިން ބުނީމަ އިޒާންގެ ބޯހާސްވީ.. އެހެންވެ އެގޮތަށް ވާހަކަ ދެއްކީ.. " ދޮންބެ ބުންޏެވެ.
"ވަޓް..؟ ކިހިނެއް ދޮންބެއަށް އެނގެނީ... " އަހަރެން އެހީމެވެ.
"އިޒާން ދޮންބެއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދީފި.. ޒޭބާ ދެވަނަ ފަހަރަށް އޭނާގެ ދިރިއުޅުމަށް އަންނަން ބުނުމުން އިޒާން އެކަމާ ދެކޮޅު ހެދީ.. ބުނީ އެހުރިހާ ދުވަހު ޒޭބާ އޭނާގެ ފަހަތުން އުޅުނީ މާލޭގައި އޭނާގެ ގެދޮރު ހުންނާތީއޭ.. ރާއްޖެއިން ބޭރަށް ދެވުމާއެކު ޒޭބާގެ މަގު އޮޅި އޭނައާ ރުޅިވީއޭ.. އެކަމަކު އިޒާންއަށް އަހަރެމެންގެ ކުންފުނިން ވަޒީފާ ލިބުނުކަމާއި ބޮޑު މުސާރަވެރިއަކަށް ވެއްޖެކަން އެނގުމުން ޒޭބާ އަލުން ގުޅެން ބޭނުންވީ.. އިޒާން ބުނިކަމަށްވަނީ މިހާރު އިޒާން ލޯބިވަނީ ނައުރާދެކެއޭ.. އެހެންވެ ޒޭބާ އިންޒާރު ދޭން ފެށީ އިޒާންއަށް.. އެކަމަކު ދެން ހުރިހާ ކަމެއް ރަނގަޅުވާނެ.. ޒޭބާއަށް އޭނާ ހިތްފުރޭވަރަށް ލާރި ދީފައި ހުންނާނީ.. އަދިވެސް ބޭނުންވެއްޖެ ނަމަ ނައުރާއާއި އިޒާންގެ ދިރިއުޅުމަށް ވަންނަން ނުހަދާ އަހަރެން ކައިރީ ބުނުމަށް ބުނެފައި އޮންނާނީ.." ދޮންބެ އެދުވަހު އެވާޙަކަތައް ކިޔަމުން ދިޔައިރު އަހަރެން އެވާހަކަތައް ޤަބޫލުކުރީ ދޮންބެއަށް ކުރި އިތުބާރެއްގެ ބޮޑުކަމުންނެވެ. ފަހަރެއްގައިވެސް އޭރު ދޮންބެ އެދެއްކި ވާހަކަތަކަކީ ދޮގަކަށް ވެދާނޭ އަހަރެންނަށް ހީކުރެވިފައެއް ނެތެވެ.
"ދޮންބެ ޒޭބާއަށް އެއްވެސް އެއްޗެއް ދީގެން ނުވާނެ ދެން.. ދެން އަހަރެމެންގެ ދިރިއުޅުމަށް ވަންނަން ހަދައިފިއްޔާ ޒޭބާއާ ކުރިމަތިލާނީ އަހަރެން.." އަހަރެން ބުނީމެވެ. އަދި އިޒާން އައިސް ދެއްކި ހުރިހާ ވާހަކައެއް ހެވިފައި އޮވެ ދޮންބެއަށް ކިޔައިދިނީމެވެ.
"ޒޭބާއާ މެދު ނުވިސްނުމަށް އިޒާން ކައިރީވެސް ދޮންބެ ބުނެފަ އޮންނާނީ.. ދެން ނައުރާ ކައިރީވެސް މިބުނަނީ.. އެނަން ކިޔާ މީހަކު ހުރިކަންވެސް ހަނދާން ނައްތާލާ.. ޒޭބާގެ ކަންތައްތައް އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ.. އަހަރެން އޭނަ ހަމަޔަކަށް އަޅުވާނަން..." ދޮންބެ ބުނެލިއެވެ. ދޮންބެ ޒޭބާ ހަމަޔަކަށް އަޅުވަން އުޅުނީ ކޮންގޮތަކަށް ކަމެއް އޭރު އަހަރެންގެ ހިޔާލަށް ފިކުރަކަށްވެސް ނާދެއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް