ކަނޑުމަގުން ފުވައްމުލަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 48 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ 11:11 ހާއިރު ފުވައްމުލަކަށް ބަނދަރަށް ކައިރިކުރި ދޯންޏަކުން ކަމަށެވެ.
ފުވައްމުލަކު ބަނދަރަށް ކައިރިކުރި މި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެދޯނި ބަލައިފާސްކުރިއިރު އެދޯނީގެ ގެގަނޑު ކައިރީ ވަށައިގެން ޖަހާފައިވާ ޗޭނުގައި އަޅުވާފައި އޮތް ޖިންސް ސޯޓުބުރިއެއްގެ ކަނާތު ޖީބުން ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 28 އަހަރުގެ މިހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެމީހުންނެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް