ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ގާއިމްކުރަނީ

ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުން އެޑިޔުކޭޝަން މިނިސްޓްރީން ސިފައިންގެ ...

08 Dec 2015 | 08:15

ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުން އެޑިޔުކޭޝަން މިނިސްޓްރީން ސިފައިންގެ ވެލްފެއާ ކުންފުންޏާއި ހަވާލުކޮށްފި އެވެ.

ސްކޫލްތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވިކް) އާއި ހަވާލުކުރުމަށްޓަކައި މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

އަދި ސިވިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސިވިކްގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.

ސްކޫލްތަކުގައި ދަރިވަރުންގެ ރައްކައުތެރިކަން ކަށަވަރުކޮށް އެކަން ނިޒާމީ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި މި އެއްބަސްވުމުގެ ދަށުން 213 ސްކޫލެއްގައި އަލިފާން ނިވި ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކުރެވި ގަވާއިދުން ބެލެހެއްޓޭކަމުގައިވާ ނަމަ ސްކޫލަކަށް ދިމާވާ ނުރައްކަލުގެ ހާލަތުގައި ބޭނުންވާ ވަސީލަތްތައް ސްކޫލްގައި ގާއިމްވެފައި ހުންނާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ސިވިކް އިން މި މަސައްކަތް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަލަހައްޓަވާނެ." މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ވިދާޅުވިގޮތުގައި  ސްކޫލްތަކުގައި އަލިފާން ނިއްވަން ބޭނުންކުރާ ތަފާތު ސާމާނުތަކާއި އާލާތްތައް ގަވައިދުން ހަރުކުރުމާއި އެ ބެލެހެއްޓުމުގެ ކަންކަން ކުރަމުންދާނީ އެ ސްކޫލެއް ހިމެނޭ ސަރަހައްދުގައި ހިމެނޭ ސިފައިންގެ މަރުކަޒުތަކުންނެވެ.

ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 213 ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައިވާ އިރު، އެ ޕްލޭންގެ ދަށުން ސްކޫލުތަކުގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް