އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަވައިދާ ހިލާފަށް އަމަލު ކޮށްފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން މިހެން ބުނެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި މައްސަލަތަކުގައި ބީއެމްއެލްއިން ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ޖަމާކުރަން ޖެހޭ ފައިސާތަކެއް، އެސްއޯއެފްގެ އެކައުންޓަށް ތަކުރާރުކޮށް ޖަމާކުރަމުން ދިޔަ އިރު ބޭންކުގެ ކޮންމެވެސް ލެވެލަކުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
މިއީ ބީއެމްއެލް އިން މިހެން ބުނި ދެ ވަނަ ފަހަރެވެ. ބޭންކުގެ އޮފިޝަލަކު މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ އެ މައްސަލައިގަ ބީއެމްއެލްއިން ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީއާ ގުޅޭ ހުރިހާ މުއާމަލާތްތައް ބޭންކް ތެރެއިން ހިންގާފައި ވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
"ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައުއަށް ފޯރުކޮށްދީ ގައުމު ކުރިއެރުވުމަށް،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރްސީ މައްސަލަ މިހާރު ވެސް މުއައްސަސާތަކުން ތަހުގީގު ކުރަމުންދާތީ، އިތުރު މައުލޫމާތު މިވަގުތު ހާމަ ނުކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ބީއެމްއެލުން އެތަނުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ މުއާމަލާތްތަކުގެ މައްސަލަ ފަޅާއެރުމުގެ މާ ކުރިން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް