ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކާއި އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤާނޫނާ ޚިލާފް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެކަންކަން ބައްލަވައިދެއްވުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދިއްޖެއެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޭސީސީއަށް ހޯމަ ދުވަހު ތިން މައްސަލައެއް ބައްލަވައިދެއްވުމަށް ވަނީ ސިޓީ ފޮނުވާފައެވެ. އެއީ އެކަނިވެރި މައިންނަށް ރައީސް ޔާމީންގެ ދެކަނބަލުން ދެއްވަމުން ގެންދަވާ ފައިސާގެ އިނާޔަތްތަކުގެ މައްސަލައާއި، ރައީސް ޔާމީންގެ ދަރިކަލުން ސަރުކާރުގެ ޢިމާރާތެއްގެ 2ދެ ކޮޓަރި ކުއްޔަށް ދޫކޮށްފައިވާ މައްސަލައާއި، ނޮވެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާގެ ޢިނާޔަތް ބެއްސެވުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ޢަމަލީ ގޮތުން ސަރުކާރުގެ ޓީމުތަކާއެކު މަސައްކަތް ކުރައްވާ މައްސަލަ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔަ އަދި އެމަނިކުފާނުގެ އަނބިކަނަލުން އެކަނިވެރި މައިންނަށް ފޯރުކޮށްދެއްވާ ޢިނާޔަތްތަކަކީ ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ފައިސާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަން ވަނީ ވިދާޅުވެފައި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުން ދައުލަތުން ހިންގާ އެކިއެކި ކަންކަމަށް އަމިއްލަ ފަރާތަކުން ދޭ ފައިސާގެ އެހީ ތަކަކީ އެކަމާބެހޭ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާތަކެއްކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއް ނުކޮށް އަދި އެކަނިވެރި މައިންނަށް ޚާއްޞަ ޢިނާޔަތެއް ދިނުމަކީ ދައުލަތުން ހިންގަމުން އަންނަ ކަމަކަށްވާއިރު އެކަމާބެހޭ އެކައުންޓަށް އެ ފައިސާގެ އެހީ ޖަމާނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަމިއްލަ ނަމުގައި ބެހުމަކީ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ކުރައްވަމުން ގެންދަވާ ކަމެއް، އަދި މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަމިއްލަ ނަމުގައި ކުރައްވާ ކަމަކަށްވާއިރު އެކަމާ ގުޅިގެން ކުރެވޭ ހުރިހާ އިދާރީ މަސައްކަތެއްގެ ޚަރަދާއި ދައުލަތުގެ ޢިމާރާތެއް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތަކީވެސް މާލިއްޔަތު ޤާނޫނާ ޤަވާޢިދާ ޚިލާފުކަމެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ނޮވެމްބަރ މަހުގެ ފަހުކޮޅު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ރައްޔިތުންނާ ޙަވާލު ކުރައްވަމުން ގެންދަވާއިރު، ސަރުކާރުން ފޮނުވާ އޮފިޝަލުންގެ ޓީމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވެސް ބައިވެރިވެވަޑައިގަންނަވާ މަންޒަރު މީޑިއާތަކުން ފެންނަމުންދާތީ މި ކަމަކީ ސަރުކާރުގެ ފައިސާއާ ގުޅުން ހުރި މަސައްކަތަކަށްވެފައި ވަކި ޕާޓީއަކަށް ނިސްބަތްވާ ވަކި މެމްބަރަކު އެ މަސައްކަތުގައި ބައިވެރިކުރުވުމަކީ އެ މެމްބަރަކަށް އެކަމުން ފައިދާތަކެއް ކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރާ ކަމަކަށް ޤަބޫލުކުރެވޭތީ މި މައްސަލަ ބައްލަވައިދެއްވުމަށް އޭސީސީގައި އެދިފައި ވާނެ ކަމަށވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ސަރުކާރުގެ ޢިމާރާތެއްގެ ގޮތުގައި ހުންނަ މ. މުރައިދޫގެއިން ދެ ކޮޓަރީގެ ދެ އެޕާޓްމަންޓް ކުއްޔަށް ދޫކޮށްފައިވާކަމާއި އަދި އެތަނުގެ ފާއިތުވި ދެ މަހުގެ ކުލި ޖޫރިމަނާއަކާ ނުލައި ބަލައިގަތުމަށް ފިނޭންސް މިނިސްޓަރ ކޮމިޝަނަރ އޮފް ޓެކްސޭޝަންއަށް އަންގާފައިވާތީ މިކަމަކީ ކޮން އުޞޫލަކުން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ކުއްޔަށް ދޫކުރެވުނު ތަނެއްތޯ އާއި އަދި ދައުލަތަށް ލިބެންޖެހޭ އާމްދަނީއެއް އުނިކުރުމަށް ފިނޭންސް މިނިސްޓަރ ކޮމިޝަނަރ އޮފް ޓެކްސޭޝަނަށް އަންގާފައިވާތީ މި މައްސަލައަކީ މަޤާމުގެ ނުފޫޛު ބޭނުންކޮށްގެން ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަމަކަށްވާތީ އެކަން ބައްލަވައިދެއްވުމަށްވެސް އޭސީސީގައި އެދިފައި ވާނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް