ވެލެންސިޔާ ބަލިކޮށް، ރެއާލް މެޑްރިޑް ފައިނަލަށް

ސްޕެނިޝް ސްޕަރކަޕްގެ އާ ފޯމެޓަށް ކުޅޭ ފުރަތަމަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރިހޯދާ، ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ. ސައުދީ އަރަބިޔާގެ...

09 Jan 2020 | 03:34

ސްޕެނިޝް ސްޕަރކަޕްގެ އާ ފޯމެޓަށް ކުޅޭ ފުރަތަމަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރިހޯދާ، ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ.

ސައުދީ އަރަބިޔާގެ ޖިއްދާގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ފެނުނީ ތަފާތުކޮށެވެ. ބެންޒެމާ އާއި ބޭލްއަށް އަނިޔާވުމުގެ ސަބަބުން އެ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިނުވެވުނުއިރު، ކޯޗު ޒިދާން ރޭގެ މެޗު ފެށީ 5 މިޑްފީލްޑަރުންނާއެކުގައެވެ. އާންމުކޮށް ކުޅޭ 3-3-4 ފޯމޭޝަންގައި، ރޮޑްރީގޯ އާއި ވިނީޝިއަސް އަދި ޖޮވިކް އެންމެ ކުރިއަށް ކުޅުވާނެކަމަށް ބެލެވުނަސް އެޓޭކަރެއްގެ ގޮތުގައި ފުރަތަމަ 11 އިން ފެނުނީ ޖޮވިކް އެކަންޏެވެ. ފުރަތަމަ 11 ގައި މެދުތެރެއިން މެޗު ފެށީ ކަސަމީރޯ، ވަލްވާޑޭ، މޮޑްރިޗް، ކްރޫސް އަދި އިސްކޯ އެވެ.

މެޑްރިޑުން ރޭގެ މެޗު ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު، އެ ޓީމަށް ގޯލު ހުޅުވާލަދިނީ ޓޯނީ ކްރޫސް އެވެ. ރެއާލްއަށް ލިބުނު ކޯނަރެއްގައި، ވެލެންސިއާގެ ގޯލްކީޕަރ ހުރީ ރަނގަޅު ޕޮޒިޝަންގައި ނޫންކަން ފާހަގަ ކުރެވުމުން ކްރޫސްވަނީ އަވަސް ކޯނަރެއް ނަގައި ސީދާ ގޯލުގެ ތެރެއަށް ބޯޅަ އޮޅާލާފައެވެ.

މެޗުގެ 28 ވަނަ މިނިޓުގައި ވެލެންސިއާގެ ގަމެއިރޯއަށް ނަތީޖާ ހަމަހަމަކޮށްލަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭރިޔާގެ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގެ ފަހު 5 މިނިޓަށް އެޅުމުގެ ކުރިން އިސްކޯ ވަނީ ހިތްގައިމު ލަނޑަކާއެކު ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. ވަލްވާޑޭ ހުރަސް ކޮށްލި ބޯޅަ މޮޑްރިޗް ފޮނުވާލުމުން ވެލެންސިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ނުކުތް ބޯޅަ އިސްކޯ ގޯލުގެ ތިރީކަނަށް ވައްދާލީ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހުގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއަށް 3 ވަނަ ލަނޑެއްގެ ފުރުސަތު ފަހިވި ނަމަވެސް އިސްކޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއާއެވެ.

ދެ ވަނަ ހާފުގައި ވެސް ރެއާލްއިން ފުރިހަމަ ކޮންޓްރޯލްއާއެކު ކުޅުނުއިރު، އެ ޓީމަށް 3 ވަނަ ލަނޑު ޖަހައިދިނީ ލޫކާ މޮޑްރިޗް އެވެ. ޖޮވިކް ދިން ބޯޅައަކުން މޮޑްރިޗް މި ލަނޑު ޖެހިއިރު، ވެލެންސިއާގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ ޕެރެހޯއެވެ.

ސްޕެނިޝް ސްޕަރކަޕްގެ ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 12:00 ގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާއިރު، އެތަނުން މޮޅުވާ ޓީމަކާ ރެއާލް މެޑްރިޑް ކުޅޭ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް