މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމް "ސާފު ރާއްޖެ އަހަރެންގެ ވެސް ޒިންމާ" މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ހުރިޙާ ރަށެއްގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމް މާލޭގައި ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން މާފަންނު ސްޓޭޑިއަމް ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސާފުކުރުމުގެ ބޮޑު ޕްރޮގްރާމް ހިމެނުއްވީ، ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން ދަމަހައްޓައިގެން މެނުވީ ރާއްޖޭގެ ގުދުރަތީ ރީތި މުއްސަނދިކަމުގެ ނަފާ ހެޔޮގޮތުގައި ނުލިބޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ. އެމަނިކުފާނު ވިދާޅުވީ ކުނީގެ ގޮތުގައި އެންމެ ބޮޑަށް އުފެދެނީ ރަށު ތެރެއަށް އުކާލެވޭ ތަކެތިން ކަމަށެވެ.
"ކުނި ނައްތާލުމަކީ މި ރާއްޖޭގެ ކޮންމެ ރަށަކަށް ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއް. އެފަދަ ކޮންމެ މައްސަލައެއްގެ ހައްލު ފެށެނީ ފަރުދުންގެ ކިބައިން ކަމަށް ވާތީ، މިކަމުގައި ވެސް ފަރުދުންގެ ޒިންމާއާ ދައުރު ވަރަށް ބޮޑު. ގޮނޑުދޮށްތަކާއި ކަނޑުފަޅުތަކާއި ފަރުތަކަށް ކުނި ބޭރުވަމުން ދަނީ ރަށުތެރޭގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމުތަކެއް އެކަށައެޅިފައި ނެތުމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ރަށަކަށް އެފަދަ ނިޒާމެއް ބޭނުންވާ ކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެފަދަ ނިޒާމުތައް ކޮންމެ ރަށެއްގައި ގާއިމްކޮށްދިނުން ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުންމާއި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް