މަނީ ލޯންޑެރިން މައްސަލައިގާ އިއްޔެ ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު)ގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ހާމިދުގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.
ކުރިން ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން ދޫނިދޫން މާލެ އައިތަނުން ހާމިދު ސޭޓު އަލުން ހައްޔަރުކުރީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މީގެ ކުރިން ހާމިދު ސޭޓު ހައްޔަރުކޮށްފައި ބެހެއްޓީ ވައިބާ މެދުވެރިކޮށް ރައީސް ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައިގަ އެވެ. އެ މައްސަލައިގާ 20 ދުވަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.
ހާމިދު ސޭޓުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރަން ވިއްކި ބައެއް ރަށްރަށުން ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އެ މައްސަލައާއި ގުޅުންހުރި މަނީ ލޯންޑެރިންގެ މައްސަލައެއްގެ ތުހުމަތު ހިމެނެ އެވެ.
ފުލުހުން ބުނެފައި ވަނީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ތެރެއިން ރަށެއްގެ ފައިސާ ހާމިދުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް