ކުލި ކޮންޓްރޯލް ކުރުމާއިމެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބަލާނީ އެކަމާ ނުކުޅެވޭތޯ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އާސްކްސްޕީކާ"ގެ ރޭގެ ސެޝަންގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމާމެދު ދެކެލައްވަނީ ކިހިނެއްތޯއާއި އެކަމަށް ގާނޫނެއް ހައްދަވަން ގަސްތު ކުރައްވަންތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ސެންޓަރ ރައިޓޭ މިކިޔާ މެދު ކަނާތު ވިސްނުމުގެ ޕާޓީއެއް ކަމަށެވެ. ޕްރައިޒް މެކޭނިޒަމާ މާރުކޭޓުތަކާ އެމްޑީޕީން ބަލާނީ ވީ މިންވަރަކުން ނުކުޅެ ވޭތޯ ކަމުގައި ވިދާޅުވިއެވެ.
"ކުލިއެ ބި ބިނާވެފައި އޮންނަނީ ކިތައް މީހުންތޯ އިމާރާތެއް ބޭނުމިއްޔާ ކިތައް އިމާރާތެއްތޯ ހުރިއްޔާ، އެދޭތީގެ މައްޗަށް، މިހާރު ކުލި މައްޗަށްދަނީ އިމާރާތް މަދުވެފައި ބޭނުންވާ މީހުން ގިނަވީމަ، ދެން އެކުލި ދަށްވާނީ އިމާރާތް ގިނަވެފަ ބޭނުންވާ މީހުން މަދުވީމަ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ތެރެއަށް ވަދެގެން ކުލި ކަނޑައަޅައިފިނަމަ އިގްތިސާދުގެ އެތައް ތަނަކުން ކިތަންމެ ނަހަމަ ކަންތައްތަކެއް ނިކުންނާނެ ކަމަށެވެ. އިގްތިސޯދަށް ލިބޭ ގެއްލުންވެސް އާންމު ހާލަތަށް ލިބޭ އުނިކަންވެސް ގިނަވާނެ ކަމަށެވެ.
ރެންޓް ފަދަ ކަންކަން ކޮންޓްރޯލް ކުރަން އުޅުނު އިގްތިސާދުތައް ރަނގަޅަށް ހިނގާފ ހުރިތަނެއް ނުފެނޭ، ކަމަށާއި ކުލި ދަށް ކުރެވޭނީ ސަޕްލައި އިތުރުކޮށްގެން ޑީމާންޑް ދަށްކޮށްގެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް