ޕީޕީއެމް ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރަން ބައެއް ކެންޑިޑޭޓުން ދެކޮޅު ހަދަނީ!

މިދިޔަ ހުކުރު ދުވަހު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބައެއް ކެންޑިޑޭޓުން ބުނަން ފަށައިފި އެވެ. ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހެދި ...

09 Feb 2020 | 06:13

މިދިޔަ ހުކުރު ދުވަހު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބައެއް ކެންޑިޑޭޓުން ބުނަން ފަށައިފި އެވެ.

ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހެދި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ފަޒާދު ހިމެނިވަޑައިގެންނަވަ އެވެ. އޭނާ ވާދަކުރެއްވީ ފުވައްމުލަކު މޭޔަރު ކަމަށެވެ. ދެން ސޯޝަލް މީޑިއާގައި އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަން އިއުލާނު ކުރެއްވީ ހއ. އަތޮޅު ކައުންސިލް ރައީސް ކަމަށް ކުރިމަތިލެއްވި އަހުމަދު ނިޒާމް (ކެލާ ނިޒާމް) އެވެ.

ނިޒާމް ވިދާޅުވެފައިވާގޮތުގައި ހއ. ދިއްދޫ، އުތީމު އަދި އިހަވަންދޫގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު ސަބަބު ހާމައެއް ނުކުރައްވައެވެ.

ފަޒާދު ނަތީޖާ ގަބޫލު ނުކުރާ ކަމަށް ވިދާޅުވީ ފުވައްމުލަކުގައި ބައެއް އަވަށުތަކުގައި ވޯޓުލާ މީހުންގެ ލިސްޓަށް ވުރެ އިތުރަށް ކަރުދާސް ދޫކޮށް، އެ ވެސް ހުސްވެ އަލުން ކަރުދާސް ގެނައި ކަމަށް ތުހުމަތު ކުރައްވަ އެވެ. އަދި ވިދާޅުވީ ބައެއް މީހުން ރިޕީޓުކޮށް ދެ ފޮއްޓަށް ވޯޓުލާފައިވާ ކަމަށާއި  މާލޭގައި ވޯޓުލަމުން ދިޔައިރު ބައެއް މީހުންނަށް ގިނައިން ވޯޓު ކަރުދާސްކޮޅު ދިން ކަމަށެވެ.

އެފަދަ ގިނަ ތުހުމަތުތަކަކާއި ހިތްހަމަ ނުޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ ފަޒާދު ވަނީ ޕާޓީއަށް ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓީގައި އެދިފައިވަނީ އަލުން އެ ދާއިރާގެ ޕްރައިމަރީ ބާއްވައިދިނުމަށެވެ.

ކެންޑިޑޭޓުންގެ ހިތްހަމަ ނުޖެހުންތަކެއް ހުރިނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް، ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމާލެވުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް