އެމެރިކާގެ ނިންމުމާ ޔޫރަޕްގެ ގިނަ ގައުމުތަކުން ދެކޮޅު

ގުދުސް އަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް ޔޫރަޕްގެ ގިނަ ގައުުމުތަކުން ބަޔާން ނެރެފިއެވެ. ޔޫރަޕްގެ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުން ބުނެފައިވަނ...

08 Dec 2017 | 11:09

ގުދުސް އަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް ޔޫރަޕްގެ ގިނަ ގައުުމުތަކުން ބަޔާން ނެރެފިއެވެ.

ޔޫރަޕްގެ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުން ބުނެފައިވަނީ އެމެރިކާގެ ނިންމުމާއި އެއްބަސް ނޫންކަމަށާއި އެމެރިކާގެ ނިންމުމުގެ ސަބަބުން ފަލަސްތީން އަދި އިސްރާއިލް ގެ މަސްލަހަތު ގޯސްވެ ސުލްހައަށް ހުރަސް އެޅޭނެކަމަށެވެ. އަދި އެމެރިކާގެ ނިންމުމަކީ ބައިނަލްގްވާމީ ގާނޫނުތަކާއި ހިލާފު ނިންމުމެއް ކަމަށްވެސް ބައެއް ގައުމުތަކުން ވަނީ ބުނެފައެވެ.

މިގޮތުން ޔޫރަޕްގެ އެންމެ ނުފޫޒުގަދަ އެއްގައުމު ކަމުގައިވާ ބްރިޓަންއިން ބުނެފައިވަނީ އެމެރިކާގެ ނިންމުމާއި އެއްބަސްނުވާކަމަށާއި އެގައުމުން އިސްރާއީލްއަށް ކަނޑައަޅާފައިވާ އެމްބަސީ ގުދުސްއަށް ބަދަލު ނުކުރާނެކަމަށެވެ. އަދި އެމެރިކާގެ ނިންމުމަކީ އެސަރަހައްދުގައި ސުލްހަ ގާއިމްކުރުމަށް އެޅިގެންދިޔަ ހުރަހެއްކަމުގަޔާއި ގުދުސްގެ މައްސަލައަށް ހައްލެއް ލިބޭނީ ފަލަސްތީނާއި އިސްރާއީލު އެއްބަސްވުމަކަށް އާދެވުމުންކަމަށް ބްރިޓަން އިން ވަނީ ބުނެފައެވެ.

ފްރާންސްއިން ބުނެފައިވަނީ އެމެރިކާގެ މި ނިންމުމަކީ ފަހުން ހިތާމަ ކުރަންޖެހިދާނެ ނިންމުމެއްކަމަށެވެ. އަދި އެމެރިކާގެ ނިންމުމާއި ފްރާންސްއިން ދެކޮޅުކަމަށާއި އެމެރިކާގެ ނިންމުމަކީ ބައިނަލަގްވާމީ ގާނޫނުތަކާއި ހިލާފު އަދި އދ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާވެސް ހިލާފު ނިންމުންތަކެއް ކަމުގައި ފްރާންސްއިންވަނީ ބުނެފައެވެެ.

ޖަރުމަނުން ބުނެފައިވަނީ އެމެރިކާގެ ނިންމުމަށް އެގައުމުން ތާއީދު ނުކުރާކަމަށާއި ގުދުސްގެ މައްސަލަ ހައްލުކުރެވޭނީ ފަލަސްތީނާއި އިސްރާއީލް ގުޅިގެން ގާއިމްކުރެވޭ އޮނިގަނޑެއްގެ ދަށުންކަމުގައެވެ. ނެދަލޭންޑްސް އިން ބުނެފައިވަނީ އެމެރިކާގެ ނިންމުމަކީ ބުއްދިވެރި ނިންމުމެއް ނޫންކަމަށެވެ. އަދި ގުދުސްއަށް ބޭނުންވަނީ ފަލަސްތީނާއި އިސްރާއީލް، މި ދެފަރާތަށް ވެސް ފައިދާވާ ނިންމުމެއްކަމަށާއި ހަމައެކަނި އިސްރާއީލްއަށް ފައިދާވާ ނިންމުމެއް ނޫންކަމަށެވެ.

ބެލްޖިއަމްއާއި ސްވިޑަން އިން ބުނެފައިވަނީ އެމެރިކާގެ ނިންމުމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެކަމުގައެވެ. ރަޝިޔާއިންވެސް ބުނެފައިވަނީ އެމެރިކާގެ މިނިންމުގެ ސަބަބުން ފަލަސްތީން، އިސްރާއީލްގެ މަޝްރަހު އިތުރަށް ގޯސްވެގެންދާނެކަމަށެވެ. ތުރުކީއިން ބުނެފައިވަނީ އެމެރިކާގެ ނިންމުމަކީ ގާނޫނުތަކާއި ހިލާފު ނިންމުމެއްކަމަށާއި އެ ނިންމުމުގެ ސަބަބުން ނުރަނގަޅު އެތައް ކަމަކާއި ކުރިމަތި ލާން ޖެެހޭނެކަމަށެވެ. މިގޮތުން ދީނީ ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.

ޔޫރަޕްގެ އިތުރުންވެސް ގިނަ ގައުމުތަކުން ދަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔަމުންނެވެ. ގުދުސްއަކީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ބަލައިގަނެ އެމެރިކާއިން އިސްރާއީލްއަށް ކަނޑައަޅާފައި ހުންނަ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމުމާއި ގުޅިގެން ފަލަސަތީނުގައި ދަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. މިގޮތުން ފަަލަސްތީނުގެ މުސްލިމުންނާއި އިސްރާއީލްގެ ސިފައިންނާއި ދެމެދު ކުރިމަތި ލުންތަކެއް ހިނގައި ގިނަބަޔަކު ވަނީ ޒަހަމް ވެފައެވެ. އަދި އިސްރާއީލްގެ ސިފައިންވަނީ މި ހަމަނުޖެހުންތަކާއި ގުޅިގެން ގިނައަދަދެއްގެ ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް