އިންޑިއާގައި އަލިމަހުގެ ވިޔަފާރިކުރާ މަހުޖަނެއް ކަމުގައިވާ މަހޭޝް ސަވާނީގެ ހަރަދުގައި ޔަތީމު 151 އަންހެންކުއްޖެއްގެ ކައިވެނި ހަފްލާ ބާއްވައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުގައި އިންޑިއާގެ ގުޖުރާތުގެ ޔަތީމު 151 އަންހެން ކުއްޖެއްގެ ކައިވެންޏާއި ކައިވެނި ހަފްލާގެ ހަރަދުތަށް ކޮށް ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވާފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހު އެވެ. މަހުޖަނު މަހޭޝް ސަވާނީ އަކީ ފާއިތުވި ގިނަ އަހަރުތަކެއްގައި ޔަތީމު ކުދިންގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްދީފައިވާ މަހުޖަނެއް ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
"ސަވާނީ މި މަސައްކަތް ފެށީ 2008 ވަނަ އަހަރު، އެ އަހަރު ސަވާނީގެ ކުންފުނީގެ އަންހެންކުއްޖަކު ކައިވެންޏަށް ތައްޔާރުވެފައި ވަނިކޮށް އެ ކުއްޖާގެ ބައްޕަ މަރުވީ، އެ ހާދިސާއަށްފަހު ސަވާނީ ނިންމީ ކޮންމެ އަހަރަކު ގުޖުރާތުގެ ޔަތީމު އަންހެންކުދިންގެ ކައިވެނީގެ ހަރަދުތައް ކޮށްދީ އެ ކުދިންގެ ބައްޕައެއްގެ ގޮތުގައި އެކުދިންގެ ކައިވެނީގައި ބައިވެރިވުމަށް" މަހޭޝް ސިވާނީގެ އާއިލާގެ ފަރާތުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެ އެވެ.
ސަވާނީ ބުނެފައިވަނީ 151 ޖޯޑުގެ ކައިވެނީގެ ހަފްލާގެ ހަރަދު 50 މިލިއަން ރުޕީސް (750000 ޑޮލަރު) އަރާ ކަމަށާއި ތިން ދުވަހަށް ކުރިއަށްގެންދާ އެ ހަފްލާގައި ލައްކައަކަށްވުރެ ގިނަ ގެސްޓުންނަށް ދައުވަތު އަރުވާފައި ވާކަމަށެވެ. އޭނާ އިތުރަށ ބުނެފައިވަނީ ކޮންމެ އަހަރަކު އެކަން ކުރަނީ ބަޔަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި ހަރަދާއިމެދު އެއްގޮތަކަށްވެސް ނުވިސްނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް