ސަރަޙައްދީ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު: ރައީސް ޔާމީން

ސަރަޙައްދީ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ހުރިހާ ޤައުމުތަކެއް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއ...

08 Dec 2015 | 08:07

ސަރަޙައްދީ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ހުރިހާ ޤައުމުތަކެއް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ‏މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

‏‏ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކަމުގައި ވިދާޅުވެފައިވާ ކަމަމަށެވެ. އަދި، ވަކިވަކި ޤައުމުތަކުގައި އަމަން ޤާއިމް ކުރެވޭނީ ސަރަޙައްދީ އަމާންކަން ޔަޤީންކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

"ސާކް ޗާޓަރ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތިމާވެށީގެ ނުރައްކަލާއި ޤުދުރަތީ ބޮޑެތި ކާރިޘާތަކަކީ މިއަދު ދެކުނު އޭޝިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވާފައިވޭ، މީގެ އިތުރުން، ޓެރަރިޒަމްގެ ބިރާއި، ހައްދުފަހަނަޅާދިއުމުގެ މައްސަލަތައްވެސް މިއަދު ބޮޑުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވޭ، އަދި، ސަރަޙައްދީ ތަރައްޤީ ހޯދަން ބޭނުންނަމަ، މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ޤައުމަކުން އަތުގުޅާލައި، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޮދީގެ ޚާރިޖީ ސިޔާސަތުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބެދެހިކުރެއްވުމަށް ދެއްވާ އަހައްމިއްޔަތުކަމަށް މަރުޙަބާ ވިދާޅުވެފައިވޭ" އަދި ސާކްގެ އެހެން ޤައުމުތައް ވެސް މިފަދަ ސިޔާސަތެއް ގެންގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވޭ" ރައީސް އޮފީހުން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކުގެ އުޞޫލުތައް ނަގަހައްޓައި، ސަރަޙައްދީ ގުޅުންތައް ރަނގަޅުކޮށް ދެކުނު އޭޝިޔާގެ ތަރައްޤީއަށްޓަކައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށާއި އަދި ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ޤައުމަކުންވެސް އިސްކަން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް