ފަސް ވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށް ރޮނާލްޑޯ މެސީއާ ހަމަހަމަކޮށްފި!

ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދޭ ބެލޮންޑިއޯ އެވޯޑް އަނެއްކާވެސް ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ. މިރޭ ޕެރިހުގައި ކުރިއަށް...

07 Dec 2017 | 19:45

ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދޭ ބެލޮންޑިއޯ އެވޯޑް އަނެއްކާވެސް ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ. މިރޭ ޕެރިހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި އަހަރުގެ އެވޯޑް ހާޞިލް ކުރުމާއެކު ރޮނާލްޑޯ ވަނީ 5 ފަހަރު ބެލޮންޑިއޯ ހޯދައި ވާދަވެރި މެސީއާ ހަމަހަމަ ކޮށްފައެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ 2008، 2013، 2014 އަދި 2016 ވަނަ އަހަރު މި އެވޯޑް ހޯދާފައެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ރޮނާލްޑޯ ހޯދިއިރު، ފީފާއިން މިދިޔަ އަހަރު އަލަށް ދޭން ފެށި "ދަ ބެސްޓް" އެވޯޑް މިއަހަރުވެސް ހޯދީ އޭނާއެވެ. އަދި ފާއިތުވި އަހަރުގެ "ދަ ބެސްޓް" އެވޯޑާއި، ބެލޮންޑިއޯ އެވޯޑް ހޯދީވެސް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ވަގުތު އެންމެ ރަނގަޅު ފޯމުގައި ނެތް ނަމަވެސް ވާދަވެރި މެސީ ފަހަތަށް ޖައްސާލުމަށްފަހު ރޮނާލްޑޯ އެވޯޑް ހޯދީ މި އަހަރު ރެއަލް މެޑްރިޑާއެކު ހޯދި ކާމިޔާބީތަކަށް ފަހު ގައެވެ. އޭނާ ވަނީ ރެއަލް މެޑްރިޑާއެކު ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. މި ދެ މުބާރާތް ރެއަލް އަށް ކާމިޔާބު ކޮށްދިނުމުގައިވެސް އުމުރުން 32 އަހަރުގެ ޕޯޗްގަލް ކުޅުންތެރިޔާގެ ދައުރު ވަރަށް ބޮޑެވެ.

އެވޯޑާ ހަވާލުވުމަށްފަހު ރޮނާލްޑޯ ވަނީ މިއީ އޭނާގެ ކެރިއަރުގައި ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށާއި، މި ވަގުތަށް ވަރަށް ދިގު އިންތިޒާރެއް ކޮށްފިކަމަށެވެ. މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ޗެމްޕިއަންސް ލީގާއި ލަލީގާ ހޯދުނުއިރު، ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރެވުނު ކުޅުންތެރިޔާއަކީވެސް އޭނާކަން ރޮނާލްޑޯ ވަނީ ފާހަގަ ކޮށްފައެވެ. އެވޯޑް ހޯދުމަށް ޓްރޮފީ އެހީތެރިވެދޭ ކަމަށާއި، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އެހީތެރިން ކަމަށްވާ ޕޯޗްގަލް އަދި ރެއަލް މެޑްރިޑްގެ އެކުވެރިންނަށް ޝުކުރު އަދާ ކުރާކަމަށްވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާޞިލް ކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް