N/A
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން
އިންތިޒާމުކޮށްގެން ބާއްވާ "އެމްއެންޔޫ މެރެތަން" އާ ގުޅުވައިގެން ބާއްވާ
"އެމްއެންޔޫ މެރެތަން އެކްސްޕޯ" މި ހިނގާ ފެބްރުވަރީ މަހުގެ 11 އަދި 12 ގައި
ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ މި ދެ ދުވަހުގެ މެންދުރު
13:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ. މިއީ މެރެތަންގައި ބައިވެރިވާ ދުވުންތެރިންނަށް
ބޭނުންވާ ބިބް ހަވާލުކުރުން ފޯރިގަދަ ގޮތަކަށް ކުރިއަށް ގެންދިޔުމުގެ ގޮތުން ބާއްވާ
ހަރަކާތެކެވެ.
މި އިވެންޓް ފަރުމާކޮށްފައިވަނީ ބިބް ނެގުމަށް އަންނަ
ފަރާތްތަކުން ކިއޫގައި މަޑުކޮށްގެން ތިބުމުގެ ބަދަލުގައި، އެކި ސްޓޯލްތަކަށް ޒިޔާރަތްކޮށް،
ފޫހިކަމެއްނެތި ވަގުތުގެ ބޭނުން ހިފޭނޭ ފަދަ ފޯރިގަދަ މާޙައުލެއްގައެވެ. މި އެކްސްޕޯގައި
ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މެރެތަންގެ ބައިވެރިންގެ އިތުރުން ޢާންމު
ރައްޔިތުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
އެމްއެންޔޫ މެރެތަންއަކީ ތަފާތު ދުވުންތަކުގެ ކެޓަގަރީތައް
ހިމެނޭހެން، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ
ހަރަކާތެކެވެ. މި މެރެތަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ވާދަވެރި ދުވުމެއް
ބޭއްވުމެއް ނޫނެވެ.
މީގެ ބަދަލުގައި، މިއީ އެމްއެންޔޫގެ މުޖުތަމަޢާއި މުޅި
ރާއްޖޭގައި ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ސަގާފަތެއް ބިނާކޮށް އާލާކުރުމަށްޓަކައި
ޔުނިވަރސިޓީން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު އިޖުތިމާޢީ ހަރަކާތެކެވެ. އެމްއެންޔޫން
އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަޢުލީމީ ދާއިރާގެ އިތުރުން، މުޖުތަމަޢުގެ ދުޅަހެޔޮކަމާއި
އެއްބައިވަންތަކަން އިތުރުކުރެވޭނެ ފަދަ ތަފާތު ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންނާ
ގާތުން ޚިދުމަތް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް